ޖަލު ހުކުމް ތަންފީޒު ކުރަމުން އަންނަ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާ ބައްދަލު ކުރުމަށް އދ. ގެ އޮފިޝަލުންތަކެއް އެދިފައިވާ ކަމަށް އޭނާގެ އާއިލާ އިން މިރޭ ބުނެފި އެވެ.

ފުލުހުންނަށް ހުރަސް އެޅުމުގެ ދެ ދައުވާއެއް ސާބިތުވެ 10 މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދާ މަހްލޫފްއާ ބައްދަލުކުރުމަށް އދ. ގެ އޮފިޝަލުންތަކެއް އެދިފައިވާ ކަން ހާމަކުރީ، މަހްލޫފްގެ އަނބިކަނބަލުންނާއި މަހްލޫފްގެ ވަކީލާ އެކު އދ. ގެ އޮފިޝަލުންތަކެއް މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ.

މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް "މިހާރު" އަށް ވިދާޅުވީ މަހްލޫފް ޖަލަށްލި ފަހުން މިއަދާ ހަމައަށް ކަންކަން ހިނގި ގޮތުގެ ތަފްސީލް އދ. ގެ އޮފިޝަލުންނާ އެ ބައްދަލުވުމުގައި ހިއްސާ ކޮށްފައިވާ ކަމަށެވެ. އެގޮތުން އެކަށީގެންވާ ބޭސްފަރުވާ ނުލިބުމާއި ޖަލުގައި އެކަހެރިކޮށް މަހްލޫފް ބަހައްޓާ މައްސަލަ ފާހަގަކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ބޭފުޅުން ވިދާޅުވި މަހްލޫފާ ޖަލުގައި ބައްދަލުކުރަން [ކަރެކްޝަނަލް ސާވިސްގައި] އެދިފައިވާ ކަމަށް،" އދ. ގެ އޮފިޝަލުން އިސް ނެގުމަކަށް މިއަދު ބޭއްވި ބައްދަލުވުމާ ގުޅޭގޮތުން ނަޒްރާ ވިދާޅުވި އެވެ.

މަހްލޫފާ ބައްދަލުކުރުމަށް އދ. ގެ އޮފިޝަލުންތަކެއް އެދުނުކަން ހާމަ ކުރިއިރު، އޭނާ ޖަލަށްލި މައްސަލަ މިހާރު އޮތީ އދ. ގެ ވޯކިން ގްރޫޕަށް ވެސް ހުށަހަޅައިފަ އެވެ. ރާއްޖެ އަށް ކޮމަންވެލްތުން ކަނޑައެޅި މަންދޫބު ވިލީ މުޓުންގާ ވެސް ވަނީ ޖަލުގައި މަހްލޫފާ ކުރިން ބައްދަލުކޮށްފަ އެވެ.

މަހްލޫފްގެ ބޭސްފަރުވާ އަށް 10 ދުވަހަށް އޭނާ އިންޑިއާ އަށް ދިއުމަށް ކަރެކްޝަނަލް ސާވިސް އިން މިހާރު ވަނީ ހުއްދަ ދީފަ އެވެ.

މަހްލޫފް ޖަލަށްލާން ހުކުމްކުރީ މިދިޔަ އަހަރުގެ މާޗް މަހު ބޭއްވި މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް އޭނާ ވަތް މައްސަލައަކާ ގުޅިގެން ކުރި ދައުވާއަކާއި ފުލުހުންގެ ބަންދުގައި ހުރެ، ފިލަން އުޅުނު ކަމަށް ބުނެ ކުރި ދައުވާއެއް ސާބިތުވުމުންނެވެ. އެ ދެ މައްސަލަ މަހްލޫފުގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅިޔަސް އެ އިސްތިއުނާފް ޝަރީއަތް އަދި ނުފަށަ އެވެ.