މިދިޔަ ހަފުތާގައި ނިމުނު އޮލިމްޕިކްސް ގޭމްސްގައި ރާއްޖޭން ބައިވެރިވި އެތުލީޓުންގެ ތެރެއިން ފާތުމަތު ނަބާހާ އާއި ހަސަން ސާއިދު ބައިވެރިވާ އިންސްޓަގްރާމް ލައިވްއެއް ދިރާގުން މިރޭ ބާއްވަން ތައްޔާރު ވެއްޖެ އެވެ.

ދިރާގު އިންސްޓަގްރާމް ޕޭޖުގައި މިރޭ 8:00 ގައި ފަށާ މި ލައިވް އަކީ ޒުވާނުންގެ ދުވަހާ ގުޅުވައިގެން އެ ކުންފުނިން ކުރިއަށްގެންދާ ލައިވް އެކެވެ. މި ލައިވް މޮޑަރޭޓް ކުރާނީ ހުސައިން ހަލީމް (ކުޑަ ހުސައިން) އެވެ.

މި ލައިވްގައި ނަބާހާ އާއި ސާއިދު، އެ ދެ މީހުންގެ އެތުލެޓިކްސް ކެރިއާގެ ތަޖުރިބާތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރާނެ އެވެ. އަދި ލައިވްގައި ބެލުންތެރިން ކުރާ ސުވާލުތަކަށް ޖަވާބު ވެސް ދޭނެ އެވެ.

ނަބާހާ އަކީ ބެޑްމިންޓަންގައި ރާއްޖޭގެ އެއްވަނަ ކުޅުންތެރިއާ އެވެ. އަދި ސާއިދަކީ ރާއްޖޭގައި މިހާރު ހުރި އެންމެ ބާރަށް ދުވާ މީހާ އެވެ.

ނަބާހާ އާއި ސާއިދާ ސުވާލުކުރަން ބޭނުންވާ ހުރިހާ އެންމެނަށް މިރޭގެ ލައިވްއަށް ދިރާގުން ދައުވަތުދެ އެވެ.