ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުންނަށް 1،400 ކެމެރާ ހޯދަން އިއުލާންކޮށްގެން ޝަރުތު ހަމަވާ ބަޔަކު ނުވުމުން އަދަދު މަދުކޮށް 200 ކެމެރާ ހޯދަން އަލުން ބީލަމަށް ހުޅުވާލައިފި އެވެ.
ފުލުހުން ބުނީ 1400 ކެމެރާ ހޯދަން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލި ފަރާތްތަކުގެ ތެރޭގައި އެކަމަށް ޝަރުތު ހަމަވާ ބަޔަކު ނެތް ކަމަށް ޓެންޑާ ބޯޑުން ނިންމާފައިވާ ކަމަށެވެ. އެހެންވެ އަލުން 200 ކެމެރާއަށް އިއުލާންކުރީ ޕްރޮޖެކްޓުގެ ސްކޯޕަށް ބަދަލު ގެނައުމަށް ފަހު ކަަމަށް ފުލުހުން ބުންޏެވެ.
"200 ކެމެރާއާ އެކު މި އަހަރު ޕްރޮޖެކްޓް ފެށުމުގެ ގޮތުން އަލުން ވަނީ އިއުލާންކޮށްފައި،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި މާލެ އާއި އައްޑޫ ފަދަ އާބާދީ ބޮޑެތި ސަރަހައްދުތަކުގައި މި އަހަރުގެ ތެރޭގައި މި ކެމެރާ ބޭނުންކުރަން ފެށޭނެ އެވެ.
ބޮޑީ ވޯން ކެމެރާގެ ބޭނުންކުރުމުގެ ކުރިން އަޖުމަ ބެލުމުގެ ގޮތުން މިދިޔަ އަހަރު ކުރީ ކޮޅުގައި ޓްރައަލް ހަރަކާތެއް ވެސް ފުލުހުން ކުރިއަށް ގެންގޮސްފައި ވެ އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ދާދި ފަހުން ވިދާޅުވެފައި ވަނީ ތުހުމަތުތަކުން ސަލާމަތްވެ އެންމެންނަށް ވަރަށް އަވަހަށް ކުއްލިއަކަށް ފެނިގެންދާނެ އިންގިލާބީ ބަދަލަކަށް ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެއީ ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފެށުން ކަަމަށް ވިދާޅުވި އެވެ.
ކޮމިޝަނަރު ވިދާޅުވި ގޮތުގައި ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމުން ފުލުހުން އިތުރަށް ޖަވާބުދާރީ ކުރުވުމާއި ފިޔަވަޅު އެޅުމުގެ އިތުރުން ފުލުހުންގެ އޮފިސަރަށް ވަރަށް ބޮޑު ރައްކާތެރިކަމެއް ލިބިގެންދާނެ އެވެ. "ވަޒީފާގައި ހުންނަ އިރު ދޭތެރެ ދޭތެރެ އިން މި އަންނަ ތުހުމަތު, މީހަކާ ދިމާލަށް އެއްޗެއް ބުނީ, ބޭއިންސާފުން އަމަލެއް ހިންގައި އަނިޔާވެރިވީ ކަމަށް މި އޮންނަ ޝަކުވާތަކަށް ހައްލެއް ލިބިގެންދާނެ،" ހަމީދު ވިދާޅުވެފައިވެ އެވެ.