ދަތުރުކުރުމުގެ ކުރިން ކޮވިޑު-19 އިން ދިފާއުވުމަށް ވެކްސިން ޖަހާފައިވޭތޯ ކަށަވަރުކުރުމަށްފަހު ނޫނީ ހިދުމަތް ނުދިނުމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.
އެ މިނިސްޓްރީގެ އިއުލާނުގައި ވަނީ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން އަދި އެއްވެސް ޑޯޒެއް ނުޖަހާ މީހުން ވެކްސިން ޖެހުމަށް ބާރު އެޅުމަށްޓަކައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންގައި ޝަރުތުކޮށްފައިވާ ކަންކަން ކަށަވަރުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށެވެ.
އެގޮތުން، އަންނަ ބުދަ ދުވަހުން ފެށިގެން އެއްގަމާއި ކަނޑުދަތުރާއި ވައިގެ ހިދުމަތް އަދި ޓެކްސީ ދަތުރުކުރާއިރު ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައިވޭތޯ ނުވަތަ އެޗްޕީއޭގެ ގައިޑްލައިންގައި ޝަރުތު ކޮށްފައިވާ ކަންކަން ކަށަވަރު ކުރުމަށްފަހު ނޫނީ ހިދުމަތް ނުދިނުމަށް ވަނީ އެދިފަ އެވެ.
ސަރުކާރުން ނިންމާފައިވަނީ މި މަހުގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒު ދޭށެވެ. އެކަމަށް ބާރު އެޅުމަށް، ވެކްސިން ޖަހާފައިވާ މީހުންނަށް ފަސޭހައިން ހިދުމަތް ދެވޭނެ ގޮތަކަށް މަޝްވަރާކުރާއިރު އެއްވެސް ޑޯޒެއް ފުރިހަމަނުކުރާ މީހުންނަށް ބައެއް ހިދުމަތްތައް ދިނުމުގައި ތަފާތުކުރުން ގެންގުޅެން އެޗްޕީއޭއިން ވަނީ ކަމާބެހޭ ފަރާތްތަކަށް އަންގައިފަ އެވެ.
އެ އެޖެންސީން މި މަހުގެ 7 ވަނަ ދުވަހު ކުރި އިއުލާނުގައި ބުނީ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންނަށް ޕަބްލިކް ޓްރާންސްޕޯޓާއި ޑޮމެސްޓިކް ފްލައިޓުތަކުން ދަތުރުކުރާއިރު ވަކި ކަންކަމެއް ޝަރުތުކުރެވޭނެ ކަމަށެވެ. އޭގެ އިތުރުން ހޮޓާ، ކެފޭ/ރެސްޓޯރެންޓު ފަދަ ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުން ވަކި ކަންކަން ޝަރުތުރުކުރެވޭނެ ކަމަށް ވެސް އިއުލާނުގައި ވެ އެވެ.
ކޮވިޑުން ރައްކާތެރިވުމަށް 400،000 އެއްހާ މީހުން ފުރަތަަމަ ޑޯޒު ޖަހާފައިވާއިރު 300،000 އަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފަ އެވެ.