ހަނިމާދޫ އެއާޕޯޓު.
05 ޖުލައި 2021 - 14:56
ރައްޔިތުންނަށް ހަގީގީ ލާބަ އާއި މަންފާ ލިބޭނެ ގޮތަށް ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަން ގޮވާލައި، އެ ރަށުގެ 800 އަށް ވުރެ ގިނަ މީހުން ސޮއިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިއްޔެ ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ހަނިމާދޫގައި ވޯޓުލެވޭ އާބާދީގެ 50 ޕަސެންޓް މީހުން ސޮއިކޮށް ފޮނުވި ޕެޓިޝަންގައި ބުނީ، އެ މަޝްރޫއަކީ އެ ރަށުގެ ރައްޔިތުންގެ ދިރިއުޅުމަށް އިޖުތިމާއީ އަދި އިގުތިސޯދީ ގޮތުން ގުޅިލާމެހިފައިވާ ކަމެއް ކަމަށެވެ. ނަމަވެސް ސަރުކާރުން އެއާޕޯޓު ތަރައްގީ ކުރުމަށް މިހާރު ހުށަހަޅާފައިވާ ގޮތާ މެދު ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ޕެޓިޝަންގައި ވެ އެވެ.
ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަނިމާދޫ އެއާޕޯޓު ތަރައްގީކުރާ ބިމުގެ ސަރަހައްދަށް 853،937 އަކަފޫޓު އިތުރުކުރަން ޕްލޭނިން މިނިސްޓްރީން މިދިޔަ މާޗު މަހު އެ ރަށު ކައުންސިލަށް ހުށަހަޅާފައި ވެ އެވެ. ނަމަވެސް ބޮޑު ބިމެއް ދިނުމުގައި ރަށުގެ ޖަމިއްޔާތަކާއި އާއްމުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމުން ފަހުން ވަނީ 400،000 އަކަފޫޓަށް ބިމުގެ ސައިޒު ކުޑަކުރަން ހުށަހަޅައިފަ އެވެ.
އެކަމަކު ކައުންސިލުން އަދި ލޭންޑުޔޫސް ޕްލޭނެއް އެގޮތަށް ފައިނަލެއް ނުކުރެ އެވެ.
އެ ކަންބޮޑުވުންތަކާ ހެދި ހަނިމާދޫގެ ތިން ޖަމިއްޔާ އިން އިސްވެ ތައްޔާރުކޮށް ރަށުގެ ގިނަ ބަޔަކު ސޮއިކޮށްފައިވާ ޕެޓިޝަނުގައި ވަނީ އެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް މަޝްރޫއު ކުރިއަށް ގެންދިއުމަށް އެދިފަ އެވެ.
"ރައްޔިތުންގެ މި ހުށަހެޅުމަށް ރިއާޔަތް ކުރައްވާ، މި ސަރުކާރުގެ ލާމަރުކަޒު ކުރުމުގެ ސިޔާސަތާ އެއްގޮތަށް ހަނިމާދޫގެ ރައްޔިތުންނާ މި ކަމުގައި މަޝްވަރާކޮށް ބޭނުންވާ ބަދަލުތައް ގެނެސް ދެއްވައި މުސްތަގުބަލުގައި ހަނިމާދޫގެ ރައްޔިތުންނާ އެ މީހުންގެ ދަރިފަސްކޮޅު އަމިއްލަ ބިމުގައި ބިކަވެގެން ނުދާނެ ގޮތަށް މި މަޝްރޫއު ކުރިއަށް ގެންގޮސްދެއްވުން އެދި ދެންނެވީމެވެ،" ޕެޓިޝަންގައި ބުންޏެވެ.
އެއާއެކު، އެއާޕޯޓު މަޝްރޫއާ ގުޅޭ މައިގަނޑު ފަސް ކަމެއް އެދިފައި ވެ އެވެ.
އެއީ، ހަނިމާދޫ ރައްޔިތުންގެ އަސާސީ ހައްގެއް ކަމަށްވާ ދިރިއުޅުމަށް ގޯތި ދޫކުރުމާއި އަދި އެނޫން ވެސް އެހެން ބޭނުންތަކަށް މަދުވެގެން ކުރިއަށް އޮތް 50 އަހަރަށް ބޭނުންވާނެ ބިން ކަނޑައަޅައި ރައްޔިތުންގެ މަޝްވަރާއާއެކު ރަށުގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން އެކުލަވާލައި ފާސްކުރުމަށް ފަހ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ކުރިޔަށް ގެންދިއުމެވެ.
