އައްޑޫގައި ހަރަކާތްތެރިވާ ފުލުހުންގެ އޮަޕަރޭޝަންތަކަށް ވެހިކަލްތަކުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާތީ އެ ކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ލިޓަސް އޮޓޮމޮބައިލްސް އިން ސައިކަލްތަކެއް ހަދިޔާކޮށްފި އެވެ.
ރާއްޖޭގައި މިހާރު އެންމެ ފުޅާކޮށް ސައިކަލްގެ ވިޔަފާރިކުރާ އެންމެ މަޝްހޫރު އަދި އެކި ހާލަތުތަކާ ގުޅިގެން އެކި މީހުންނަށް އެހީވާ އެއް ކުންފުނި ލިޓަސް އިން ފުލުހުންނަށް ހަދިޔާކުރި ހަ ސައިކަލް ހަވާލުކުރީ ގަމުގެ ރަތްގޭގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ފުލުހުންގެ ފަރާތުން އެ ސައިކަލްތަކާ ހަވާލުވެވަޑައިގަތީ ފުލުހުންގެ ވެރިޔާ މުހައްމަދު ހަމީދެވެ.
އައްޑޫ ފޭދޫގެ ވިޔަފާރިވެރިއަކު ހިންގަވާ ލިޓަސް އިން ސައިކަލްތަކެއް ހަދިޔާ ކުރުމުން އެކަމަށްޓަކައި ޝުކުރު އަދާކުރައްވައި ސީޕީ ވިދާޅުވީ އެ ކުންފުނިން ދިން އެހީ އަކީ އައްޑޫގައި އުޅޭ ފުލުހުންނަށް މި ވަގުތަށް ވަރަށް ބޮޑު އެހީއެއް ކަމަށެވެ.
އޭނާ ވިދާޅުވީ، އައްޑޫގައި ދޭ ފުލުހުންގެ ހިދުމަތްތައް މިހާރަށް ވުރެ ރަނގަޅުކޮށް، ހަރުދަނާކުރުމުގެ ގޮތުން ފުލުހުންގެ އަދަދާއި ވަސީލަތްތައް އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެކި ބާވަތުގެ ކުށްތަކުގެ މައްސަލަތައް ބޮޑު އަދި އާބާދީގައި 35،000 މީހުން އުޅޭ އައްޑޫން ފުލުހުންގެ ދައުރު އެކަށީގެންވާ ވަރަށް ނުފެންނަ ކަމުގެ ޝަކުވާ އަކީ ރައްޔިތުންނާއި ކައުންސިލްގެ ވެސް ވަރަށް ކަންބޮޑުވުމެކެވެ. އެހެންވެ އެކަންކަން ރަނގަޅު ކުރަން މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ސީޕީ ވިދާޅުވި އެވެ.
މި ވަގުތު އައްޑޫގައި ތިބި ފުލުހުންގެ އަދަދަކީ 128 ކަމަށް ވާއިރު ފުލުހުންގެ ވެހިކަލްތައް މަދުވުމަކީ ކުށްތައް މަދުކުރަން ހިންގާ އޮޕަރޭޝަންތައް ކުރިއަށް ގެންދަން ދިމާވެފައި އޮތް ގޮންޖެހުމެކެވެ.