ޅ. ހިންނަވަރުގައި ކުޑަކުދިންތަކެއް ވެއްޔާ ކުޅެނީ.-- ފައިލް ފޮޓޯ / މިހާރު
08 ޖުލައި 2021 - 14:44
ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ކުރު މުއްދަތަށް ނުވަތަ ދިގު މުއްދަތަށް އެކަހެރިކޮށްގެން ފަރުވާ ދޭން ޖެހޭ ކުޑަކުދިންނާއި އިސްލާހީ ފިޔަވަޅު އެޅުމަށްޓަކައި ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަން ޖެހޭ ކުދިން ބޭތިއްބުމަށްޓަކައި ގާއިމުކުރަން ޖެހޭ މަރުކަޒުތަކުގެ މަސައްކަތް ނުނިމި ލަސްވަނީ ބަޖެޓް ތާށިވުމުގެ ސަބަބުން ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހޯމް މިނިސްޓްރީގެ ކޮމިނިއުކޭޝަން ޑިރެކްޓަރު ހަފްސީ އަބްދުﷲ "މިހާރު" އަށް ވިދާޅުވީ ކޮވިޑުގެ ސަބަބުން، މި މަސައްކަތަށް ބޭނުންވާ ބަޖެޓް ހަމަޖެހުމުގައި ދަތިތަކެއް ހުރުމުން، އެ މަރުކަޒުތަކުގެ މަސައްކަތް ވެސް މަޑުޖައްސާލަން ޖެހުނު ކަމަށެވެ. ނަމަވެސް، އެ މަސައްކަތްތައް އަލުން ފަށައިގެން މިހާރު ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ގާނޫނުގެ ދަށުން ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒުތަކާއި ކަރެކްޝަނަލް މަރުކަޒުތައް ވެސް ގާއިމް ކުރަންޖެހެ އެވެ. އެއީ ތިން ބާވަތެއްގެ ރެޒިޑެންޝަލް މަރުކަޒުތަކާއި ދެ ބާވަތެއްގެ ކަރެކްޝަނަލް މަރުކަޒުތަކެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ދޮޅު އަހަރު ތެރޭގައި ރެޒިޑެންޝަލް ނުވަތަ ކަރެކްޝަނަލް ކޮންމެސް އެއް މަރުކަޒެއް އުފައްދައި ހިންގުން ހޯމް މިނިސްޓްރީ އަށް ލާޒިމުވެ އެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލުކުރަން ފެށީ މި ގާނޫނު ތަސްދީގު ކުރިތާ އަހަރެއްގެ ފަހުން، މިދިޔަ އަހަރު ނޮވެމްބަރު 20 ގަ އެވެ.
ރެޒިޑެންޝަލް މަރުކަޒުތަކުގެ ގޮތުގައި ގާއިމްކުރަން ޖެހޭ ތިން ބާވަތެއްގެ ތެރެއިން، އެއް މަރުކަޒުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް އޮތީ ބިޑިން މަރުހަލާގައި ކަމަށް ވެސް ހަފްސީ ވިދާޅުވި އެވެ. އެއީ ދ. ކުޑަހުވަދޫގައި ގާއިމްކުރާ ކުޑަކުދިންގެ ރެޒިޑެޝަލް ޓްރީޓްމަންޓް ސެންޓަރެވެ. އަދި އެ ރަށުގެ އިތުރުން ށ. ފުނަދޫ އާއި ހއ. ހޯރަފުށީގައި ވެސް ކުޑަކުދިންގެ މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް ކުރަން ރާވާފައިވާ ކަމަށް ވިދާޅުވި އެވެ.
ފުނަދޫ އާއި ހޯރަފުށީގައި ގާއިމްކުރަނީ ކުޑަކުދިންގެ ޝެލްޓާ ނުވަތަ ހާފްވޭ ހައުސްތަކެކެވެ. މީގެ އިތުރުން ލޯންގް ޓާމް ރެޒިޑެންޝަލް ކެއާ ފެސިލިޓީއެއް ވެސް ގާއިމްކުރަން ޖެހެ އެވެ. ނަމަވެސް، އެ މަރުކަޒުގެ މަސައްކަތް އަދި ނުފަށަ އެވެ. އަދި ބަޔާންކޮށްފައިވާ މި މަރުކަޒުގެ ތަކުގެ އިތުރުން ވެސް ފަރުވާ ދޭ އިތުރު ތަންތަން ހެދުމަށް މި ގާނޫނު ހުއްދަކުރެ އެވެ.
ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތަކުގެ ގޮތުގައި ޖުވެނައިލް ޑިޓެންޝަން ސެންޓަރަކާއި ލޯންގް ޓާމް ސިކިއޯ ފެސިލިޓީއެއް ވެސް، މި ގާނޫނަށް އަމަލުކުރަން ފަށާތާ ދޮޅު އަހަރު ތެރޭގައި ގާއިމްކުރަން ޖެހެ އެވެ.
