ޚަބަރު / މުއައްވިޒު ރަޝީދު

ޔާމީންގެ ޝަރީއަތް: މިއަދު އޮތީ ހެކިންގެ އަދުލުވެރިކަމުގެ ސުވާލު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު އަޑުއެހުމުގެ ތެރެއިން --

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުކުރުމަށް ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފައިވާ މީހުންނަކީ ހެކިބަހުގައި ބުރަދަނެއް ނެތް މީހުން ކަމަށް ވިދާޅުވެ މިއަދު ގިނަ ވާހަކަތަކެއް ދައްކައިފި އެވެ.

ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ދެ ދެމެހެއްޓުމުން ސުޕްރީމް ކޯޓުގައި ކުރިއަށްދާ އިސްތިއުނާފު ޝަރީއަތުގައި ޔާމީންގެ ވަކީލުންނާއި ޔާމީން ވެސް ހެކިވެރިންގެ ތެދުވެރިކަމާ މެދު އެތައް ސުވާލެއް އުފެއްދެވި އެވެ.

މަނީ ލޯންޑަރިންގެ ގާނުނުގައި އޮންނަ ގޮތުން ވަކި ފައިސާ އަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް އެކަށީގެންވާ ވަރަށް ޝައްކުކުރެވޭ ހާލަތުގައި އެ ފައިސާއިން އެއްވެސް މުއާމަލާތެއް ކުރުމަކީ ކުށެކެވެ. ޔާމީންގެ މައްސަލައިގައި އެކަން ސާބިތުކުރަން އޭސީސީގެ ކުރީގެ ރައީސް މުއައްވިޒް ރަޝީދަކީ ވެސް ހެއްކަކަށް ވާތީ އޭނާއާ ބެހޭ ގޮތުން ވެސް ވަރަށް ގިނަ ވާހަކަ ތިން ގަޑިއިރުގެ ޝަރީއަތުގައި ދެއްކި އެވެ.

މުއައްވިޒުގެ ހެކި ބަހުގެ އިތުރުން އޭސީސީން ޔާމީނަށް ފޮނުވާފައިވާ ސިޓީއެއް ވެސް ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވެ އެވެ.

މިއަދު އެ މައްސަލައިގައި އޮތް އަޑުއެހުމުގައި ޔާމީންގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް އިއްވަމުން ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު އަދި ޝަރީއަތުގައި ދޮގުހެކިބަސް ދިން ކަމަށް ޔާމީންގެ ފަރާތުން ބުނާ މުއައްވިޒުގެ ހެކިބަހަށް ބުރަދަން ނުދެވޭނެ ކަމަށް ދެކޭ ސަބަބުތައް ބަޔާންކޮށްފަ އެވެ.

ޔާމީންގެ ފަރާތުން ބުނާ ގޮތުގައި އަދީބާއި ޒިޔަތަކީ ހަމަ މި މައްސަަލައިގައި ކުށް ސާބިތުވެފައިވާ، ހެކިބަސް ބަލައިނުގަނެވޭނެ ފާސިގުންނެވެ. އެ މީހުންގެ ހެކިބަހަށް ބާރުދޭ ހެކިތަކެއް ވެސް ނެތް ކަމަށް ބުނެފައިވެ އެވެ. އަދީބާއި ޒިޔަތަކީ ކުށުގެ ބައިވެރިން ކަމަށް ބުނެ އެއް މައްސަލައެއްގައި ބަޔަކު އެކަކު އަނެކަކާ ދެކޮޅަށް ހެކިބަސް ނުދެވޭނެ ވެސް ޔާމީންގެ ފަރާތުން ބުނެފައިވެ އެވެ. އަދި ހެކިބަސް ދިނުމުގެ ބަދަލުގައި ބޮޑެތި ލުއިތަކެއް ލިބޭ ގޮތަށް ދައުލަތުން އަދީބާއި ޒިޔަތާ އެކު އިއުތިރާފު އެއްބަސްވުން ހަދާފައިވުމަކީ ވެސް އެ މީހުން ޔާމީނާ ދެކޮޅަށް ދިން ހެކިބަހަށް ބުރަދަން ނުދެވޭނެ ކަމަށް އެ ފަރާތުން ގަބޫލުކުރާ ސަބަބެކެވެ.

