ސަރުކާރުގެ ފަރާތުން ގާނޫނުލްއަގޫބާތަށް ހުށަހެޅި ނަފްރަތު މަނާ ކުރުމުގެ ބިލުގައި އޮތް އެއްޗެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކަށް ވެސް އެނގިވަޑައި ނުގަންނަވާ ކަމަށާއި އެކަމުން ރައީސް ސަލާމަތް ކުރެއްވީ އޭނާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖޭޕީން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ނަފްތަރުގެ ބިލު ސަރުކާރުން ހުށަހެޅުމުން އެއްވެސް މީހަކު އެއްވެސް އެއްޗެއް ނުބުނެ އޮއްވާ "މިކަން ކުރަން ހެޔޮ ނުވާނެ" ކަމަށް ގޮވާލީ އެ ޕާޓީން ކަމަށެވެ.
"އަޅުގަނޑު އެއް ބަޔާން ދީފައި، އަނެއްކާ އަނެއް ބަޔާން ދީފައި، ޕާޓީގެ ފަރާތުން ބަޔާން ނެރުނު ފަހުން އެހެން ބޭފުޅުންނަށް މި ކިޔާ އެއްޗެއް ރޭކާލާ ހިސާބަށް ދިޔައީ،" މާމިގިނލީ ދާއިރާގެ މެންބަރު ގާސިމް ވިދާޅުވި އެވެ.
ނަފްރަތު ބިލުގައި އޮތް އެއްޗެއް ރައީސަށް ވެސް އެނގިވަޑައިގަތީ "އަޑުތައް ގަދަވެގެން ހިފައިގަތީމަ" ކަމަށް ގާސިމް ވިދާޅުވި އެވެ. މިއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށާއި ސަރުކާރަށް މި ހެދެނީ ގޯހެއް ކަން ރައީސަށް ވެސް އެނގިވަޑައިގަތީ އެހާ ހިސާބުން ކަމަށް ގާސިމް ވިދާޅުވި އެވެ.
"ރަނގަޅު ވާހަކައެއް ރައިސުލްޖުމްހޫރިއްޔާ އަކީ ވަރަށް ގިނަ މަސްއޫލިއްޔަތުތަކެއް ހުންނަ ބޭފުޅެއް އެ ބޭފުޅާ އަށް ހުރިހާ އެއްޗެއް އަކުރުން އަކުރަށް ނުކިއިދާނެ،" ގާސިމް ވިދާޅުވި އެވެ.
ނަފްރަތުގެ ބިލަކީ ސަރުކާރުގެ ތެރެއިން ބަޔަކު ރައީސަށް ދޭން އުޅުން "ލަނޑެއް" ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އެކަމުން އެކަމުގައި ނުޖެހި މިފަހަރު ސަލާމަތްވީ ގާސިމް އާ ހެދި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން ނޫން ނަމަ އެ ލަނޑު އެމަނިކުފާނަށް [ރައީސަށް] ރަނގަޅަށް ލިބިވަޑައިގެންފައި އޮންނާނީ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޖޭޕީން ކޯލިޝަންގައި ތިބެގެން ކުރާނީ ކޯލިޝަންގެ އެއްބަސްވުމުގެ ހުދޫދުގެ ތެރެއިން ކުރަން ޖެހޭ ކަންކަން ކަމަށާއި އޭގެ ބޭރުން ކަމެއް ނުކުރާނެ ކަމަށެވެ.
ނަމަވެސް ކޯލިޝަން އެއްބަސްވުމުގައިވާ ގޮތަށް ޖޭޕީ އަށް ލިބެން ޖެހޭ ގޮނޑިތަކާއި ސަރުކާރުގެ ހިއްސާ ނުލިބި އޮތީ އެމްޑީޕީގެ ތެރެއިން ރައީސަށް ބޮޑެތި ޕްރެޝަރުތައް އަންނާތީ ކަމަށް ގާސިމް ވިދާޅުވި އެވެ. އެކަން އެގޮތަށް ނުކުރެއްވުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ކޯލިޝަންގެ އެހެން ލީޑަރުންގެ ކިބައިން ވެސް އެދިވަޑައިގަންނަވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ނަފްރަތު ބިލުގެ އެއް ވަނަ ނަމްބަރުގައިވާ ގޮތުން، އެ ބިލް ގާނޫނަކަށް ވުމުން، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ މީހެއް ކަމަށް ނުވަތަ ދީނާ ދެކޮޅު މީހެއް ކަމަށް އާއްމު ތަނެއްގައި ބުނުން ވާނީ ޖަލު ހުކުމެއް އަންނާނެ ކުށަކަށެވެ.
އެކަމާ ގުޅިގެން ކޯލިޝަންގެ އެހެން ލީޑަރުން ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބާރު އޮތް ރައްޔިތުންގެ މަޖިލީހުން ވަނީ އެ ބިލު އަނބުރާ ކޮމިޓީ އަށް ފޮނުވާލައިފަ އެވެ.