ލައިފްޓަމް އެޗީވްމަންޓް އެވޯޑް، ޓޫރިޒަމް މިނިސްޓަރު ޒަމީރު ސިޔާމްއާ ރޭ ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން
21 ނޮވެމްބަރ 2016 - 09:21
ޓޫރިޒަމް ދާއިރާގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް މި އަހަރު ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދަށް ލިބިއްޖެ އެވެ.
ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ދޭ އެންމެ ބޮޑު އަދި އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ދިނުމަށް ރޭ އޮޅުވެލި ރިސޯޓުގައި ބޭއްވި ހަފްލާގައި މި އެވޯޑް އޭނާއާ ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.
ސިޔާމްގެ ކުންފުނިން ހިންގާ އޮޅުވެލި ރިސޯޓުގައި ބޭއްވި ހަފްލާގައި ސިޔާމްގެ ވިޔަފާރިއާ ބެހޭ ވީޑިއޯ ޕްރޮފައިލްއެއް ދެއްކި އެވެ. އެ ގޮތުން، ގާތްގަނޑަކަށް 900 ޑޮލަރާ އެކު 1990 ގައި ޓްރެވަލް އެޖެންސީއެއްގެ ގޮތުގައި ހިދުމަތް ދޭން ފެށި ކުންފުނިން 1998 ގައި ފުރަތަމަ ރިސޯޓް ހުޅުވައި މިހާތަނަށް އައިއިރު ހޯދާފައިވާ ގިނަ ކާމިޔާބީތައް އެ ރިޕޯޓުގައި ދެއްކި އެވެ. އެ ޕްރޮފައިލްގައި ދެއްކި އިންޓަވިއުއެއްގައި ސިޔާމް ވަނީ އޭނާގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މީގެ ކުރިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންފައިވާ ފަރާތްތަކުގެ ތެރޭގައި ޔުނިވާސަލް ގްރޫޕްގެ ވެރިޔާ އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން އެމްޔޫ މަނިކާއި ވިލާ ގްރޫޕުގެ ވެރިޔާ ގާސިމް އިބްރާހިމް ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ސިޔާމްގެ ކުންފުންޏަށް އިތުރު އެވޯޑެއް ވެސް ރޭ ލިބުނެވެ. އެއީ ދިވެހި ޓުއަ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނަށް އެންމެ ބޮޑަށް އެހީތެރިވާ ފަރާތަކަށް ދޭ އެވޯޑެވެ.
ސިޔާމްގެ ކުންފުނިން ނ. އަތޮޅުގައި ހިންގާ އިރުފުށި ރިސޯޓަށް ވެސް ރޭ ވަނީ އެވޯޑެއް ލިބިފަ އެވެ. ބައިނަލްއަގުވާމީ ބްރޭންޑެއްގެ ދަށުން ހިންގަމުން އަންނަ ދެ ރިސޯޓް ކަމަށްވާ ދުސިތު ތާނީ މޯލްޑިވްސް އާއި އަނަންތާރާ ވެއްޔާ ވާދަކޮށް، އިރުފުށި ރިސޯޓުން ހޯދީ ސްޕާގެ ހިދުމަތް އެންމެ ރަނގަޅު ފެންވަރަކަށް ދޭ ރިސޯޓަކަށް ދޭ ލީޑިން ވެލްނެސް އެންޑް ސްޕާ ރިސޯޓުގެ އެވޯޑެވެ.
ސިޔާމްގެ ކުންފުނިން ރާއްޖޭގައި ތިން ރިސޯޓް އަދި ސްރީ ލަންކާގައި ރިސޯޓެއް ހިންގަ އެވެ. އަދި ރާއްޖެ އާއި ލަންކާގައި އިތުރު ރިސޯޓުތަކެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ދޭ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި މި އަހަރު 35 ކެޓަގަރީ އަށް 246 ފަރާތަކުން ކުރިމަތިލި އެވެ.