މައްސަލައާ ގުޅޭގޮތުން މުއައްވިޒު ދެ ގޮތަކަށް ވާހަކަ ދައްކާފައިވާ ކަމަށާއި އެމްއެމްޕީއާރްގެ ޚިޔާނާތުގެ ފައިސާ ބޭނުންކުރި މީހެއް ކަމަށް ބުނެ އޭނާ އަކީ ވެސް އަދުލުވެރި ހެއްކެއްގެ ގޮތުގައި ނުބެލޭނެ ކަމަށް ޔާމީންގެ ފަރާތުން ބުނެ އެވެ.

ރައީސް އޮފީހަށް އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީއާ އެކު ވަޑައިގެން ޔާމީންގެ ބަޔާން ނެންގެވި ކަމަށް މުއައްވިޒު ހެކިބަސް ދެއްވި ނަމަވެސް، އެކަން ލުތުފީ ދޮގުކުރާ ކަމަށް ޔާމީންގެ ފަރާތުން ފާހަގަކުރި އެވެ. ޔާމީންގެ ބަޔާން ނެގީ އޭސީސީން ސުވާލުތައް އީމެއިލަކުން ފޮނުވުމުން ޔާމީން ރައީސް އޮފީހުގައި ހުންނަވައިގެން ކަމަށް ވެސް ބުނެފައިވެ އެވެ. އެއީ އެއްގޮތަކަށް ވެސް މުއައްވިޒު ރައީސް އޮފީހަށް ގޮސްގެން ނެގި ބަޔާނެއް ނޫން ކަމަށް ވަނީ ބުނެފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އާދީއްތަ ދުވަހު ޝަރީއަތަށް ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ. -- ފޮޓޯ: އަހްމަދު އަވްޝާން / މިހާރު

މުއައްވިޒު ދޮގު ހެކިބަސް ދިނުމުގެ އިތުރުން އޭނާއާ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ކަންތައްތައް ވެސް އެބަހުރި ކަމަށް ޔާމީންގެ ވަކީލު އަލީ ޝާހު މިއަދު ވިދާޅުވި އެވެ.

އަދީބާއި އެސްއޯއެފްގެ އިސް ފަރާތެއް ކަމަށްވާ މުހައްމަދު ހުސެއިން "އޮއިއްޓޭ"އާ ކޮށްފައިވާ މެސެޖުތަކެއް ލިބިފައިވާ ކަމަށް ޝާހު ވިދާޅުވި އެވެ. އެގޮތުން، މުއައްވިޒުގެ ނަމްބަރު އޮއިއްޓޭއަށް ފޮނުވާފައި، އޭނާއަށް 400،000ރ. ދިނުމަށް އަދީބު މެސެޖަކުން އޮއިއްޓޭއަށް އެންގެވި ކަމަށް ޝާހު ވިދާޅުވި އެވެ.

"އޭނާ އަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ޖެހިފައިވާ މީހެއްކަން އަހުމަދު އަދީބާއި އޮއިއްޓޭއާ ދެމެދު ކުރެވިފައިވާ މުއާމަލާތްތަކުން އެނގޭ،" އަލީ ޝާހު ވިދާޅުވި އެވެ.

އެ މައުލޫމާތު ހޯދީ އަދީބުގެ މައްސަލައިގެ ރިޕޯޓު ކްރިމިނަލް ކޯޓުން ހޯދައިގެން ކަމަށް ޝާހު ވިދާޅުވި އެވެ. އެއީ ހައި ކޯޓުގައި ދެކެވުނު ވާހަކަތަކެއް ނޫނެވެ. މި މައްސަލައިގައި ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ އާ ހެކިތަކުގެ ތެރޭގައި މިކަންކަން ވެސް ހިމެނެ އެވެ.

