ކަފާލާތު ނުދޭން އަދި ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރަން އަމުރެއް ނުދިނަސް ޖޫރިމަނާ ފައިސާ ނެގުން ފަސްކުރަން ވަނީ އަމުރުކޮށްފައި
ކުރީގެ ރައީސް އަބްދުﷲ ޔާމީން: ކަފާލާތުގެ ދަށުން އެމަނިކުފާނު ދޫނުކުރަން މިއަދު ސުޕްރީމް ކޯޓުން ވަނީ ނިންމާފައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު
05 އޮކްޓޯބަރ 2021 - 10:17
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަފާލާތުގެ ދަށުން ދޫކުރެވެން ނެތް ކަމަށާއި ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ވެސް ނެރެދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިދިޔަ ފެބްރުއަރީ މަހު ވަނީ ތާއީދުކޮށްފަ އެވެ. އެ ހުކުމުގެ އިސްތިއުނާފް ޝަރީއަތް ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާއިރު، އެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން ޔާމީން މިނިވަންކޮށް ދިނުމަށް އަދި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި ވަނީ އެދިފަ އެވެ.
އިއްޔެ ސުޕްރީމް ކޯޓުގައި ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ދެ ފަރާތުން ވެސް އެ ދެ އަމުރާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވާއިރު، މިއަދުގެ އަޑުއެހުން ފައްޓަވައި ފުރަތަމަ އިއްވެވީ ކަފާލާތާ ބެހޭ ނިންމުމެވެ. އެ ނިންމެވުމުގައި ވަނީ ކަފާލާތަކީ ކުށެއްގެ ތުހުމަތު ކުރެވޭ މީހުން ދޫކުރުމާ ގުޅޭ އިޖުރާއަތްތަކެއް ކަމަށެވެ.
- ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަފާލާތުގެ ދަށުން ދޫކުރުމަކީ ހައްގެއް ކަމަށް ގާނޫނަކު ނެތް
- އެހެން ގައުމުތަކުގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހުން ކަފާލާތުގެ ދަށުން ދޫކުރަނީ އެކަމަށް ގާނޫނުތައް ހަދައިގެން
- ގާނޫނުއަސާސީގައި ވެސް ކަފާލާތުގެ ވާހަކަ އައިސްފައި ވަނީ ކުށެއްގެ ތުހުމަތު ކުރެވޭ މީހުންނާ ބެހޭގޮތުން
- ކުށް ސާބިތުވެފައިވާ މީހުން ދޫކުރުމުގައި އާންމު މަސްލަހަތެއް އޮތް ނަމަ ގާނޫނެއް ހެދިދާނެ
- ގާނޫނެއް ނެތި ކޯޓަށް އަމިއްލައަށް އެގޮތަށް ނުނިންމޭނެ
- ތަފްސީލީ އުސޫލުތަކެއް ނެތި އިސްތިއުނާފީ މަރުހަލާގައި ހުކުމުގައި ތިބި މީހުން ދޫކުރަން ފަށައިފި ނަމަ އެކި މައްސަލައިގައި އެކި ގޮތްގޮތަށް އަމަލު ކުރަން ފެށިދާނެ
މައްސަލަ ނިމެންދެން ޔާމީންގެ ހުކުމް ތަންފީޒުކުރުން ފަސްކުރެވެން ނެތީ ވެސް ކަފާލާތު ދެވެން ނެތް ސަބަބުތަކުގެ މައްޗަށް ކަމަށް ތިން ފަނޑިޔާރުން ވަނީ އިއްތިފާގުވެވަޑައިގެންފަ އެވެ. ސުޕްރީމް ކޯޓުގައި ޔާމީންގެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މަހާޒެވެ.
މި ދެ އަމުރު ނުދިނަސް ޔާމީނަށް ކުރި ހުކުމުގައި އޮތް ޖޫރިމަނާ ފައިސާ ދެއްކުން ފަސް ކުރުމުގެ އަމުރެއް މިއަދު ވަނީ ނެރެފަ އެވެ. ޖޫރިމަނާގެ ފަސް މިލިއަން ޑޮލަރު ނުދައްކައިގެން އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ އެ ފައިސާ ހޯދަން ސިވިލް ކޯޓުގައި ދައުވާ ކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި ތާވަލުކޮށްފައިވީ ނަމަވެސް ސުޕްރީމް ކޯޓުން މިއަދު ވަނީ އެ ފައިސާ ނެގުމަށް ކުރާ ހުރިހާ ކަމެއް ސުޕްރީމް ކޯޓުގެ ނިންމުމެއް އަންނަންދެން ފަސްކުރުމަށް އަމުރުކޮށްފަ އެވެ.
