ފްރޮންޓްލައިންގައި މަސައްކަތްކުރާ ފުލުހުންގެ ބޭނުމަށް، ޔުނީފޯމުގައި ހަރުކުރާ 1،400 ކެމެރާ ހޯދަން ފިނޭންސް މިނިސްޓްރީން މާދަމާ ބީލަމަށް ހުޅުވާލަން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީ ކުރި އިއުލާނެއްގައި ބުނީ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު، ޝަރުތު ހަމަވާ ފަރާތްތަކަށް މާދަމާ އިން ފެށިގެން ހުޅުވާލާނެ ކަމަށެވެ. އަދި ޝަރުތު ހަމަވާ ފަރާތެއް ކަނޑައެޅުމުގައި އަމަލުކުރާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުގެ މަތިންނެވެ.

މި ބީލަމުގައި ބައިވެރިވުމަށް 1،500ރ. ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. އަދި މި ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 390،000ރ. ވެސް ހުށަހަޅަން ޖެހެ އެވެ.

ފުލުހުންނަށް ބޮޑީ ވޯން ކެމެރާ ހޯދައިދޭން ފިނޭންސް މިނިސްޓްރީގައި އެދިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިދިޔަ ޖޫން މަހު ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ އަހަރު ރާއްޖެ އަށް ކުރިމަތިވި ކޮވިޑްގެ ބަލިމަޑުކަމާ ހެދި، ދައުލަތުގެ ބަޖެޓުން މި މަސައްކަތަށް ހަރަދު ނުކުރެވުމާ ގުޅިގެން މި އަހަރުގެ ބަޖެޓުގައި އެކަން ވަނީ ހިމަނައިފަ އެވެ.

މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރާއާ ދެކޮޅަށް މެއިޑޭގައި މާލޭގައި ޒުވާނުން ކުރި މުޒާހަރާގެ ތެރެއިން ފުލުހުން، ބަޔަކަށް އަނިޔާކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ލިޔުމަކުން ޖަވާބުދާރީވަމުން ޖޫން 8 ގައި އިމްރާން ވިދާޅުވެފައި ވަނީ ބޮޑީ ވޯން ކެމެރާ ހަރުކުރުމުގެ މަސައްކަތް ޕޮލިސީ ލެވެލްގައި ކުރަން ނިންމައި، އެ އެއްޗެހި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި 1،400 ކެމެރާ ހޯދުމަށްޓަކައި ޕައިލެޓް ޕްރޮގުރާމެއް ހިންގައި ރިލައިބިލިޓީ އަށް ބަލައި، އެމެރިކާގެ އެކްއޯން މަރުކާގެ ކެމެރާ ސިންގަލް ސޯސްކޮށް ހޯދުމަށް ޓެންޑާ ބޯޑަށް ހުށަހެޅި ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

ނަމަވެސް ޓެންޑާ ބޯޑަށް ހުށަހެޅުމުން އެކަން އެގޮތަށް ކުރަން ނުފެންނަ ކަމަށް އެ ބޯޑުން މެއި މަހުގެ ފަސް ވަނަ ދުވަހު ނިންމާފައިވާ ކަމަށް އިމްރާން ވިދާޅުވެފައި ވެ އެވެ. އަދި ބޮޑީ ވޯން ކެމެރާތައް ޕްރޮކިއުކޮށް، މި އަހަރުގެ ތެރޭގައި ބޭނުންކުރެވުމަކީ އެ މިނިސްޓްރީ އާއި ފުލުހުންގެ އަމާޒެއް ކަމަށް ވެސް ވިދާޅުވެފައި ވެ އެވެ.

ބޮޑީ ވޯން ކެމެރާގެ ބޭނުންކުރުމުގެ ކުރިން އަޖުމަ ބެލުމުގެ ގޮތުން މިދިޔަ އަހަރު ކުރީ ކޮޅުގައި ޓްރައަލް ހަރަކާތެއް ވެސް ފުލުހުން ކުރިއަށް ގެންގޮސްފައި ވެ އެވެ.