އަބޫޖަހުލަށް ހަދާލި ގޮތް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަދާނެ ކަމަށް ބުނެ ފޭސްބުކްގައި އިންޒާރު ދިން މައްސަލައިގައި ހައްޔަރު ކުރި އިސްމައިލް ޔާސިފް މިއަދު ކްރިމިނަލް ކޯޓުގައި ވެސް ނަޝީދަށް މަރުގެ އިންޒާރު ދިނުމުން ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ޖަލަށް ލައިފި އެވެ.
ރ. މީދޫގައި ހުއްޓާ މިދިޔަ މަހުގެ 23 ވަނަ ދުވަހު ހައްޔަރުކުރި، އުމުރުން 40 އަހަރުގެ ޔާސިފްގެ ބަންދު މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓަށް ހާޒިރުކޮށް އަޑުއެހުން ކުރިއަށް ގެންދަން ފެށުމާ އެކު ނަޝީދު އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.
އޭނާގެ އަމަލުތައް ހުރި ގޮތުން އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި ގާޒީ އަލީ އާދަމް ނިންމެވީ އެއް މަހަށް ޖަލަށް ހުކުމް ކުރާށެވެ.
އެ ހުކުމް ކުރުމުން ވެސް އޭނާ ވަނީ ދެއްކި ވާހަކަ ތަކުރާރުކޮށް ނަޝީދު އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.
ޔާސިފް ހައްޔަރުކޮށްގެން ބަންދު ޖަހަން ފުރަތަމަ ގެންދިޔައީ އުނގޫފާރު ކޯޓަށެވެ. އެ ދުވަހު އެ ކޯޓުގެ ހުރުމަތް ކަނޑާލައިގެން ވެސް 15 ދުވަހަށް ޖަލަށް ލާން ހުކުމް ކުރި އެވެ.
ޔާސިފް ހައްޔަރު ކުރީ، ފޭސްބުކް ޕޯސްޓެއްގައި ކުރި ކޮމެންޓެއްގައި "[ނަޝީދު] ދެން ރާއްޖެ އަތުވެއްޖެ ނަމަ ބަދުރު ދުވަހު އަބޫޖަހުލަށް ހެދިގޮތް ހަދާނަން،" ކަމަށް ބުނެ އިންޒާރު ދިނުމުންނެވެ.
ޔާސިފަކީ މީދޫ މީހަކާ އިނދެގެން އެ ރަށުގައި އުޅުނު މާލޭ މީހެކެވެ. ހައްޔަރުކުރީ އޭނާގެ އަންހެނުންގެ ގޭގައި ހުއްޓަ އެވެ.
މިދިޔަ މޭ 6 ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގައި ނަޝީދު ވަރަށް ބޮޑަށް ޒަހަމްވެ، އެ ޒަހަމްތަކަށް ފަރުވާ ހޯއްދަވަން ވަޑައިގެން ހުންނެވީ އިނގިރޭސި ވިލާތުގަ އެވެ. އެ މަނިކުފާނަށް ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް މިހާރު ވަނީ ފަށައިފަ އެވެ.