އޭގެ އިތުރުން އެއާޕޯޓް ހިމެނޭ ސަރަހައްދުގައިވާ ރަށުގެ ހިކިފަސް ބިމުން ވީހާ ވެސް ކުޑަ ޖާގައެއް ބޭނުންކޮށްގެން އަދި އެއާޕޯޓު ތަރައްގީ ކުރުމަށް އިތުރަށް ބިން ބޭނުންވާ ނަމަ، މިހާރު އެއާޕޯޓަށް ކަނޑައަޅާފައިވާ ސަރަހައްދުން (ރަށުގެ ދެކުނު ފަރާތުން) ބިން ހިއްކައިގެން މަޝްރޫއު ކުރިއަށްގެންދަން އެދިފައި ވެ އެވެ.
"މި މަޝްރޫއުގައި ކަނޑައަޅާފައިވާ ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅުން ހުރި ކަންކަމާއި އަދި މިނޫން ވެސް އެއާޕޯޓްގެ އޮޕަރޭޝަނާއި ސީދާ ގުޅުމެއް ނުވާ ކަންކަމަށް ކަނޑައަޅާ ބިންތައް ހަނިމާދޫ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނި މިފަދަ ބިންތަކުން ކުރިމަގުގައި ކައުންސިލަށް އާމްދަނީ ލިބި، މި ބިންތަކަކީ ކައުންސިލްގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް ބޭނުންކުރެވޭނެ ވަސީލަތެއްގެ ގޮތުގައި ހަމަޖެއްސުން. މިއީ މި ސަރުކާރުގެ ލާމަރުކަޒުކުރުމުގެ ސިޔާސަތުގެ ތަސައްވުރެއްކަން ވެސް ފާހަގަކުރަން،" ޕެޓިޝަންގައި އެދިފައި ވެ އެވެ.
އެމްއެންޑީއެފްގެ ބޭނުމަށް ހަނިމާދޫ އެއާޕޯޓް ސަރަހައްދަށް އިތުރުކުރުމަށް ހުށަހަޅާފައިވާ 420،316 އަކަފޫޓުގެ ބިން ހިމެނޭ ސަރަހައްދަކީ، ހަނިމާދޫގެ ރައްޔިތުން މިހާރު ވެސް ބޭނުންކުރާ އަދި މުސްތަގުބަލުގެ ތަރައްގީއަށް ވަރަށް މުހިއްމު ބައެއް ކަން ފާހަގަކޮށް ޕެޓިޝަނުގައި އެދިފައި ވަނީ ސިފައިންގެ ބޭނުމަށް ރަށުގެ އެހެން ސަރަހައްދަކުން ބިމެއް ކަނޑައެޅުމަށެވެ.
އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނާ ހިއްސާކޮށް އެފަދަ ބިޔަ މަޝްރޫއުތަކުގައި ހަދާ ސޯޝަލް އިމްޕެކްޓް އެނަލިސިސް ހަދައި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދީގެން މަޝްރޫއު ކުރިއަށް ގެންދަން ވެސް ޕެޓިޝަންގައި އެދުނެވެ.
އެ މަޝްރޫއާ ގުޅޭ ކަންބޮޑުވުންތައް ހިއްސާކޮށް ހަނިމާދޫގެ ތިން ޖަމިއްޔާއަކުން ވެސް މިދިޔަ މަހުގެ 8 ގައި ވެސް ރައީސަށް ސިޓީއެއް ފޮނުވި އެވެ. ނަމަވެސް އެކަމުގައި މިހާތަނަށް އެއްވެސް ޖަވާބެއް ނުލިބެ އެވެ. އަދި އެއާޕޯޓު ތަރައްގީކުރަން ނިންމާފައިވާ ގޮތާ ދެކޮޅަށް އޮންލައިން ޕެޓިޝަނެއް ވެސް މީގެ ކުރިން ހެދި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރުތަ
05 July 2021
ރަށުގެ ބިމުން އެއްވެސް މިންވަރެއް ބޭނުން ނުކޮށް އެންމެ ޒަމާނީ ޚިދުމަތްތަކާއެކު އެއަރޕޯޓެއް އަޅާ ތަރައްޤީ ކުރަން ޕެޓިޝަނުގައެދުނުނަމަ، ނޫނީ އެއަރޕޯޓް އޮޕަރޭޓުކުރަން ފެށުމާއެކު އެއަރޕޯޓުގެ ބިމުކުލީގެ ގޮތުގައި އަހަރަކު ބޮޑުފިއެއް ކައުންސިލަށް ދައްކަން ޖެހޭނެކަމަށް ޕެޓިޝަނުގަ ޖަހާލިނަމަ ވަރަށް ސަޅިވީސް.
