އދ. ދަނގެތީގެ މަޝްހޫރު ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލާފައި ވަނީ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރައިގެން ކަމަށް އޭނާގެ ހަށިގަނޑު ދުށް ބައެއް މީހުން މިރޭ ބުނެފި އެވެ.
އެ ރަށުގައި ހޮޓަލަކާއި ކާޑުގެ ބާވަތްތައް ވިއްކައި އަދި އޮޑިދޯނިފަހަރު ވެސް ގެންގުޅޭ، އުމުރުން 57 އަހަރު މަހުމޫދުގެ ހަށިގަނޑު ދަނގެތީގެ ހިނަވާގޭގައި މިހާރު ބާއްވާފައިވާއިރު، ހަށިގަނޑު ފެނުނު ބައެއް މީހުން ބުނާގޮތުގައި، އޭނާގެ ކަރަށާއި ބޮލަށް އެއް ފަހަރަށް ވުރެ ގިނައިން ވަޅި ހަރާފައި ހުއްޓެވެ.
"އެ ޒަހަމްތައް ވަރަށް ފުން،" ދަނގެތީގައި މިހާރު ތިބި "މިހާރު" ގެ ނިއުސް ޓީމާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މަހުމޫދުގެ ހަށިގަނޑަށް ލިބިފައިވާ ގެއްލުންތައް އިތުރަށް ބަލައި އެކްސްރޭ ނެގުމަށްޓަކައި ދަނގެތީގައި ހިންގާ އަމިއްލަ ކްލިނިކަށް ގެންދަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
މަހުމޫދު މަރާލައި ދަނގެތީގެ ފަޅުގެއެއްގެ ފެން ވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނީ އޭނާ ހޯދަމުން އަންނަނިކޮށް މިއަދު މެންދުރު 2:30 ހާއިރު އެވެ. ހެނދުނު 10 ޖެހިއިރުން ފެށިގެން ރަށުގެ ރައްޔިތުންގެ ނުކުމެ މަހުމޫދު ހޯދަމުން އަންނަނިކޮށް ފެނުނުއިރު އޮތީ ގޯންޏަކަށް ލައި އެ ވަޅަށް ވައްޓާލައިފަ އެވެ.
މަހުމޫދުގެ ހަށިގަނޑު އެ ވަޅުން ނެހީ ހަވީރު ފަހެއް ޖަހާކަންހާއިރު އެވެ.
މަހުމޫދަށް ވީނުވީއެއް ނޭނގި ގެއްލުނީ ދަނގެތީގެ ބައެއް މީހުން ބުނާގޮތުގައި ސާފްޗެމްޕިއަންޝިޕް މުބާރާރުގައި ރާއްޖެ އާއި އިންޑިއާ ރޭ ކުޅުނު މެޗަށް ފަހު ގެއިން ބޭރަށް ނުކުތް ފަހުންނެވެ. ނަމަވެސް އޭނާ ގެއްލިގެން ކައުންސިލް އިދާރާ އަށް ރިޕޯޓް ކުރީ މިއަދު ހެނދުނު 10 ޖަހާކަންހާއިރެވެ.
މަހުމޫދު މަރައިލި މައްސަލައިގައި ދަނގެތީގެ ބައެއް މީހުން ޝައްކުގެ އިނގިލި ދިއްކުރަނީ މީގެ ތިން މަހެއްހާ ދުވަސް ކުރިން ތޮއްޑޫން ދިޔަ ދެ މީހަކަށެވެ. ދަނގެތީގެ މީހުން އެ ދެ މީހުންގެ މައްޗަށް ތުހުމަތު ކުރާ ބައެއް ކަންކަން އެބަހުރިއިރު، އެ މީހުން ހަވީރުއްސުރެ ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
"މި ރަށުގެ ހުރިހާ އެންމެން ގޮތަކަށް އިއްތިފާގުވޭ އެ ދެ މީހުންގެ އަތެއް މި ކަމުގައި އޮތް ކަމަށް،" ދަނގެތީގައި މިހާރު ހަރަކާތްތެރިވާ "މިހާރު" ގެ ނިއުސް ޓީމުގެ މެމްބަރަކު ބުންޏެވެ.
މަހުމޫދަކީ އެންމެންގެ އިހުތިރާމު ހޯދާފައި ވިޔަފާރިއެއް
ދަނގެތީގެ ބައެއް މީހުން ބުނާގޮތުގައި މަހުމޫދަކީ އެ ރަށުގެ އެންމެންހެން ވަރަށް ބޮޑަށް އިހުތިރާމުކުރާ އަދި ވިޔަފާރީގެ ދާއިރާގައި މަތީ ފެންވަރުގައި ގުނައިލެވޭ މީހެކެވެ. އެ ރަށުގައި އުޅޭ އެންމެންނަށް ބޭނުންވާ ޒަރޫރީ ބާވަތްތައް އެތެރެކޮށްދެނީ މަހުމޫދެވެ. ދަނގެއްޗަށް ކާޑުގެ ބާވަތްތައް ގަނޑުކޮށް ގެންގޮސް ވިއްކަނީ މަހުމޫދެވެ. ކައްކާ ގޭހުގެ ވިޔަފާރީގެ އިތުރުން ސަޕްލައި ދޯނި ގެންގުޅެ އެވެ.
"އެ ވަރުގެ ވިޔަފާރިވެރިއަކު މި ރަށުގައި ނޫޅޭނެ. އަހަރެމެންނަށް ޔަގީންވާ ގޮތުގައި މަހުމޫދު އެ މަރައިލީ ފައިސާގެ ދަހިވެތި ކަމުގައި. އޭނާގެ ޖީބުގައި ގަނޑުކޮށް ފައިސާ ނުހުންނަ އިރެއް ނުދާނެ. ބައިވަރު ކޭޝް އަތުގައި އަބަދުވެސް ހުންނާނެ،" އަންބަކާއި ހަތަރު ކުދިން ތިބި މަހުމޫދާ ގުޅޭ ގޮތުން ދަނގެތީގެ މީހަކު ބުންޏެވެ.