ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ރޭ މަަރުވި ގައިދީއަށް ފަރުވާ ދިނުން ލަސް ނުކުރާ ކަމަށާއި ޖަލު ތެރެއަށް ވެއްޓުނުތާ އަށް މިނެޓް ތެރޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ރޭގެ ވަގުތެއްގައި މަރުވެފައި ވަނީ ހުޅުމާލޭ ޖަލުގައި ތިން އަހަރު ދުވަހުގެ ހުކުމެއް ތަންފީޒުކުރަމުން ދިޔަ ގދ. ވާދޫ، ޖަނަވަރީގޭ މުހައްމަދު އަސްލަމް، 40، އެވެ. އޭނާ މަރުވި މައްސަލާގައި ކަރެކްޝަންސް އަށް ބޮޑެތި ތުހުމަތުތަކެއް އޭނާގެ އާއިލާ އިން ކުރެ އެވެ.

އެކަމާ ގުޅިގެން ހޯމް މިނިސްޓްރީން މިއަދު ވަނީ ސީީސީޓީވީ ފޫޓޭޖްތައް ބަލައި ޖަލު އޮފިސަރުންނާއި ގައިދީން ދީފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ހާދިސާ ހިނގި ގޮތުގެ ޓައިމްލައިނެއް އާންމުކޮށްފަ އެވެ.

ޓައިމްލައިންގައިވާ ގޮތުން އިއްޔެ ހަވީރު 5:55 ގައި އަސްލަމް މޭޒެއް މަތީ އިށީނދެގެން އިންނަތާ ހަތަރު މިނެޓް ފަހުން އަނބުރައިގަނެގެން ވެއްޓެ އެވެ. އެވަގުތު އެހެން ގައިދީއެއް އޭނާއަށް ސީޕީއާރް ދީފައިވާ ކަމަށް ޓައިމްލައިންގައިވެ އެވެ.

އަސްލަމް ވެއްޓުނުތާ ތިން މިނެޓު ފަހުން، 6:02 ގައި ކަރެކްޝަންސްގެ އޮފިސަރުން ސީންއަށް އެޓެންޑު ކުރި އެވެ. އެ ވަގުތު އޭނާ އޮތީ ހޭނެތިފަ އެވެ. އަދި އަށް މިނެޓު ތެރޭގައި އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އެވެ.

ހޮސްޕިޓަލަށް ގެންދިޔުމަށް ފަހު 6:30 ގައި އާއިލާއަށް ގުޅަން މަސައްކަތް ފެށި ކަމަށް ޓައިމްލައިން އިން ދައްކަ އެވެ. އާއިލާގެ މެންބަރަކާ ގުޅުނީ 6:42 ގައި އެވެ. އަދި 6:55 ގައި އަސްލަމް މަރުވި ކަމަށް އެ ޓައިމްލައިންގައިވެ އެވެ.

އަސްލަމްގެ އާއިލާ އިން ތުހުމަތުކުރާ ގޮތުގައި އަސްލަމް ހޮސްޕިޓަލަށް ގެންދިޔައީ ހަވީރު އެވެ. އަދި އާއިލާއަށް ގުޅިއިރު އެ ރޭ 7:00 ހާއިރު ކަމަށެވެ. އަދި އަސްލަމް މަރުވިކަން އާއިލާއަށް ނާންގާ ސިއްރު ކުރަން ކަރެކްޝަންސް އިން މަސައްކަތްކުރި ކަމަށް ވެސް އާއިލާ އިން ތުހުމަތުކުރެ އެވެ.

ހޮޮސްޕިޓަލްގައި ތިބި ކަރެކްޝަންސްގެ އޮފިސަރުންނާ އާއިލާ އިން ސުވާލުކުރުމުން އޭނާއަށް ފަރުވާ ދެމުން ގެންދާ ކަމަށް ބުނި ކަމަށާއި ނަމަވެސް އަސްލަމް ބާއްވާފައި އޮތް ކޮޓަރިއަށް ގަދަކަމުން ވަތް އިރު އޭނާ މަރުވެގެން އެތައް އިރެއް ހިނގާފައިވާ ކަމަށް ވެސް އާއިލާ އިން ތުހުމަތު ކުރެ އެވެ.

އެ މައްސަލަ މިއަދު ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. އޭގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވެސް އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.