ރި ހާކުރުބޮނޑި
05 July 2021
ހާދަ ބައިވަރު ޑިމާންޑެކޭ. ތީ ހަމަ ތިރަށުގަ އެއަރޕޯޓް އަޅަންޏާ ކޮއްދޭންޖެ ހޭ ހާ ކަންތައްތަ؟ ބަލަ އިންޓަރނޭޝަނަލް އެއަރޕޯރޓެއް އެޅީމަ ރަށަށް އަންނާނެ ތަރައްގީ ނުވިސްނޭތަ. ވިސްނާލަންޖެހ ހޭނެ ތި ހުރިހ ހާކަމެއް ދައުލަތުގެ ބައިތުލްމާލުން ކުރާއިރު އެއީ މުޅި ގައުމުގެ ހުރިހ ހާ ރައްޔިތުންގެ ފައިސާ.
ކައްޕާލިޔޫސުބު
05 July 2021
އެވަރުގެ އިންޓަރނޭޝަނަލް އެއަރޕޯޓަކުން ރަށަށް އަންނާނެ ތަރައްގީ ވިސްނޭނަމަ ތި ހާ ހާސަރެއް ނުދެމީސް. ފަހުން ދެރަވާނެ.
ރީތި ހުސޭނު
05 July 2021
މާ ހެޔޮއެދޭ ބައެއްގެ ބަސްއަ ހައިގެން ހަނިމާދޫ މީ ހުން ފަ ހުން ހިތާމަކުރަން ނުޖެ ހިއްޖެއްޔަ ރަގަޅު.
އުމަރުބެ
05 July 2021
ރަށުގެ ރައްޔިތުން އެހ ހާ ނުގަބޫލުކަމެއް ކުރުން ރަގަޅެއްނޫން. ކޮންމެސް އެހެން ފަޅެއް ތިކަމަށް ޚިޔާރުކުރުން ރަގަޅުވާނެކަމަށްފެނޭ.
ޙެޔޮ އެދޭ
05 July 2021
ޢޮޅުވަލައިގެން ސޮއި ކޮށްފަ
ރައްޔިތެއްމީ
05 July 2021
ހުޅުލޭއަށްވުރެއް ބޮޑު ބިމެއް މިހާރުވެސް އެއާރޕޯޓު ތަރައްގީކުރަން. ރަށުގެ އެންމެ ބޮޑު ފަޅު އެ ސަރަހައްދުގައި. އިތުރަށް ބޭނުންވާ އެވަރުގެ ކިތަންމެ ބިމެއް ހިއްކަންވީ. ބިން ހިއްކައިގެން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް. އެހެން ރަށަކަށް ބަދަލު ކުރެވޭނެތަ މިއުޅެނީ ހުޅުލެއަށް ވުރެއް ބޮޑު ބިމެއް ކުޑަވެގެން. އެހެން ރަށަކަށް ބަދަލުކުރަން ހަނިމާދޫގައި މިހާރު ނުހިއްކާ ލިބެންއެޮތް ވަރުގެ ބިންވެސް ހަމަޖެހޭނީ ހިއްކަން.
އިބްރިން
05 July 2021
ތި ހިއްކާ ފައޮތް ބިމުންވެސް ރަށުގެ އާބާދީ 50 އަހަރު ވާއިރު ތިބޭ އާބާދީއަށް ގޯތި ނުދެވޭނެ. ދެން ކިހިނެއް އެހެންކަމެއް ކުރާނީ؟
އައުޓް
05 July 2021
އިންޑިއާ އައުޓް އިންޑިއާ އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް އައުޓް
އަރުތަ
05 July 2021
ތިހެން ލިޔަމުންދިޔައިރުވެސް ރަނގަޅަށްވިއްޔާ އިންނާނީ ކަސައުޓީ އަޅުވައިގެން އެބަލަން، ދެން މާދަން ފޫކޮޅުގަ މުލިއްސެއް ޖެހިއަސް ދުވެފަދާނީ އިންޑިއާއަށްކަން ހަމަ ޔަޤީން.
ހާސަރު
05 July 2021
ހަނިމާދޫ އެއަރޕޯޓް ތަރައްގީ ކުރުމުގެ ބަދަލުގައި ދައްޕަރަށް ތި އެއަރޕޯޓް މަސްރޫ ބަދަލުކޮށް ފިއްލަދޫއާއި ގުޅުވައިގެން ހަދަންނިންމާ މާރަގަޅު ވާނެ. ސިޔާސީ މީހުން ރައްޔިތުންގެ ބޯކައިގެން ގަންނަ ގަޑެއްތީ.
ރާއްޖެ
05 July 2021
ހަނިމާދޫ އަކީ އިންޑިއާގެ މިލިޓަރީއަށް މުހިއްމު ލޮކޭޝަން އެއް. ރައްޔިތުން ޖެހޭނީ ތިހެން ހަމަ ކަންބޮޑުވެފަ ތިބެން.
ޗައިނާ
05 July 2021
ހަނިމާދޫ ޗައިނާގެ މިލިޓަރީ ބޭހެއްހަދަން ދޭންވީނު.