އޭސީސީން ޔާމީނަށް ފޮނުވި ކަމަށް ބުނާ ސިޓީގައި ނެތް އިބާރާތެއް އޮތް ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި އޮތުމާއި ގުޅިގެން ހައި ކޯޓަށް ހުށަހެޅި ނުކުތާއާ މެދު ވެސް އެ ކޯޓުން ނިންމީ ގޯސްކޮށް ކަމަށް ޔާމީންގެ ފަރާތުން މިއަދު ބުނެފައިވެ އެވެ. އެސްއޯއެފުން ޖަމާކުރި ފައިސާ އަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ބެލެވޭ ކަމަށާއި، އެ ފައިސާ އަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށް ބެލެވޭ ކަމާއި، އެ ފައިސާ އެންމެ ރަނގަޅު ގޮތަކީ ދައުލަތާ ހަވާލުކުރުން ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވާ ކަމަށް ފަނޑިޔާރުން ވިދާޅުވިޔަސް އެ އިބާރާތް އެ ސިޓީގައި ނެތް ކަމަށް ޔާމީންގެ ފަރާތުން ބުންޏެވެ. އެހެންކަމުން، ނެތް އިބާރާތެއްގެ އޮތް ކަމަށް ޝަރީއަތުން ބަޔާންކޮށް، ކުށް ސާބިތުވާ ކަމަށް ކަނޑަނޭޅޭނެ ކަމަށް ބުނެފައިވެ އެވެ.

އޭސީސީގެ ސިޓީ ޔާމީނަށް ލިބުނު ކަމަށް ޔާމީން އިންކާރު ކުރައްވާފައި ވާއިރު، އެކަން ސާބިތު ކުރަން ދައުލަތުން ހެކި ހުށަހަޅާފައި ނުވާ ކަމަށާއި އެ ހާލަތުގައި ބަލާނީ އެއީ ނުލިބޭ ސިޓީއެއް ކަމަށް ބުނެފައިވެ އެވެ. އެ ސިޓީ ލިބުނު ކަމަށް ހައި ކޯޓުން ބުނެފައި ވަނީ، އެއާ ހަވާލާދީ ޔާމީން އެހެން ސިޓީއެއް ފޮނުވާފައިވާތީ ކަމަށް ވިޔަސް، ޔާމީންގެ ފަރާތުން ވަނީ އެކަން އެގޮތަށް ނުހިނގާ ކަމަށް ބުނެފަ އެވެ. އަދި އެއީ ވެސް ހައި ކޯޓުން އިތުރުކުރި އިތުރު ކުރުމެއް ކަމަށް ޔާމީންގެ ފަރާތުން ބުންޏެވެ.

އެސްކްރޯ އެކައުންޓުގެ އެއްބަަސްވުމުގައި ސޮއިކުރުމުން އެއްބަސްވުމުގައިވާ އަދަދަށް އެއް މިލިއަން ޑޮލަރަށް ވާ ފައިސާ ދެއްކުމުން އެ އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރެވުނީ ކަމަށް ބަލައި ހައި ކޯޓަށް ހުށަހެޅި ނުކުތާއާ މެދު އެ ކޯޓުން ގޮތެއް ނިންމީ ގޯސްކޮށް ކަމަށް ވެސް ބުނެފައިވެ އެވެ. ޔާމީންގެ ފަރާތުން ބުނެފައި ވަނީ އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރަން ޖެހޭނީ ހަމައެކަނި އެ ފައިސާ އެސްކްރޯ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވުން ކަމަށާއި ވަކި އެކައުންޓެއްގައި ހުރި ވަކި ފައިސާއެއް ޖަމާކުރުމުން ނުކުންނަ ވަކި ތަފާތު ނަތީޖާއެއް ނެތް ކަމަށެވެ.

އެ ފައިސާ އެކައުންޓަށް ޖަމާކުރުމުން ވެސް އެނގޭ ކަމަކީ ކުށެއް ކުރުމުގެ ނިޔަތެއް ޔާމީންގެ ނެތް ކަމާއި ބޭނުންފުޅުވީ ހެޔޮ ނިޔަތުގައި ދައުލަތުން ގެއްލިފައިވާ ކަމަށް ބެލެވޭ ފައިސާ ދެއްވުން ކަމަށް ބުނެފައިވެ އެވެ.

އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާކުރީ އެއީ ދައުލަތަށް ލިބެން ޖެހޭ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ސާބިތު ނުވެއްޖެ ނަމަ އަނބުރާ ދޭ ގޮތަށް ކަން ފާހަގަކޮށް ބުނީ މިހާތަނަށް ވެސް އެ ފައިސާ އަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާކަން އޭސީސީއިން އަންގާފައި ނުވާ ކަމަށެވެ. އެހެންކަމުން ފައިސާއާ މެދު ތަހުގީގީ އިދާރާއިން ވަކި ގޮތެއް ނުނިންމަނީސް ދައުވާ ކުރެވިދާނެތޯ ސުވާލު އުފެއްދި އެވެ.

