ރާއްޖޭގައި ހިޔާލު ތަފާތުވުން ހައްތަހާ ބޮޑުވަމުން ދާ ކަމަށާއި އޭގެ ސަބަބުން ސަރުކާރާއި އިދިކޮޅު ޕާޓީތަކާ ދެމެދު ވާހަކަތައް ފަށަން ކުރިމަތިވާ ހުރަސްތައް ވެސް އިތުރު ވަމުން ދާ ކަމުގެ ކަންބޮޑުވުން އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫން ފާޅުކުރައްވައިފި އެވެ.
މޫންގެ ތަރުޖަމާނު ނެރުއްވި ކުރު ބަޔާނެއްގައި ވިދާޅުވީ ހުރިހާ ފަރާތެއް ބައިވެރިވާ ވާހަކަތަކަށް ސެކްރެޓަރީ ޖެނެރަލް ހިތްވަރުދެއްވާ ކަމަށެވެ.
ސިޔާސީ ގޮތުން ހުރި ދެބަސްވުންތައް ނައްތާލައި، ގައުމުގެ ހައްގުގައި މަސައްކަތްކޮށް އަދި ޑިމޮކްރަސީ އާއި މިނިވަން މުއައްސަސާތައް ހަރުދަނާކުރެވޭނެ ހައްލުތަކެއް ހޯދޭނީ އެފަދަ ވާހަކަތަކެއްގެ ތެރެއިން ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"ހުރިހާ ފަރާތެއް ހިމެނޭ އަދި ތެދުވެރި ވާހަކަތަކަށް އދ. އިން އަބަދުވެސް އެހީތެރިވާނެ އެވެ. އަދި އެކަމަށް އެހީތެރިވުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ އެވެ،" ބަޔާނުގައި ވެ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ހަމަޔަކަށް އެޅުވުމުގައި މެދުވެރިއެއްގެ ރޯލް ކުޅެން އދ. އިން ވަނީ ހާއްސަ މަންދޫބެއްގެ ގޮތުގައި ތަމްރަތު ސެމިއުލް ހަމަޖައްސައިފަ އެވެ. އޭނާ ވަނީ ޖުލައި މަހު ރާއްޖެ ވަޑައިގެން ސިޔާސީ އެކި ފަރާތްތަކާ ވެސް ބައްދަލުކުރައްވައިފަ އެވެ.
އަންނަ މަހު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބު ދެ މަސް ދުވަހަށް ފަސްކުރުމުން އެކަމުގެ ޝަކުވާ އެމްޑީޕީން ވަނީ ރާއްޖޭގައި ހުންނަވާ އދ. ގެ އެންމެ އިސް މަންދޫބާ މިދިއަ ބުރާސްފަތިދުވަހު ހިއްސާކުރައްވައިފަ އެވެ.
ސަރުކާރުން ކުރިން ބުނި ގޮތުގައި މަޝްވަރާތައް ނުފެށި ލަސްވަނީ، އެމްޑީޕީ އާއި އަދާލަތު ޕާޓީގެ އެއްބާރުލުން ނުލިބޭތީ އެވެ.
މަޝްވަރާގައި ބައިވެރިވާނެ މަންދޫބުން އެ ޕާޓީއެއްގެ ކައުންސިލުން ފާސްކުރާ ގޮތަށް ނިންމަން ރައީސް އޮފީހުން އެދުނެވެ. އެކަމަކު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެ ވާހަކަތަކުގައި ބައިވެރިނުކުރާނެ ކަން ސަރުކާރުން ވަނީ އަންގައިފަ އެވެ.
ސަރުކާރުގެ ގޮވާލުމަށް އިޖާބަދީ، މަޝްވަރާތަކުގައި ބައިވެރިވާނެ މަންދޫބުން މިހާތަނަށް ކަނޑައަޅާފައި ވަނީ ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އިންނެވެ.