ކުދިންތަކެއް މަގުމަތީގައި ކުޅެނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
20 ނޮވެމްބަރ 2020 - 13:22
ކުޑަކުދިންގެ އަދުލުގެ ގާނޫނަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.
ނޮވެމްބަރު 20، 2019 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި، ބޮޑެތި މީހުންގެ މައްޗަށް ހިންގާ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއަށް ކުޑަކުދިން ވަނުމުގެ ސަބަބުން ކުއްޖާއަށް ކުރާ ނޭދެވޭ އަސަރުތަކުން ދުރުހެލިކުރުވުމާއި ކުއްޖާ ކުރާ ގާނޫނާ ހިލާފު އަމަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުމަށް އެ ކުއްޖާ ޖަވާބުދާރީވާން ބާރުއެޅުން ހިމެނެ އެވެ.
އެ ގާނޫނު ބުނާ ގޮތުން ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރަކީ 15 އަހަރެވެ. ގާނޫނުލް އުގޫބާތު ވުޖޫދަށް އައި އިރު، ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރަކީ 15 އަހަރު ކަމަށް ބަލަން ފެށި އެވެ. އޭގެ ކުރިން، 2006 ވަނަ އަހަރު އެކުލަވައިލި ގަވާއިދެއްގައި ބުނާ ގޮތުން، 10-15 އާ ދެމެދުގެ އުމުރުގައި ކުށުގެ ޒިންމާ ފަސް ބާވަތެއްގެ ކުށެއްގައި އުފުލަން ޖެހެ އެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން، ގާނޫނާ ހިލާފުވާ ކުޑައްކުއްޖަކާ މެދު ފިޔަވަޅު އަޅާއިރު އެ ކުއްޖަކު ހައްޔަރުކުރަންވާނީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުންނެވެ. އަދި އެގޮތަށް ކުއްޖަކު ހައްޔަރުކުރެވޭނީ ހާލަތު ލާޒިމްކުރާ އެންމެ ކުރު މުއްދަތަށް ކަމަށް ވެސް އޮވެ އެވެ. ކުޑަކުއްޖަކު ބަންދުކުރަން ނިންމާ ހާލަތުގައި، އެ ނިންމުމަކީ ކުއްޖާގެ ހާލަތަށް ރިއާޔަތްކޮށް ގަވައިދުން މުރާޖައާކުރެވޭނެ ނިންމުމަކަށް ވާންޖެހެ އެވެ.
ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ކުޑަކުދިން ކުރާ ގާނޫނާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތައް ބަލައި އެ ކުދިން ހެޔޮ ގޮތުގައި މުޖުތަމައުއަށް ރުޖޫއަކުރުމުގައި އިސްދައުރެއް އަދާކުރުމަށް "ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް' ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަންޖެހެ އެވެ. ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުން ދިޔަ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ) ޑިޕާޓްމަންޓަކަށް ބަދަލުކޮށް މިއަދު ވަނީ އަލުން ހުޅުވައިފަ އެވެ.
ދިވެހިރާއްޖޭގެ ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ހިނގާ ކުޑަކުދިންގެ ޝަރީއަތްތައް އެ ކޯޓުތަކުގައި ހިންގަންވާނީ ބޮޑެތި މީހުންނާ ވަކިންނެވެ. އޭގެ އިތުރުން ކުޑަކުދިންގެ މައްސަލަތައް ބަލާ ކޯޓުތަކުގައި މަސައްކަތްކުރަންވާނީ، ކުޑަކުދިންގެ ހައްގުތަކާ ގުޅޭގޮތުން އަދި ކުޑަކުދިންގެ އަދުލުގެ ނިޒާމާ ގުޅޭގޮތުން ހާއްސަ ތަމްރީނު ލިބިފައިވާ ފަނޑިޔާރުން ކަމަށް އެ ގާނޫނުގައި ބުނެ އެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލުކުރަން ފަށާތާ އެއް އަހަރުގެ ތެރޭގައި، ކުޑަކުދިންގެ މައްސަލަތައް ބަލާ ކޯޓުތަކުގައި މަސައްކަތްކުރާ ފަނޑިޔާރުން ހާއްސަ ތަމްރީނު ފުރިހަމަކުރަންޖެހެ އެވެ. ހަމައެއާއެކު، ޖުވެނަލް ކޯޓުގެ ސަރަހައްދީ ގޮފިތައް، ގާނޫނަށް އަމަލުކުރަން ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ގާއިމްކުރަން ޖެހެ އެވެ.
މައްސަލައެއްގައި ފުުލުހުންގެ މަރުކަޒަކަށް ގެންދާ ކުޑަކުއްޖަކާ ސުވާލުކުރެވޭނީ ގިނަ ވެގެން ދެ ގަޑިއިރަށްވުރެ އިތުރުނުވާ ގޮތަށެވެ.
