މާލޭގެ ދެ މިސްކިތަކަށް މީހަކު ވަދެ ކުޑަކަމުދިޔަ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން މިރޭ ބުނީ ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުގައި މީހުން ނަމާދަށް ތިއްބައި ފިރިހެނަކު ވަދެ ކުޑަކަމުދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ދެ މިސްކިތުގެ އިތުރުން ރައީސް އޮފީސް ގޭޓް ކުރިމައްޗަށް ވެސް އޭނާ ކުޑަކަމުދިޔަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި މިހާތަނަށް ބެލިބެލުމުން އެ މީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަން ވަނީ އެނގިފަ އެވެ. އޭނާ ހައްޔަރު ކުރި ކަމެއް ނުވަތަ ނޫން ކަމެއް ނުބުނެ އެވެ.
ފުލުހުން ބުނީ މި މައްސަލައިގައި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ދާދި ފަހުން ހުކުރު މިސްކިތުގައި ބިދޭސީ އަންހެނަކު މިސްކިތުގެ ހުރުމަތް ކެނޑޭ ގޮތަށް އަޅުކަމެއް ކުރާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާއްމުވި އެވެ.