"އައިލެންޑް ބޯއީ" ގޮތުގައި މިހާރު އެންމެން ދަންނަ، އެންމެ ހަތް އަހަރުގެ ހަސަން އަލްމާން ސުޖާއު ބޭނުންވީ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށި ހިމާޔަތްކުރުމުގެ ވާހަކަތައް އޭނާ އަށް މިހާރު އެނގޭ މިންވަރު މުޅި ދުނިޔެ އަށް އިއްވައި ދުނިޔޭގެ ލީޑަރުންގެ ސަމާލުކަމަށް ގެންނާށެވެ. އެކަމުގައި އޭނާ އަށް އިއްޔެ ބޮޑު ކާމިޔާބީއެއް ވެސް ލިބިއްޖެ އެވެ. ދުނިޔޭގެ ކުދިބޮޑު އެތައް ގައުމެއް ބައިވެރިވާ އދ. ގެ ތިމާވެއްޓާ ބެހޭ ކޮންފަރެންސްގައި އޭނާގެ މެސެޖެއް މުޅި ދުނިޔެ އަށް އިއްވައިފި އެވެ.
"އަހަރެން ސަލާމަތްކުރޭ. އަހަރެންގެ ޖަރީރާ ގައުމު ސަލާމަތްކުރޭ. އަހަރެންގެ ދުނިޔެ ސަލާމަތްކުރޭ،" އިނގިރޭސި ބަހުން ދިން މެސެޖުގައި އަލްމާން ބުންޏެވެ.
އަލްމާން މި މެސެޖު ދިނީ މި ކޮންފަރެންސް ކުރިއަށް ދާ، ސްކޮޓްލެންޑް ގްލާސްގޯ އަށް ގޮސް، އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ ބައްދަލުކޮށްފަ އެވެ.
"އަޅުގަނޑަށް ޔަގީން ދުނިޔޭގެ ލީޑަރުން އައިމަންގެ މެސެޖު އަޑުއައްސަވާނެ ކަން،" ޝާހިދު ވިދާޅުވި އެވެ.
ތުއްތުއިރު، އެއްގަމާއި ކަނޑުގެ ދިރުންތަކުގެ ވީޑިއޯ ބެލުމަށް އުފެދުނު ހާއްސަ ޝައުގާ އެކު ތިމާވެށި ދެކެ ވެވުނު ލޯބީގައި އަލްމާން، ދިމާވާ ކޮންމެ މީހަކާ ހިއްސާކުރަނީ އެ ވާހަކަތަކެވެ؛ ކަނޑުގެ ދިރުންތަކަށް ގެއްލުން ލިބެމުންދާ ކަމުގެ ބޮޑެތި ވާހަކަތަކާއި ދުނިޔެ ހޫނުވާ ސަބަބާއި ރާއްޖެ އަށް ވެސް އޭގެ ނުރައްކާ އޮތް ކަމާއި އެކަމުގައި އަހަރެމެންގެ ވެސް ޒިންމާ އޮތް ކަމުގެ ވާހަކަތަކެވެ.
މަޖީދިއްޔާ ސްކޫލުގެ ގްރޭޑް 1 ގައި ކިޔަވަމުން އަންނަ އަލްމާންގެ މަންމަ ބުނި ގޮތުގައި ކޮޕް26 އަށް ދާން ފުރުސަތު ފަހިވީ ވިލިމާލޭގައި ނެގި ވީޑިއޯއެއް އާއްމުކުރުމުންނެވެ. ޔޫޓިއުބް ޗެނަލެއް ހެދުމުގެ ވިސްނުމާ އެކު ކޮވިޑުގެ ކުރިން ނެގި އެ ވީޑިއޯ އާއްމުކުރުމުން އަލްމާންގެ މެސެޖް ކަމުދިޔަ މީހަކު ސޯޝަލް މީޑިއާގައި ޝެއާކުރީ އެވެ.
"އެ ވީޑިއޯ ޔޫއެންޖީއޭ ޕްރެޒިޑެންޓް [ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު]ގެ އެކައުންޓުން ޓުވީޓްކުރުމުން ގިނަ ބައެއްގެ ސަމާލުކަން ލިބުނީ," އަލްމަންގެ ބައްޕަ ކިޔައިދިނެވެ.
މި ވީޑިއޯ އާއްމުވުމުން އެންވަޔަރަމަންޓް މިނިސްޓަރު އައިޝަތު ޝައުނާއާ ވެސް ވަނީ އަލްމާންއާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ގަނޑެއްގައި ކުރަހައި މިނިސްޓަރަށް ކިޔައިދެއްވީ ތިމާވެއްޓަށް ލިބޭ ގެއްލުންތަކާއި ސަލާމަތްވާން ކުރަން އޮތް މަސައްކަތްތަކެވެ.
މި ވާހަކަތަކާ އެކު އަލްމާން އެންމެ ބައްދަލުކުރަން ބޭނުންވަނީ އެމެރިކާގެ ރައީސްއާ އެވެ. އެ ބައްދަލުވުމުގައި ވެސް ބުނަން އޮތީ ކުޑަކުޑަ ރާއްޖެ ސަލާމަތްކުރަން އެހީ ބޭނުންވާ ވާހަކަ ކަމަށް އަލްމާން ބުންޏެވެ.