ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި މަހު ދިން ހަމަލާއާ ގުޅުން ހުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބައެއް މީހުންގެ ވަކީލުންނާ ގުޅޭ ގޮތުން ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައްޔަރުކޮށްފައިވާ ބައެއް މީހުންގެ ވަކީލުންގެ ގޮތުގައި ވަޑައިގަންނަވަނީ ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމުގައި ހުންނަވަނިކޮށް މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމުން އިސްތިއުފާ ދެއްވި މުހައްމަދު ރާގިބު އަހުމަދުގެ ލޯ ފާމްގެ ބައެއް ބޭފުޅުން ކަމަށާއި ރާގިބާއި އޭނާގެ ދަށުން މަސައްކަތްކުރައްވާ ވަކީލުން ނަޝީދާ މެދު އިންސާފުވެރި ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ނާޒިމް އިޝާރާތްކުރައްވާފައި އެ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި ނަޝީދު އިންނަވައިގެން ރާގިބާ މެދު ފިޔަވަޅު އަޅައި މަގާމުން ވަކިކުރަން ނިންމާފައި ވާތީ އެ މައްސަލަ އަށް ކަމަށް ބެލެވެ އެވެ.

ނާޒިމް ތުހުމަތުކުރައްވާފައިވާ ގޮތުގައި ހަމަލާއަށް ފަންޑުކުރި މީހުން ވެސް ރާގިބަށް އެނގިވަޑައިގަންނަވާނެ އެވެ.

ނާޒިމްގެ ޓްވީޓްގައި ރާގިބްގެ އިތުރުން ތިން ވަކީލެއްގެ ނަން ފާހަގަކުރައްވާފައިވެ އެވެ.

ނާޒިމް މިގޮތަށް ޓްވީޓްކުރެއްވުމުގެ ކުރިން "މިހާރު" އަށް އެނގިފައިވާ ގޮތުގައި، މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ބައެއް މީހުންނަށް ވަކީލުން ހަމަޖެއްސީ ކޮން ބައެއްކަން ވެސް، ހައްޔަރުކޮށްފައިވާ ބައެއް މީހުންނަކަށް ނޭނގެ އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންގެ އާއިލާތަކަށް ވެސް އެކަމެއް ނޭނގެ އެވެ. އަދި މިގޮތަށް ހަމަޖެއްސި ވަކީލުންނަކީ މި މައްސަލައިގެ ތުހުމަތުކުރެވޭ އިސް މީހުންގެ ފަރާތުން ހަމަޖައްސާފައިވާ ވަކީލުންކަމަށް، މައުލޫމާތު އެގޭ ބައެއް މީހުން "މިހާރު" އަށް ކިޔައިދިނެވެ. ނަމަވެސް ނާޒިމްގެ ޓްވީޓްގައި މިފަދަ ވާހަކައެއް ވިދާޅުވެފައެއް ނުވެ އެވެ.

ރާވައިގެން ހިންގާ ޖަރީމާތަކާ ގުޅިގެން ހައްޔަރުކުރާ ބައެއް މީހުންނަކީ ބޮޑު އަގުގައި ގާނޫނީ ވަކީލުން ހަމަޖެއްސޭނެ މާލީ ތަނަވަސްކަން ހުންނަ މީހުންނަށް ނުވިޔަސް، އެ މީސްމީހުންގެ އާއިލާ އަށް ވެސް ނޭނގި ވަކީލުން އައްޔަނުވާ ކަމަށް މީގެ ކުރިން ވެސް އަޑު އަރާފައިވެ އެވެ. ނަޝީދަށް ދިން ހަމަލާގެ ތުހުމަތަށް އަށް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ވާއިރު އޭގެ ތެރެއިން ބައެއް މީހުންނަށް، ހަމަލާގެ އަޑީގައި ތިބި ބައެއްގެ އެހީއާ އެކު ވަކީލުން ހަމަޖައްސާފައިވާ ކަމަށް ބެލެވޭ ކަންތައްތަކެއް ހިނގާފައިވާކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.

ރާއްޖޭގައި ކުށުގެ ތުހުމަތުގައި ބަންދުކުރުމުން އެމީހަކާ ގުޅުން އޮންނަ ފަރާތަކުން އެ މީހަކު ސަލާމަތްކުރަން އުޅުމަކީ ވަރަށް އާންމުކަމެކެވެ. ސިޔާސީ މީހުން ޖިނާޢީ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށް ހުކުމް ކުރުމުން އެ މީހަކު ނިސްބަތްވާ ސިޔާސީ ޕާޓީތަކުން އެ މީހަކު ސަލާމަތްކުރަން މަސައްކަތްކުރުމާއި ގޭންގްތަކަށް ނިސްބަތްވާ މީހުން ކުށްކޮށްގެން ހައްޔަރުކުރުމުން އެ ގޭންގެއްގެ އިސް މީހުން ޚަރަދުކޮށްގެންނާއި ގުޅުންހުރި ފަރާތްތަކާ ގުޅައިގެން އެ މީހުން ސަލާމަތްކުރަން އުޅުމަކީ އާންމުކޮށް ހިންގާކަމެކެވެ.

އައިއީޑީއެއް ގޮއްވާލައިގެން މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް ދިން ހަމަލާގެ ތުހުމަތަށް މިހާތަނަށް އަށް މީހަކު ހައްޔަރުކޮށްފައިވާކަން ހާމަކޮށްފައި ވިޔަސް އޭގެ ތެރެއިން ވަނަވަރު ހާމަކޮށްފައިވަނީ ފަސް މީހެއްގެ އެވެ.