ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ސަރުކާރުން އަޅަން ނިންމާފައިވާ ސްކޫލުތަކުގެ ތެރެއިން އިތުރު ސްކޫލެއް އިމާރާތްކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސްކޫލްގެ ޑިޒައިން ކުރެހުމާއި އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ)އާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ އާއިލީ ކުންފުނި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު އެވެ.
މި މަސައްކަތަށް 243 މިލިއަން ރުފިޔާ ހަރަދުކުރާއިރު، ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމަންޖެހެ އެވެ. މިނިސްޓްރީން ބުނީ އަންނަ އަހަރު ޑިސެމްބަރަށް މި މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި މަސައްކަތަކީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުގެ ދަށުން ފަސް އަހަރަށް ބަހާލައިގެން ރިފައިނޭންސް ކުރެވޭ ގޮތަށް ހަވާލުކުރި މަޝްރޫއެކެވެ.
ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި 14 ސްކޫލެއް އިމާރާތްކުރަން ނިންމާފައިވާއިރު، މިދިޔަ ފެބްރުއަރީ މަހު ވަނީ ފުރަތަމަ އިމާރާތްކުރާ ސްކޫލް "ސަލާހުއްދީން ސްކޫލް" މަސައްކަތައް އެހެން ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އަންނަ އަހަރުގެ މާޗަށް ނިންމަންޖެހޭ އެ ސްކޫލް އިމާރާތްކުރުމުގެ މަސައްކަތް، 118 މިލިއަން ރުފިޔާ އަށް ހަވާލުކުރީ އަމިން ކޮންސްޓްރަކްޝަންއާ އެވެ.
އެއީ މިދިޔަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން އިމާރާތް ކުރަން ހަމަޖެއްސި ސްކޫލެކެވެ. ނަމަވެސް ކޮވިޑު-19 ގެ ސަބަބުން ސްކޫލުގެ މަސައްކަތް، މި އަހަރަށް ފަސްކުރީ އެވެ.
މި ސަރުކާރުގެ ޕްލޭނަކީ ސްކޫލްތަކުގެ ކިޔެވުން އެއް ދަންފަޅި އަށް ބަދަލުކުރުމެވެެ. އެ ސިޔާސަތަށް ބަލައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވެސް، މިހާރު ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރު ސްކޫލުތައް އިމާރާތްކުރަން ޖެހޭނެ އެވެ. ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި 14 ސްކޫލެއް އިމާރާތް ކުރާނެ ބިން ކަނޑައަޅައި އެޗްޑީސީން އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފައިވެ އެވެ.