ކުރު މުއްދަތަށް ނުވަތަ ދިގު މުއްދަތަށް އެކަހެރިކޮށްގެން ފަރުވާދޭންޖެހޭ ކުޑަކުދިންނާއި އިސްލާހީ ފިޔަވަޅުއެޅުމަށްޓަކައި ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަންޖެހޭ ކުދިން ބޭތިއްބުމަށްޓަކައި ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒުތަކާއި ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތައް ގާއިމްކުރަންޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަންމާބެ
22 November 2020
ފަސްޓްލޭޑީ ބުނާގޮތުންވިއްޔާ ތިޔަ ނިޒާމެއް އޮންނަންވާނީ ކުޑަކުދިން ބުނާގޮތަށް، އަދި އެކުދިން ބޭނުންވާގޮތަށް ކުޅި ސަމާސާ އެއްޗެއްގެ ގޮތުގައި، އެހެންނޫނީ އެކުދިންގެ ޚިޔާލާ އެއްގޮތަށް ބަންޓަންކުރެވިފައިވާ އެއްޗަކަށް ވާނެގޮތެއް ނޯންނާނެ، ކުޑަކުދިންނޭ، ޙައްޤުތަކޭ، މިނިވަންކަމޭ ކިޔައިގެން ވާހަކަދައްކާއިރު އިސްލާމީ ގިއުގަޑުގެ ތެރޭގައި ކުދިން ތަރުބިއްޔަތުކުރުމަށް ބާރުއަޅާތަނެއް ނުފެނޭ، ޒިންމާދާރު މަޤާމުތަކުގައި ތިބޭމީހުންވެސް ދައްކަނީ އޭގެ ބޭރުވާހަކަ.
ދީމާހު
21 November 2020
ތިޔަ ޤާނޫނު އައުމަކުން މައްސަލަތަކަށް ހައްލު އައީކީ ނޫން. މިހާރުވެސް ހެދިފައި ހުރި ގާނޫނުތައް ތަންފީޒެއް ނުކުރެވޭ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އަމަލުކުރަންފެށީ 2010 ގައި. 10 އަހަރުވެގެން ދިޔައިރު އަދިވެސް ރިމާންޑު ސެންޓަރެއް ނުހެދޭ. ދައުލަތައް ލިބޭ ފައިސާއެއް ވިއްޔާ ޚަރަދުކުރަނީ ސިޔާސީ އަންބޮނޑި ބަންނަން. ދެން ރައްޔިތުން ކަމަކާ ކަންބޮޑުވެގެން އުޅެންޏާ ގާނޫނެއް ހަދާފައި ނަން ބޯޑެއް އަޅުވާނީ. އެހިސާބުން އެ ނިމުނީ
ސޭޓު 2023
21 November 2020
މިގާނޫނަކީ ޒުވާނުން ކުށްކުރުމަށް އިތުރަށް ހިތްވަރުދިނުމަށް އެކުލަވާލި ގާނޫނެ. މިހާރުގެ ޙަލަތު އިތުރަށްގޯސްވާތަން ފެންނާނެ.
ގަޓް ބްރޯ
21 November 2020
ރާއްޖޭގަ އެއްވެސްކަމެއް ރަނގަޅުނުވެގެން މިއުޅެނީ ގާނޫނުތައް ނެތިގެނެއްނޫން. ނެތީ އިޚްލާސްތެރިކަމާއެކު ގާނޫނު ތަންފީޒުކުރަންކެރޭ ވެރިން.
ގެދާނޯމޮސް
20 November 2020
ޒުވާން އަންހެން ކުދިން ޝިކާރަޔަކަށް ހަދައިގެން ޕާޓޭން އެކުދިންލައްވާ ބޭނުންވާ އެތިކޮޅު ހޯދަން އެކުދިން ފްރޭމްކޮށް ބިރުދައްކައިގެން އުޅެނީ ކިތައް މީހުންތޯ ކޮމިޝަނެއް ހަދައިގެން ބަލާނަމަ އަނިޔާ ލިބެމުން ދާ ކުދިން ގެ އަދަދު އިނގިގެންދާނެއެވެ. މީ މިރާއްޖޭގައި ހާހުން މައްޗަށް ގުނާލެވޭ ނެ ކަމެކެވެ. ވަޒީފާއިން ލިބޭުސާރަކޮޅުވެސް ފެލައިފަ ނުވިތާކަށް ކޮޓަރި އައް ވައްދަނީވެސް ލާރިކޮޅެއް ކޮންމެވެސް ގޮތަކުން ހޯދީމައެވެ. ގައުމު ލަދު ކޮބައިތޯޢެވެ.