އަންނަ އަހަރަށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި އެވެ.
ބަޖެޓު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. މިދިޔަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ މިއަހަރަށް ކަނޑައެޅި ބަޖެޓަށް ވުރެ ދެ ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 34.9 ބުލިއަން ރުފިޔާގެ ބަޖެޓެކެވެ.
މި ބަޖެޓްގެ މައިގަނޑު ހަރަދުތައް ބެހިފައި ވަނީ އަށް ކަމަކަށެވެ. މި އަހަރުގެ ބަޖެޓް ޑެފިސިޓަށް 9.7 ބިލިއަން ރުފިޔާ އެރި އެވެ.
2022ގެ އިގްތިސާދީ ތަސައްވުރު
- ޖީޑީޕީ 88 ބިލިއަން ރުފިޔާއަށް އެރުވުން
- 1.6 މިލިއަން ޓޫރިސްޓުން ގެނައުން
- 657 މިލިއަން ޑޮލަރަށް ރިޒާވް އިތުރުކުރުން
ބަޖެޓްގެ މުހިއްމު ހިސާބުތައް
- ޖުމްލަ ބަޖެޓް: 36.9 ބިލިއަން ރުފިޔާ
- އާމްދަނީ: 24.2 ބިލިއަން ރުފިޔާ
- ޕީއެސްއަައިޕީ: 6.2 ބިލިއަން ރުފިޔާ
- ޑެފިސިޓް: 9.7 ބިލިއަން ރުފިޔާ
- ޖުމްލަ ހަރަދު: 34 ބިލިއަން ރުފިޔާ
ބަޖެޓުގެ އެންމެ ބޮޑު ހަރަދެއް ކުރަން ހަމަޖެހިފައިވަނީ މުވައްޒަފުންގެ ހަރަދުތަކަށެވެ. އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ 26 ޕަސެންޓް ހޭދަކުރަނީ ސަރުކާރު މުވައްޒަފުންނެވެ. ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓުގެ 17 ޕަސެންޓް ހޭދަކުރާ އިރު އޮފީސްތައް ހިންގަން ބަޖެޓުން 12 ޕަސެންޓް ހޭދަކުރެ އެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ކުރީގެ ހާލަތަށް ރުޖޫއަވާނެ ކަމަށް ލަފާކޮށްފައި ވަނީ 2023 ވަނަ އަހަރު އެވެ. އެހެން ނަމަވެސް އަންނަ އަހަރު ވެސް ރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ އެވެ. އަންނަ އަހަރު ޖީޑީޕީ 84 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވާ އިރު މި އަހަރުގެ ޖީޕީޑީ ހުންނާނެ ކަމަށް ލަފާ ކުރަނީ 74 ބިލިއަން ރުފިޔާ އާއި 82 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއްގަ އެވެ.
އާމްދަނީ އިތުރުވާނެ އާ ކަންކަން
އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އާ ކަންތައްތަކުން 727 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
އާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ދައުލަތުން ހަރަދުކޮށްގެން ހިއްކާފައިވާ ބިން އަމިއްލަ ފަރާތްތަކަށް ވިއްކުމާއި ޕްލާސްޓިކް ކޮތަޅު ޓެކުހެއް ނަގަން ފެށުމާއި ރިއަލް އެސްޓޭޓް ޓޫރިޒަމް ތައާރަފުކުރުމާއި ރިސޯޓު ތަރައްގީކުރުމަށް ރަށް ދޫކުރުމެވެ.
ބިން އަމިއްލަ ފަރާތްތަކަށް ވިއްކައިގެން 300 މިލިއަން ރުފިޔާ ހޯދުމަށް ކަނޑައަޅާފައިވާ އިރު ރިއަލް އެސްޓޭޓް ޓޫރިޒަމުން 213 މިލިއަން ރުފިޔާ ހޯދަން ހަމަޖެހިފައިވެ އެވެ. ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގައިގެން 48 މިލިއަން ރުފިޔާ ހޯދާ އިރު 148 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ.
މީގެ ތެރެއިން ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުން ފިޔަވާ ދެން ހުރި ހުރިހާ ކަމަކީ މި އަހަރުގެ ބަޖެޓުގައި ވެސް ހިމަނާފައިވާ ކަންކަމެވެ. އެހެން ނަމަވެސް އެކަންކަން ވެސް ހާސިލުވެފައެއް ނުވެ އެވެ.