ނޮވެމްބަރު 20، 2019 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި މި ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި، ބޮޑެތި މީހުންގެ މައްޗަށް ހިންގާ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއަށް ކުޑަކުދިން ވަނުމުގެ ސަބަބުން ކުއްޖާ އަށް ކުރާ ނޭދެވޭ އަސަރުތަކުން ދުރުހެލިކުރުވުމާއި ކުއްޖާ ކުރާ ގާނޫނާ ހިލާފު އަމަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުމަށް އެ ކުއްޖާ ޖަވާބުދާރީވާން ބާރުއެޅުން ހިމެނެ އެވެ.
މި ގާނޫނު ބުނާ ގޮތުން ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރަކީ 15 އަހަރެވެ. ގާނޫނުލް އުގޫބާތު ވުޖޫދަށް އައި އިރު، ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރަކީ 15 އަހަރު ކަމަށް ބަލަން ފެށި އެވެ. އޭގެ ކުރިން، 2006 ވަނަ އަހަރު އެކުލަވައިލި ގަވާއިދެއްގައި ބުނާ ގޮތުން، 10-15 އާ ދެމެދުގެ އުމުރުގައި ކުށުގެ ޒިންމާ ފަސް ބާވަތެއްގެ ކުށެއްގައި އުފުލަން ޖެހެ އެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން، ގާނޫނާ ހިލާފުވާ ކުޑަ ކުއްޖަކާ މެދު ފިޔަވަޅު އަޅާއިރު އެ ކުއްޖަކު ހައްޔަރުކުރަންވާނީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުންނެވެ. އަދި އެގޮތަށް ކުއްޖަކު ހައްޔަރުކުރެވޭނީ ހާލަތު ލާޒިމްކުރާ އެންމެ ކުރު މުއްދަތަށް ކަމަށް ވެސް އޮވެ އެވެ. ކުޑަކުއްޖަކު ބަންދުކުރަން ނިންމާ ހާލަތުގައި، އެ ނިންމުމަކީ ކުއްޖާގެ ހާލަތަށް ރިއާޔަތްކޮށް ގަވައިދުން މުރާޖައާ ކުރެވޭނެ ނިންމުމަކަށް ވާން ޖެހެ އެވެ.
ގާނޫނަށް އަމަލުކުރަން ފެށުމާ އެކު، ކުޑަކުދިން ކުރާ ގާނޫނާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތައް ބަލައި އެ ކުދިން ހެޔޮ ގޮތުގައި މުޖުތަމައުއަށް ރުޖޫއަކުރުމުގައި އިސްދައުރެއް އަދާކުރުމަށް "ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަން ޖެހެ އެވެ. އެހެންވެ، ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުން ދިޔަ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ)، ޑިޕާޓްމަންޓަކަށް ބަދަލުކުރި އެވެ.
ދިވެހި ރާއްޖޭގެ ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ހިނގާ ކުޑަކުދިންގެ ޝަރީއަތްތައް އެ ކޯޓުތަކުގައި ހިންގަން ވާނީ ބޮޑެތި މީހުންނާ ވަކިންނެވެ. އޭގެ އިތުރުން ކުޑަކުދިންގެ މައްސަލަތައް ބަލާ ކޯޓުތަކުގައި މަސައްކަތްކުރަންވާނީ، ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ގޮތުން އަދި ކުޑަކުދިންގެ އަދުލުގެ ނިޒާމާ ގުޅޭ ގޮތުން ހާއްސަ ތަމްރީނު ލިބިފައިވާ ފަނޑިޔާރުން ކަމަށް އެ ގާނޫނުގައި ބުނެ އެވެ.
މައްސަލައެއްގައި ފުުލުހުންގެ މަރުކަޒަކަށް ގެންދާ ކުޑަކުއްޖަކާ ސުވާލުކުރެވޭނީ ގިނަ ވެގެން ދެ ގަޑިއިރަށް ވުރެ އިތުރުނުވާ ގޮތަށެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލުކުރަން ފަށާތާ އެއް އަހަރުގެ ތެރޭގައި، ކުޑަކުދިންގެ މައްސަލަތައް ބަލާ ކޯޓުތަކުގައި މަސައްކަތް ކުރާ ފަނޑިޔާރުން ވެސް ހާއްސަ ތަމްރީނެއް ފުރިހަމަކުރަން ޖެހެ އެވެ. ހަމައެއާ އެކު، ޖުވެނަލް ކޯޓުގެ ސަރަހައްދީ ގޮފިތައް ވެސް، މި ގާނޫނަށް އަމަލުކުރަން ފަށާތާ ދޮޅު އަހަރު ތެރޭގައި ގާއިމްކުރަން ޖެހެ އެވެ. މި މަސައްކަތްތައް ވެސް އަދި އޮތީ މަޑުޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަންނުގަތި ބުރޯ
08 July 2021
ބޮޜޯ ހުރިނަމަ ތިހެން ނުވާނެ!