އޭގެ ތެރެއިން އެންމެ ގިނަ އެވޯޑް ގެންދިޔައީ ބަނޑޮސް އައިލެންޑް ރިސޯޓުންނެވެ. އެ ގޮތުން، އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލަން އެންމެ ރަނގަޅު ރިސޯޓަކަށް ދޭ ލީޑިން ފެމިލީ ރިސޯޓުގެ އެވޯޑާއި ޑައިވްކުރަން އެންމެ ރަނގަޅު ރިސޯޓަކަށް ދޭ ލީޑިން ޑައިވް ރިސޯޓުގެ އެވޯޑާއި ކޮންފަރެންސް ފަދަ ހަފުލާތައް ބާއްވަން އެންމެ ކަމުދާ ރިސޯޓަކަށް ދޭ ލީޑިން މީޓިން އެންޑް ކޮންފަރެންސް ރިސޯޓުގެ އެވޯޑް އަދި ރާއްޖޭގެ އެންމެ މަގުބޫލް ރިސޯޓް ބްރޭންޑަކަށް ދޭ ލީޑިން ލޯކަލް ހޮޓެލް/ރިސޯޓް ބްރޭންޑުގެ އެވޯޑް އެ ރިސޯޓުން ހޯދި އެވެ.
ދެން އެންމެ ގިނަ އެވޯޑް ހޯދީ އެންމެ ޝަރަފްވެރި އެއް އެވޯޑް ކަމަށްވާ ލީޑިން ލަގްޒަރީ ރިސޯޓުގެ އެވޯޑް ވެސް ހޯދި ކޮންރަޑް މޯލްޑިވްސް ރަންގަލި ރިސޯޓެވެ. އެ އެވޯޑުގެ އިތުރުން، އެ ރިސޯޓަށް ވަނީ ލީޑިން އެފްއެންޑީ ރިސޯޓުގެ އެވޯޑާއި ރާއްޖޭގައި އެންމެ މަގުބޫލް ބައިނަލްއަގުވާމީ ރިސޯޓް ބްރޭންޑަކަށް ދޭ ލީޑިން އިންޓަނޭޝަނަލް ހޮޓެލް އެންޑް ރިސޯޓް ބްރޭންޑުގެ އެވޯޑް ވެސް ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްތިގްލޮލް
09 June 2017
ރާއްޖެގައި އިންވެސްޓުކުރަން މީހުން ޖެހިލުންވާނެ އަމަލުތައް ހިންގުމުގެ އިސްސަފުގައި ހިމެނުމުގެ އެވޯޑެއްވެސް ތައްޔާރުކުރަން ފެނޭ.
ސައްދާމް
21 November 2016
ތި ކަމަށް ޝަރުތު ފުރިހަމަ ވާނެ އަސްލު ހަމައެކަނި މީހާ އަށް ލިބުނީ.......... ދެން ހަމަ ޔަގީން......
ބޯލަބޭ
21 November 2016
ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އެހެން ޤައުމުތަކުގައި ދީއުޅެނީ އެދާއިރާއެއްގައި ގިނަދުވަސްތަކެއްގައި ޚިދުމަތްކޮށްފައިތިބޭ ޢުމުރަށްބަލާއިރުވެސް ގިނަދުވަސްވެފައި ތިބޭމީހުންނަށް. ޝިޔާމަށް ޓުއަރިޒަމް ޑިވެލޮޕްމަންޓް އެވޯޑެއް ދިންނަމަވެސް ރަނގަޅުދޯ.....
