ރިޔާސީ ނިޒާމުގައި ރާއްޖެ ދެން ތަރައްގީ ނުވާނެ ކަމަށާއި އެ ނިޒާމުގައި ބަޖެޓުގެ ދެބައިކުޅަ އެއްބައި ވަންނަނީ ވަޒީރުންގެ ޖީބަށް ކަމަށް ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް ހަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް އަމާޒުކޮށް، މިއަދުގެ ޖަލްސާ އަށް ހުށަހެޅި ގަރާރަކަށް ބަހުސް ކުރައްވަމުން، ރާއްޖޭގައި ވެރިކަން ހިންގުން ރިޔާސީ ނިޒާމަކަށް ބަދަލުކުރަން އިސްވެ ވަކާލާތު ކުރައްވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަހަތްޕުޅުގައި ހުންނެވި ހަލީމް ވިދާޅުވީ، ބަޖެޓުގައި ހުރިހާ މަޝްރޫއެއް ނުހިމެނޭނެ ކަމަށާއި ހިމެނޭ މަޝްރޫއުތައް ވެސް ނުނިމޭ ފަހަރު އަންނާނެ ކަމަށެވެ.
އަދި ބަޖެޓުގައި ހުންނަ ކަންކަން ތަންފީޒު ކުރުމަށް ވެސް ސަރުކާރުގައި އާދޭސް ކުރަންޖެހޭ ކަމަށާއި މިނިސްޓްރީގެ މަސައްކަތްތައް ލަސް ކަމަށް ހަލީމް ވިދާޅުވި އެެވެ.
"މިއަދު އައިސް އަޅުގަނޑުމެންގެ ފިނޭންސް މިނިސްޓަރު ބަޖެޓު ހުށަހަޅާއިރު، މިތާނގައި އިންނަވައިގެން މާ ދުރުން ވެސް އަތް ހިއްލަވައި، ގެއަށް ވެސް ސައިބޯން ވެސް ގުޅުއްވައި ކޮފީއަށް ވެސް ގެންދަވައި، މި ހުރިހާ ކަމެއް ކުރައްވައި ބަޖެޓު ފާސްކުރުމަށް ފަހު، އެއް އަހަރު ވަންދެން އަޅުގަނޑު ޖެހެނީ އާދޭސްކުރަން،" ހަލީމް ވިދާޅުވި އެވެ.
"ފީއަލީގައި ހެލްތު ސެންޓަރު އަޅަން އުޅޭތާ ތިން އަހަރު ދުވަސް، ކުރެހުމަކާއިގެން ނުނިިމިގެން. މިހާރު އަދި ހުންނަނީ ހެލްތު މިނިސްޓްރީގައި އެކްޓިން މިނިސްޓަރެއް. އެ ވަޒީރަށް ކުރެހުން ވެސް ނިންމައެއް ނުލެވޭ ތިން އަހަރުވީ."
ހަލީމް ވިދާޅުވި ގޮތުގައި ތަރައްގީ ބޭނުން ނަމަ ރާއްޖެ އަށް ބަރުލަމާނީ ނިޒާމު ގެންނަންޖެހެ އެވެ.
"މުޅި ބަޖެޓު ދިނީމާ އޭގެ ދެބައިކުޅައެއްބައި ބަޖެޓު ވަދެގެން ދަނީ ވަޒީރުންގެ ޖީބަށް. އަޅުގަނޑު ނުދަންނަވަން އަދި މި ސަރުކާރުގެ ވަޒީރުން އެ ވަރަކަށް ކެއި ވާހަކައެއް،" ހަލީމް
އޭނާ ވިދާޅުވިގޮތުގައި، މަޖިލީހަށް ކިތަންމެ ބޮޑު ގަރާރެއް ހުށަހެޅިޔަސް، ވަޒީރުން ތިއްބަވައިގެން މިހާރު ރާއްޖޭގައި އޮތް ރިޔާސީ ނިޒާމުގައި ގައުމު ތަރައްގީއެއް ނުކުރެވޭނެ އެވެ. އެހެންވެ، އެންމެ މުހިންމު ކަމަކީ އެ ނިޒާމު ބަދަލުކޮށް، މުޅިން އެހެން ގޮތަކަށް ފެށުން ކަމަށް ވިދާޅުވި އެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވަޒީރުން އިންތިހާބު ކޮށްގެން މަޖިލީހުގެ ތެރެއިން ތަރައްގީ ގެންނަން މަސައްކަތް ކުރަންޖެހޭ ކަމަށް ހަލީމް ވިދާޅުވި އެވެ.