މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އިންޑިއާ އިން އައިސްފައިވާއިރު، ކޮންމެ ހަތަރު މީހަކުން އެކަކު ނިސްބަތްވަނީ އެ ގައުމަށް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ ނުވަ މަސް ދުވަހު ރާއްޖެ އައީ 870،862 ޓޫރިސްޓުންނެވެ. މީގެ ތެރޭގައި އިންޑިއާގެ 204،530 ޓޫރިސްޓުން ހިމެނެ އެވެ.
މިއީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު 18 ޕަސެންޓުގެ ކުރިއެރުމެކެވެ.
ދެވަނަ އަށް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އެ ގައުމުން 2019 ވަނަ އަހަރު 83،369 އައިރު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 174،095 ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. އެހެންވެ، ރާއްޖެއަށް އަންނަ ކޮންމެ ފަސް ޓޫރިސްޓުންގެ ތެރެއިން އެކަކީ ރަޝިއާގެ ޓޫރިސްޓެކެވެ.
ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމު
- އިންޑިއާ
- ރަޝިއާ
- ޖަރުމަނު
- އެމެރިކާ
- ސައުދި އަރަބިއާ
- ޔޫކްރެއިން
- ސްޕެއިން
- އިނގިރޭސި ވިލާތް
- ކަޒަކިސްތާން
- ފްރާންސް
މިއަހަރު ނިމޭއިރު 1.3 މިލިއަން ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ލަފާ ކޮށްފަ އެވެ.