ޚަބަރު / މަނީ ލޯންޑްރިން

ޔާމީންގެ ޝަރީއަތުގެ އަޑުއެހުންތައް ނިމުމަކަށް، ޑިސެމްބަރުގެ ކުރިން ހުކުމް ކުރާނެ

މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޔާމީންގެ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވާހަކ ދައްކަވަނީ --

05 އޮކްޓޯބަރ 2021 - 15:16

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަނީ ލޯންޑަރިންގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައި ޑިސެމްބަރު މަހުގެ ކުރިން ހުކުމް ކުރަން ނިންމައިފި އެވެ.

ޔާމީން ޖަލަށްލީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާގެ އަސްލު އޮޅުވާލައި ލޯންޑާ ކުރިކަން ސާބިތުވުމުންނެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ދެމެހެއްޓުމުން ޔާމީންގެ ފަރާތުން މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ އެވެ.

މިއަދު ސުޕްރީމް ކޯޓުގައި އޮތީ ޔާމީންގެ އިސްތިއުނާފީ ޝަރީއަތުގެ ފަހު އަޑުއެހުމެވެ. މިއަދު ދެ ފަރާތުން ވެސް ވަނީ މައްސަލައާ ގުޅޭ ގޮތުން އެންމެ ފަހު ވާހަކަތައް ދައްކައިފަ އެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން، ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވީ ފަނޑިޔާރުންނަށް އޮތީ އާދައިގެ މަސައްކަތެއް ނޫން ކަމަށެވެ.

ނަމަވެސް، އަޑުއެހުންތަކުގައި ދެއްކެވި ވާހަތަކާއި ހުށަހެޅުނު ލިޔުންތައް ދިރާސާ ކުރައްވާނެ ކަމަށާއި ދޫކޮށްލާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް މަހާޒު ވިދާޅުވި އެވެ.

މައްސަލަ ދިރާސާ ކުރަން ގިނަ ދުވަސްތަކެއް ބޭނުންވާތީ ކޯޓު ރިސެސްއަށް ދިޔުމުގެ ކުރިން މައްސަލަ ނިންމަވަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. މަހާޒު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓު ރިސެސްއަށް ދާން އޮތީ 56 ދުވަހެވެ. އެހެންވެ، ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުގެ ކުރިން މައްސަލަ ނިންމާނެ އެވެ.

"މައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކާއި ހުރިހާ ކަމަކަށް ބަލާއިރު، ފުދޭވަރަކަށް މަސައްކަތް އެބަ އޮތް އަޅުގަނޑުމެން ރައުޔު ބިނާކޮށް، އެ ރައުޔުޔައް ލިޔުމަށް ތިރިކޮށް ހުކުމަކާ ހަމައަށް ވާސިލުވުމަށްޓަކައި. މި 56 ދުވަސް ނިމުމުގެ ކުރިން މި މައްސަލައިގައި ނިމުމަކަށް އާދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން."

ރައުޔަށް ހުރަސް އެޅިދާނެ އެއްވެސް ކަމެއް ދެ ފަރާތުން ވެސް ނުކުރަން މަހާޒު އެދިވަޑައިގަތެވެ. ކޯޓުން ހޯދަން އެދޭ ލިޔުމެއް ނޫނީ ކޯޓަށް ހުށަނޭޅުމަށް ވެސް އެދިވަޑައިގަތެވެ.

ޔާމީން މިއަދު ވަނީ ޝަރީއަތުގައި މައްސަލައާ ގުޅޭ ގޮތުން ދިގުކޮށް ވާހަކަ ދައްކަވައިފަ އެވެ. އެމަނިކުފާނު ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގަތީ، ގޮތެއް ނިންމަވާއިރު މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމަށް ބަލައި ގޮތެއް ނިންމެވުމަށެވެ.

މިއަދުގެ އަޑުއެހުމުގައި ޔާމީނަށް ކަފާލާތު ނުދިނުމަށް ވެސް ނިންމާފައިވެ އެވެ. ބެންޗުން ނިންމެވީ ހުކުމެއްގައި ހުރި މީހަކު ކަފާލާތުގެ ދަށުން ދޫކުރެވޭނެ އުސޫލެއް ރާއްޖޭގައި ނެތް ކަމެވެ. އަދި އެމަނިކުފާނުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ވެސް ނެރެނުދޭން ނިންމެވި އެވެ.

އެހެން ނަމަވެސް، ޖޫރިމަނާގެ ފައިސާގެ ސުޕްރީމް ކޯޓުގައި ހިނގާ މައްސަލަ ނިމުމުގެ ކުރިން ޖޫރިމަނާ ފައިސާ ހޯދުމުގެ ގޮތުން އެއްވެސް ޝަރީއަތެއް ހިންގައި ގޮތެއް ކަނޑައަޅައިފި ނަމަ އިންސާފު ގާއިމްވުމަށް ހުރަސްއެޅިދާނެތީ ޔާމީންގެ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ދެއްކުން ފަސް ކުރުމުގެ އަމުރެއް ނެރެދިނެވެ.

ޔާމީންގެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ޑރ. މުހައްމަދު އިބްރާހިމެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454