ގއ. ދާންދޫ ކައުންސިލުގެ ރައީސް މުހައްމަދު އާސިފް.--
14 ސެޕްޓެމްބަރ 2021 - 15:45
ގއ. ދާންދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ މައުލޫމާތު ލީކުކުރިކަމުގެ ތުހުމަތުގައި ހިފެހެއްޓި ފޯނު ކައުންސިލްގެ ރައީސް މުހައްމަދު އާސިފަށް އަނބުރާ ދީފި އެވެ.
ކޯޓު އަމުރެއްގެ ދަށުން، އާސިފް ހިމެނޭ ގޮތަށް ހަތަރު މީހެއްގެ ފޯނު ފުލުހުން ހިފެހެއްޓީ މިދިޔަ މަހުގެ 10 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
ފުލުހުން ހިންގަން އުޅުނު އޮޕަރޭޝަނެއްގެ މައުލޫމާތު މާ ކުރިން ބަޔަކަށް ދިން ކަމުގެ ތުހުމަތުގައި އާސިފްގެ ފޯނު ހިފެހެއްޓި ނަމަވެސް އެ ފޯނު 33 ދުވަސް ފަހުން މިއަދު ލިބިފައިވާ ކަމަށް އާސިފް ވިދާޅުވި އެވެ. އާސިފް ވަނީ ފުލުހުން އޭނާގެ މައްޗަށް ކުރާ ތުހުމަތު ދޮގުކޮށްފަ އެވެ. އޭނާ ވިދާޅުވީ މިއަދު މެންދުރެއްހާއިރު ފޯނު އަނބުރާ ހަވާލުކުރި ނަމަވެސް އެ މައްސަލައިގެ އެއްވެސް މައުލޫމާތެއް ފުލުހުން ނުދޭ ކަމަށެވެ.
"އަޅުގަނޑާ ގުޅިގެން އެ ދެއްކީ ހަމަ ހުސް ދޮގު ވާހަކަ. އަޅުގަނޑުގެ އަބުރު ކަތިލުމަށް ދެއްކި ވާހަކަތަކެއް އެއީ،" އާސިފް ވިދާޅުވި އެވެ.
އާސިފް ވިދާޅުވީ އޭނާއަކީ މިހާތަނަށް އެއްވެސް ކުށެއް ކޮށްފައިވާ މީހެއް ނޫން ކަމަށެވެ. އޭނާއާ ގުޅިގެން ފުލުހުން ހިންގަމުން އަންނަ ތަހުގީގަށް ވެސް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ދާންދޫގައި ޑްރަގް އޮޕަރޭޝަނެއް ހިންގަން ފުލުހުން އެ ރަށަށް ދާ ކަމުގެ މައުލޫމާތު ކުރިއާލައި ލިބިފައިނުވާ ކަމަށް އާސިފް ވިދާޅުވި އެވެ. އެކަމަކު އެ މައުލޫމާތު އޭނާ ލީކުކުރީ އާއިލާގެ މީހަކު ސަލާމަތްކުރަން ކަމަށް ބައެއް މީހުން ތުހުމަތުކޮށްފައިވެ އެވެ. ނަމަވެސް އާސިފް ވިދާޅުވަނީ އޭނާ އާއިލާ މީހަކަށް ބެލުމެއް ނެތި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރައްވަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy