ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ، ދިގު މުއްދަތަކަށް ފަރުވާ ކުރަންޖެހޭ ބަލިތައް ނުވަތަ ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމަށް ދިމާވާ ސަބަބުތައް ދެނެގަތުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ދިރާސާ މާދަމާ އަލުން ފަށަން ނިންމައިފި އެވެ.
އެ އެޖެންސީން ބުނީ މާލެ ސަރަހައްދުގައި "ސްޓެޕް ސާވޭ" ފެށުމަށް ފަހު މިދިޔަ އަހަރު މެދުކަނޑާލީ ކޮވިޑުގެ ސަބަބުން ކަމަށެވެ. ނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަދި ގައުމީ ޔުނިވާސިޓިއާ ގުޅިގެން މުޅި ރާއްޖޭގައި ހަދާ ސާވޭ މި އަހަރު ނިންމުމަށް އެ މަސައްކަތްތައް އަލުން ކުރިއަށްގެންދާނެ ކަމަށް ބުންޏެވެ.
ސްޓެޕް ސާވޭއަށް މައުލޫމާތު ހޯދާނީ ގުރުއަތުން ހޮވިފައިވާ ގޭގެއަށް ގޮސްގެންނެވެ. އެ ސާވޭގައި މަސައްކަތުގައި ހަރަކާތްތެރިވާ އޮފިޝަލުން ތިބޭނީ އެމްއެންޔޫއިން އެކަމަށް ދޫކޮށްފައިވާ ފާހެއް އަޅައިގެންނެވެ.
އެޗްޕީއޭއިން ވަނީ ސްޓެޕް ސާވޭ އަށް އެންމެން އެއްބާރުލުން ދިނުމަށް އެދިފަ އެވެ.
މީގެ ކުރިން ހަދާފައިވާ ދިރާސާތަކަށް ބަލާއިރު، ރާއްޖޭގައި މަރުވާ މީހުންގެ 81 ޕަސެންޓް މީހުންނަކީ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންނެވެ. އޭގެ ތެރެއިން ދުންފަތުގެ ސަބަބުންނާއި ދިރިއުޅުމުގެ ވައްޓަފާޅި ހުންނަގޮތުން ޖެހޭ ބަލިތަކުން މަރުވާ މީހުން ގިނަ އެވެ.
އެ ބަލިތައް ޖެހޭ މީހުންނަށް އާސަންދަ ސްކީމުން ކޮންމެ އަހަރަކު ވެސް ބޮޑު ހަރަދެއްކުރެ އެވެ.