އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނުގެ ގެކޮޅުގެ ސީސީޓީވީ ކެމެރާތައް ހަލާކުކޮށްލައިގެން ގޭތެރެއަށް ވަންނަން މީހަކު މިއަދު މަސައްކަތްކޮށްފި އެވެ.
މިއަދު މެންދުރު ފަހު މިކަން ހިނގާފައިވާކަން "މިހާރު" އަށް ވަނީ ކަށަވަރު ވެފަ އެވެ.
ފުލުހުން ބުނީ އުއްތަމަ ފަނޑިޔާރުގެ ގެކޮޅުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ބަހައްޓާފައި ހުރި ސީސީޓީވީ ގެ ޕޮޒިޝަން ބަދަލު ކޮށްފައި ހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ގެއްލުންދީ ވަދެގަންނަން އުޅުނު އިރު އެ މަނިކުފާނު ގެކޮޅުގައި ވަޑައިގެން ނޫޅުއްވަ އެވެ. އޭރު އުއްތަމަ ފަނޑިޔާރު އިންނެވީ ސުޕްރީމް ކޯޓުގައި ޝަރީއަތެއްގެ ރިޔާސަތުގަ އެވެ. އެއީ ރާއްޖޭގައި އައިއެސްގެ ފިކުރު ފަތުރަން އުޅުނު ކަމަށް ބުނެ ދައުލަތުން ދައުވާކުރި މުހައްމަދު އަމީންގެ މައްޗަށް އުފުލި ދައުވާތައް ހައި ކޯޓުން ބާތިލްކުރުމުން ދައުލަތުން ކޮށްފައިވާ އިސްތިއުނާފު މައްސަލައިގަ އެވެ.
އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވަނީ އެ މަނިކުފާނުގެ އާއިލީ ގެކޮޅުގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހު އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާއަށް ފަހު ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ހާއްސަ ސެކިއުރިޓީއާ އެކު ރަސްމީ ގެކޮޅު ހަމަޖެއްސުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.