ފަތުވާ
21 November 2016
ސާލިޔަމެންނަށް މީހަކާބެހޭ މަޢުލޫމާތެއް ގެނެސްދޭއިރު އެމީހާގެ ޕްރޮފައިލެއް ނަހަދާތަ ތިގެނެސްދެނީ. މީހާ ބުނިހެން ސުރުޚީއަކާ ލިޔެފައޮތް އެއްޗަކާ ނުގުޅޭ. ރޭގެ އެވޯޑް ހަފުލާގެ އެހެންކަނަކަމުގެ ވަހަކަ ގިނައީ. ކޮބާ އިސްމާލުމެން ހަމްދޫނުމެން މޫސަމެން. ބަލައެއްނުލާދޯ އެމީހުންވެސް. މާބޮޑަށް ސީނިއަރުވީތޯއްޗެ؟
ވިސްނާލީމާ
21 November 2016
މަރްހަބާ ޝިޔާމް! އަދިވެސް އަދިވެސް ކާމިޔާބުލިބޭނެ! ހިތްވަރާއެކު މަސައްކަތްކުރޭ! އަހަރެންނަކީ ޝިޔާމުގެ ކުރިއެރުމަށް އެދޭމީހެއް! އަދި ޝިޔާމުގެ އެހީތެރިކަމަށްވެސް އެދޭމީހެއް! -އިބްރާހީމް-
މީހާ
21 November 2016
"ޓޫރިޒަމް ދާއިރާގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ސިޔާމަށް" ޝިޔާމް ގެ ވާހަކަ އެންމެ 5 ވަރަކަށް ލައިން. ދެން މުޅިން ސުރުޚީ އާ ނުގުޅޭވާހަކަ.
އެވޯޑު
21 November 2016
ޝިޔާމް މާ ޅައެއްނު ތިއެވޮޑު ދޭވަރަށް ވުރެން...މަލާމާތެއް ކައްނޭގެ ތީ
ރަދީފް
21 November 2016
މަރުހަބާ.
ވިންޑް
21 November 2016
ޓޫރިޒަމް ދާއިރާގެ ލައިފް އެޗީވް މަންޓް ސަން ސިޔާމް އަށް ލިބުނު ކަން އެއީ ދިވެހި އެންމެހާ ރައްޔިތުން އުފާ ކުރަން ޖެހޭނެ ކަމެކެވެ. މީގެއިން މިއެގިގެން ދަނީ ރާއްޖެ މިހާރު މިއުޅެނީ ލިޓިލް ސިންގަޕޯރ އަށް ބަދަލު ވާންކަން. އެމެން ޖީއެމްއާރަށް އެއާރޕޯރޓް ވިއްކާލައިގެން ރާއްޖެ ރޮޓެން ކަންޓްރީ އަކަށް ބަދަލު ކޮށް ފައި ވަނި ކޮށް ރާއްޖެ އެކަމުން ސަލާމަތް ކޮށް ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ބަދަލު ކުރުމުގެ ކޮޅު މަތި ދަނީ ފެންނަމުންނެވެ. ސްޓޭޖް މަތީ ބޭސް ގިޓާރ ހިފައިގެން ޖަމްޕެއް ޖެހުމަށް ފަހު މިކަމުގެ އުފަލުގައި ގިޓާރ ކުޅެލަން ވީ އެވެ. ޖެހޭ ފިނި ވައިރޯޅީގައި އުފާވެރި ކަމުގެ އުއްމީދުތައް އިހްސާސް ވަނީ އެވެ. ކަނޑުގެ ގެ ސާރފޭސް ގައި ހީވަނީ ތަޅުން އަޅާފައިވާހެން އޮމާން ކަމުން. ކަނޑުގެ އޮއިވަރު ޖެހޭ ފިނި ވައިރޯޅި އާއި އެކު ވޭވްސް ތައް ނަށަން ފަށަނީއެވެ. މަމެން އެންމެންނަށް އުފާވެރިކަން ގެނެސްދެނީ އެވެ. ބަދަލު ވަނީ، ބަދަލު ވަނީ، ބަދަލު ވަނީ، މަމެންގެ ގައުމު ލިޓިލް ސިންގަޕޯރ އަށް. އިޓްސް އަ ވިންޑް އޮފް ޗޭންޖް..
ނަޒީމް
21 November 2016
ސިޔާމަށް ވުރެ މި އެވޯޑް ހައްގުވާ މީޙުން އެބަތިބި!
ބްރޯ
21 November 2016
ނަޒީމް ގެ ކޮމެންޓަށް ވުރެ ގިނައިން ލައިކް ލިބުން ހައްޤު ކޮމެންޓްތައްވެސް އެބަހުރި