ސުޕްރީމް ކޯޓަކީ އެންމެ ފަހު ބަސް ބުނާ ތަނުގެ ގޮތުގައި އޮތް އޮތުން ބަދަލުކުރުން ހިމެނޭހެން ނިޒާމަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންއެފުން ބޭއްވި ބައްދަލުވުމުގައި ޔާމީން ވިދާޅުވީ ރާއްޖޭގައި ގާނޫނުތައް އެބަހުރި ކަމަށާއި ނަމަވެސް މީހުންގެ ތަރުބިއްޔަތާއި އަހުލިއްޔަތު ނެތުން ފަދަ ސަބަބުތަކާ ހެދި ނިޒާމަށް ބަދަލެއް އަންނަން ޖެހޭ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވީ، އެހެން ގައުމުތަކުގައި ހަމަޖައްސާފައިވާ ގޮތަށް ސުޕްރީމް ކޯޓަށް އެންމެ ފަހުގެ ބާރު ދީގެން ތިބޭ ތިބުމަށް ނިމުމެއް ގެނައުމެވެ.

ޔާމީން ވިދާޅުވީ، ފުލުހުން ތަހުގީގުުކުރާ ގޮތް ބަދަލުކުރުން ވެސް ހިމެނޭހެން ނިޒާމަށް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށާއި އެކަމަކު 2008 ގައި އަމަލުކުރަން ފެށި ގާނޫނުއަސާސީ ތަޖުރިބާކުރެވުނީ ހިތިކޮށް ކަމަށެވެ.

ސުޕްރީމްކޯޓުން އެކި ކަންކަމުގައި އަމަލުކުރަމުން އަންނަ ގޮތްތަކަށް އެ މަނިކުފާނު ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވި އެވެ.

"އެހެންވީމާ ނިޒާމުތަކަށް ބަދަލު އަންނަން އެބަޖެހޭ. އަނެއްކާ ސުޕްރީމް ކޯޓުން މި ނިންމާ ކަންކަމަށް ވެސް އަދި އޭގެ ފަހުން ވެސް ބަސް ބުނެވޭ ގޮތަށް އެބަ އޮންނަންޖެހޭ،" ސުޕްރީމް ކޯޓުގައި އަމަލުކުރާ ބައެެއް އުސޫލުތަަކަށް ހަޖޫ ޖެއްސެވުމަށް ފަހު، ޔާމީން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓަށް ޔާމީން ހަޖޫ ޖެއްސެވިއިރު، އެ މަނިކުފާނަށް ރައްދުވާ އާ ރަށުގެ މައްސަލައިގެ ޝަރީއަތެއް އަންނަ މަހުގެ އެއްވަނަ ދުވަހަށް އެ ކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ. 

ސުޕްރީމް ކޯޓަށް ޔާމީން އެންމެ ބޮޑަށް ހަޖޫ ޖެއްސެވީ ޝަރިއަތެއްގައި އެއް ފަނޑިޔާރު ރައުޔު އިއްވެވުމުން ދެން ތިއްބަވާ ފަނޑިޔާރުން ބައެއް ފަހަރު އެ ރައުޔަށް ތާއީދު ކުރައްވާ ކުރެއްވުމަށެވެ. 

"ސުޕްރީމްކޯޓުގެ ހުކުމް އިއްވެވުމުގެ ކުރިން ކޮންމެ ފަނޑިޔާރަކަށް ކެރެން ވާނެ ދެއްތޯ އޭނާގެ އޮޕީނިއަން އިއްވަން؟ މި ބުނަނީ އާދަމް މުހައްމަދު ކީކޭތޯ މިއަށް ވިދާޅުވާނީ، އަޅުގަނޑު ތާއީދު، ދެން އަޒްމިރަލްޑާ ކީކޭތޯ ވިދާޅުވަނީ، އަޅުގަނޑު ތާއީދު، މިއީތޯ ފަނޑިޔާރުން ކަންތައް ކުރަން ޖެހޭ ގޮތަކީ؟" ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކޮންމެ ފަނޑިޔާރަކު ވެސް މައްސަލައިގެ ރައުޔު ވަކިން އިއްވެވުމަކީ ކޮންމެހެން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށް އެ މަނިކުފާނު ދެކެވަޑައިގަންނަވަ އެވެ. 

"އެ މީހުން އެ ތިބީކީ އެކަކު އަނެކަކަށް ބައިއަތު ހިފައިގެން ކްލަބެއްގައެއް ނޫނޭ،" ޔާމީން ވިދާޅުވި އެވެ.

ނިޒާމު ބަދަލުކުުރުމަކީ މައްސަލައެއް ނޫން ކަމަށް ވިދާޅުވާ ވިދާޅުވުމަށް ބާރު ދެއްވަން ވިދާޅުވީ އެހެން ގައުމުތަކުގައި އޮންނަ ގޮަތަށް ރާއްޖޭގައި ކޮންމެހެން ކަންތައް ކުރަން ނުޖެހޭ ކަމަށާއި ރާއްޖޭގެ އަމިއްލަ ތަޖުރިބާއިން ބަދަލުތައް ގެނެވިދާނެ ކަމަށެވެ. 

"ދުނިޔޭގެ ހުރިހާ ތަނެއްގައި ހުރިހާ ގާނޫނެއް އެއް ގޮތަކަށް ނޫން ހުންނަނީ. ތަޖުރިބާއަށް ބިނާކޮށް ކަންތައްތަކެއް ކުރަނީ،" ޔާމީނު ވިދާޅުވި އެވެ.

ޝަރުއީ ނިޒާމުގެ އެކި އެކި ކަންތައްތަކާ މެދު ހިޔާލު ފާޅުކުރައްވައި ވާހަކަފުޅުގައި އެ މަނިކުފާނު އެންމެ ބޮޑަށް ފާޑުވިދާޅުވި އަނެއް ކަމަކީ ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރާ ގޮތެވެ. ޔާމީން ތުހުމަތުކުރެއްވި ގޮތުގައި ބައެއް ފަނޑިޔާރުން ސުޕްރީމް ކޯޓާ ހަމައަށް ވަޑައިގެންނެވީ "ކޮށްދިން ކަމެއް"ގެ ސަބަބުންނެވެ.