ޔާމީން ކަފާލާތުގެ ދަށުން ދޫނުކުރަން ނިންމާފައިވާއިރު، އެމަނިކުފާނު މި ވަގުތު ހުންނެވީ ގޭބަންދަށް ބަދަލުކޮށްފަ އެވެ. ކޮވިޑްގެ ތެރޭގައި އެ މަނިކުފާނު ގެއަށް ބަދަލު ކުރީ ޖަލުގައި އެ ބަލި ފެތުރޭތީ އަދި އެމަނިކުފާނުގެ ސިއްހީ ހާލަތަށް ވެސް ބަލާފައި ކަމަށް ކަރެކްޝަންސްއިން ބުނެފައިވެ އެވެ.
ޔާމީން ޖަލަށްލީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާގެ އަސްލު އޮޅުވާލައި ލޯންޑާ ކުރިކަން ސާބިތުވުމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަރުތަ
05 October 2021
ދެން މާރަނގަޅެއްނެ ފުށްގިރަން ގޭގަ ހުރީމަ ވީނު، ހަމަ ގައިމުވެސް ޖަލުގަ ހުރުމަށްވުރެ ރަނގަޅުތާ.
ޖާބިރު ބިން ދިޔާނާ
05 October 2021
ބަލަދިވެހިރާއްޖޭގެ ސްޕްރީމްކޯޓަކީ ވަކިމީހަކައް އަޅުދާސްތުވެފަ އޮންނަތާކައް ވާކައްނުޖެހޭ ޔާމިނުވީމަ ވަކިގޮތެއް ގާސިމުވީމަ ވަކިގޮތެއް މައުމޫނުވީމަ ވަކޮގޮތެއް ނަސީދު އަވަހާރަ ކުރަން ގޮއްވާލީމަ ވަކިގޮތެއް ޔާމިނު އަވަހާރަކުރަން ގޮއްވާލީމަ ވަކިގޮތެއް ވޮޑަމުއްލާގެ ފައިސާ ޖަމާވިކަމައް ހުކުމްކުރީ ސްޕްރީމްކޯޓައްގޮސް ދައުލަތުން ބުނަނީ ވޮޑަމުލާގެ ފައިސާކަން ސާބިތު ކޮއްދެކައް ނުޖެހޭ މީ ވަކިމީހަކައް ހެޔޮވަރު ހެދުމެއްބާ ހުކުމަކީ ކޮބާ އަދުލުއިންސާފު
އަސްލު
05 October 2021
އިންސާފު ހޯދަދޭން އައި މީހުންނާ ޖެހުމުން ކަންކުރަނީ އެކިމީހުންނަށް އެކިގޮތަށް. އިންޝާ ﷲ މިވެރިކަމުގައި ތިބި ކަޅުދަބަސް އުފުއްލި ފަރާތްތައް ވެރިކަން ނިމުމުގެ ކުރިން ފަޅާއަރުއްވައި ޙައްޤުގެ ކުރިމައްޗަށް ގެންނަވާށި! އާމީން
ފޮނިޓައްޕު ހަސަނު
05 October 2021
ވަރަށް އުފާވެެއްޖެ. ޔާމީނު ޖަލުން ދޫކުރަން ޖެހޭނަމަ ޑްރަގް ވިޔަފާރިއާއި މީހުން މެރުމުގެ ކުށުގައި ޖަލުގައި ތިބި މީހުން ވެސް ދޫކުރަން ޖެހޭނެ.
ޙަބީބު
05 October 2021
ޔަމިނު ދޫކޮއްލާ އެއީ ކުއްވެރިޔެއްނޫން
އިބްރ
05 October 2021
މުޒާހިރާކޮށްގެން ދޫކޮށްލާނީ. މަގުމަށްޗަށް ނުކުންނަވާ.
މުރާސިލް
05 October 2021
އެހެންވީމާ ތިޔަ ވިދާޅުވާ ހަމަހަމަކަން ތިޔަ ޤާޒިންނަށް ޔާމީނުގެ މައްޗަށް ޤާއިމެއް ނުކުރެވުނެވެ. މައުމޫނާއި ޤާސިމާއި ނަޝީދާއި ދެންވެސް ތިބި ބަޔަކު ޙުކުމް ތަންފީޒު ކުރަމުން ގެންދިޔައިރު އެފަރާތްތައް ކަފާލާތުގެ ދަށުން ދޫކުރާނެ ޤާނޫނީ ހަމަ އޮވެފައި ޔާމީން ވީމާ ޙުކުމް ތަންފީޒކުރުރަމުން ދާތީ ކަފާލާތުގެ ދަށުން ދޫކުރާނެ ޤާނޫނީ ހަމައެއް ނެތީމާ، އަދުލުއިންސާފުގެ ޤާއިމުކުރަން ތިބި ފަނޑިޔާރުންގެ ފެންވަރު އެބަ ފެނެއެވެ. މި ހަމަ ސަމޫދެވެ ކިޔުނު ޝަހަރެވެ.