އުސޫލާ ހިލާފަށް ފަނޑިޔާރުންގެ ބެންޗު އެކުލަވާލާފައިވާ ކަމަށާއި އެކަމާ ހެދި ޔާމީނަށް ލިބިގެންވާ އަދުލުވެރިކަމާއި ހާމަކަމާ އެކު ޝަރީއަތް ހިންގުމުގެ ހައްގު ގެއްލިފައިވާ ކަމަށް ޔާމީންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާއެއްގައި ވެ އެވެ.

މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު އޮންނާނީ ކަފާލާތުގެ ދަށުން ދޫކުރުމާއި ހުކުމް ތަންފީޒު ކުރުމުގެ އަމުރާ ބެހޭ ބައިތޯ ނުވަތަ އިސްތިއުނާފުގެ ކަންކަންތޯ ޔާމީންގެ ފަރާތުން ސުވާލު ކުރުމުން ފަނޑިޔާރު މަހާޒު ވިދާޅުވީ، ފުރަތަމަ ކުރިއަށްގެންދަން ބޭނުންވާ ބައި ޔާމީންގެ ފަރާތުން އެދޭ ގޮތަކަށް ކުރިއަށްގެންދެވިދާނެ ކަމަށެވެ. ޔާމީންގެ ވަކީލުން ވިދާޅުވީ އެކަމާ މެދު މަޝްވަރާކޮށްފައި ނިންމާ ގޮތެއް ކޯޓަށް އަންގާނެ ކަމަށެވެ.

މި މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މަހާޒެވެ.

7 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބައިރޯ

14 September 2021

މާހާމަކަން ބޮޑީ ޔާމީނުގެ ސަރުކާރުގަ އަންނިގެ ޝަރިއަތް ކުރިހެން އެއްވެސް ބަޔަކު ނުވައްދާ ނތިކަން ކުރިނަމަ ތިކަން މިހާރު ނިމިއްޖެ

The name is already taken The name is available. Register?

ސަގަރޭ

13 September 2021

މައްސަލަ ދިގު ދެންމުމުގެ ނަތީޖާ ތިހިރަ ފެންނަނީ، މިހާރު ލިޔެކިޔުންތަށް ބަދަލުވެގެން ދާހެން ވަރަށްހީވޭ. ލިޔެކިޔުންތައް ގެއްލި ހެކިތައް ނައްތާލަން ރަގަޅަށް ފުރުސަތު ހޯދައިފި.

The name is already taken The name is available. Register?

މަގަރޭ

13 September 2021

ގެއްލެނީކީ ނޫން. ފެންނަނީ. ކުރިން ނުދައްކާ ހިފަހައްޓައިގެން ތިބި ތަކެތި ފެންނަނީ.

The name is already taken The name is available. Register?

ޝިރާނީ

13 September 2021

މިކުރަނީ ޝަރިއެއްތަ ނޫނީ ސަމާސާތަ؟ މިހާރުން މިހާރައް ރައިސް ޔާމިން ދޫކޮއްލާ

The name is already taken The name is available. Register?

ބައިރޯ

14 September 2021

ނުކުރެވޭނެ

The name is already taken The name is available. Register?

ހާމިދު ޝާޙިދު

13 September 2021

ހުސް ދޮގު ނުހަދާ ރައީސް ޔާމީން މިނިވަން ކުރަންވީ. އެނޫޏް ގޮތެއްނެތް. އެއީ މައުސޫމު ބޭފުޅެއް. މިގައުމު ގެ ރަން ތަރައްގީގެ ބާނީ.

The name is already taken The name is available. Register?

ނަޝީ

13 September 2021

މިގައުމުގައި އިންސާފެއް ނޯންނާނެ.. ބޮޑުމަސް ކުޑަމަސް ކާލާ ޖަންގަލީގެ ހުކުން ހިނގަނީ.. ވައްކަންވެސް ކުރަންވީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454