މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހދ. ކުޅުދުއްފުށީގައި ޒުވާނަކު ރަހީނުކުރި މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކުޅުދުއްފުށީގައި މީހަކަށް އަނިޔާ ކުރި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި މި މަހު އެކެއްގައި 24 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެއް ވެސް ހައްޔަރުކުރި އެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މޫނު ނިވާކޮށްގެން ތިބި ބަޔަކު 29 އަހަރުގެ މީހަކު ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާކުރި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން، އެ ކާރު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އޭނާގެ ބޮލުގައި ދަގަނޑަކުން ޖެހުމުގެ ސަބަބުން ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑި އަށް ލޭ އެޅިފައިވާއިރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އޭނާއަށް ފަރުވާ ދިނީ އޭޑީކޭގެ އައިސީޔޫގަ އެވެ.