އަލިބެހޮއްކޮ
05 October 2021
ޤާނޫނާ ހިލާފަށް ވަކި ބަޔަކާ ދޭތެރޭ ކަމެއް ކުރުމަކީ އެހެން މީހަކާ ދޭތެރޭ ޤާނުނުގެ ތެރޭން ކަން ނުކޮށް ހަމަހަމަކަން ޤާއިމު ކުރުމަށޭ ކިޔައި ޤާނޫނާ ހިލާފަށް ކަންކަން ތަކުރާރު ކުރަމުން ގެންދިއުމެއް ނޫނެވެ.
ޢަރުތަ
05 October 2021
ޔާމީނު މިނިވަން ކުރީމަ އިންސާފު ޤާއިމުވެ އަވަދީވީ އުތަ.
އަސްލު
05 October 2021
ކޮބައިތޯ މިސަރުކާރުގައި ތިބި ކަޅުދަބަހުގައި ފައިސާ ގެންދިޔަ މީހުން؟ އިންޝާ ﷲ ވ.އަވަހަށް މި ވެރިންގެ ޙަޤީޤަތް ފަޅާއަރައި ޙައްޤު ފާޅުވާނެ.
ސޭކުބޯއި
05 October 2021
ޔާމީނު ބާރުގައި ހުރި އިރު ކީ އަޑު އިވޭ. ޤާނޫނު ޔާމީނާ ހަމަ ކުރާނެ ވާހަކަ. މިއަދު ޤާނޫނު ޔާމީނާ ހަމަ ކުރީމާ މިކިޔަނީ އިންސާފެއް ނޫނޭ. ޔާމީނަށް ފައިސާ ދިން މީހުން ނުކުމެ އެއީ ތިމަނަ މެންނަށް މިވެނި ގޮތަކަށް ލިބުނު ފައިސާ ކަމާ އެފައިސާ ސިޔާސީ ކަންކަމަށް ޙަރަދު ކުރުމަށް ޔާމީނާ ހަވާލު ކުރުމަށް އަދީބަށް ދިންކަން ހެއްކާ އެއްކޮށް ޝަރީޢަތުގައި ނުބުނެވެނީ އެއީ އެހެން ގޮތަކަށް ޔާމީނު ހޯދާފައިވާ ފައިސާ އަށްވާތީ.
އޯކޭ
05 October 2021
އިންޝާ ﷲ ކީޔަން އެގުނީމަ އަދި ނިމުނީއެއްނޫން. މާތްﷲ އިންސާނުންނަށް ދެއްވި ސިކުނޑި ހެޔޮގޮތުގައި ބޭނުންކުރަންވެސް ދަސްކުރަންވާނެ.
ޢަރުތަ
05 October 2021
ކޮންކަޅު ދަބަހެއްތޭ، ކަޅުދަބަސް ގެންދިޔަތަން ބަލަން ހުރެ އެކަން ސިއްރުކޮށްގެން މިހާދުވަސްވަންދެން ހުރީ ކީއްވެބާ، މައްސަލަހުށަހަޅަންވީނު ހެއްކާ ޤަރީނާއާއެކީ ކަޅުދަބަސް ހޯދަން..........އާނފަހެ ދެން ކޮން ކަޅުދަބަހެއްގެ ވާހަކަތޭ..........
ކުރުކޮށް
05 October 2021
ޤައުމަށް ދިމާވެފައިވާ ކާރިސާއަކީ ޔާމީނު ވައްކަން ކުރުމުގެ ސަބަބުން ދިމާވި ގޮތް ރައްޔިތުންނަށް ފިޔަވަހި 2ގައި ދިމާވަމުންދާ އުނދަގޫތަކަކީ ޔާމީނު އަގު ބޮޑުފަރާތަށް ތަން ދޫކޮށްލުމާ ފިނިޝިންގ ހިމަނާ ނެތުމުން އުޅެންނޖެހޭ ޙާލު މައިގެބެލްކަނި ހުރިއިރު ކޮޓަރީގެ ބެލްކަނި ވަނީ ކާލާފަ ޔާމީނުގެ ނޭއްގާނީ ކަމުގެ ވޙަކަތަކަކީ ދައްކާކޮޅުންބލާންއޮތް ކަމެއް ނޫން ކޯޓުންކުރި ޙުކުމާއި އެއްގޮތަށް ފައިސާ ނުދައްކާ ހުރި ނުކިޔަމަ ްތެރި މީހަކަށް ދޭނެ ލުޔެއް އޮވެގެމް ނުވާނެ
ހާސަރު
05 October 2021
މި ހުކުމް އަންނާނީ މިހެންކަން ގާނޫނީ ކަންތައް ކުޑަކޮށް އެގޭ މީހަކަށްވެސް އެގޭނޭ. ކުރިން ކަފާލަތުގެ ދަށުން ދޫކުރި އެންމެނަކީވެސް ކުށެއްގެ ތުހުމަތުގައި އޭރު ހައްޔަރު ކޮށްގެން ގެންގުޅު މީހުން . ހުކުމެއް ތަންފީޒު ކުރާއެންމެ މީހަކަށްވެސް ކަފާލަތެއް ކުރިން ލިބިފަނެތް.