ޚިޔާލު

އޮޅުންބޮޅުން- ނޫސްވެރިންގެ މިނިވަންކަން

މީޑިއާ ކައުންސިލްގެ ރައީސް މުއީދު (ވ) އަދި ނައިބު ރައީސް އަބީރު.---މިހާރު ފޮޓޯ: ނިޝާން އަލީ

އަހުމަދު އަބްދުﷲ

29 މެއި 2017 - 07:16

2 comments
happy icon 58%

ފާއިތުވި ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގައި ރާއްޖޭގައި އެއްވެސް ރަސްމިއްޔާތެއް ނުބާއްވަ އެވެ. ނޫސްވެރިކަމުގެ ބެލެނިވެރި ފަރާތުން ވެސް އޮތީ ހިމޭނުންނެވެ. ބަސް ހުއްޓިފަ އެވެ. ރާއްޖޭގެ ނޫސްވެރިންގެ ޙާލަތާ މެދު ސަހަރޯހީވެގެން ކަމަށް ވެސް ވެދާނެ އެވެ. މިނިވަން ނޫސްވެރިކަމަށް، ރައްކާތެރިކަމެއް ނެތް ތަނެއްގައި، މިނިވަން ނޫސްވެރިކަމާ ބެހޭގޮތުން ދައްކާނީ ކޮން ވާހަކައެއްތޯ އެވެ؟

ނޫސްވެރިއަކަށް ވުމަކީ ރާއްޖޭގައި ވެސް ނުރައްކާތެރި މަސައްކަތަކަށް ވެއްޖެ އެވެ. ދެކުނު އެމެރިކާގެ ޤައުމުތަކުގައި އެންމެ ނުރައްކާތެރިކަން ބޮޑު ނޫސްވެރިންނަކީ މަސްތުވާތަކެތީގެ ވިޔަފާރިއާ ބެހޭގޮތުން ތަޙްޤީޤީ ލިއުން ލިއާ ނޫސްވެރިންނެވެ. މި ސަރަޙައްދުގެ ޤައުމުތަކުގައި އެންމެ ނުރައްކާތެރިކަން ބޮޑީ ދީނީ ކަންކަމާ ބެހޭގޮތުން މިނިވަން ޚިޔާލު ފާޅުކުރާ ލިއުންތެރިންނަށެވެ. ދުނިޔޭގެ ތަރައްޤީ ވެފައިވާ ޤައުމުތަކުގައި ވެސް ވެރިކަން ކުރާ ފަރާތާ ބެހޭގޮތުން ބައެއް ފަހަރު ހޯދޭ ނާޒުކު ތަޙްޤީޤީ ލިއުންތައް އާންމުވިޔަ ނުދިނުމަށް އެތެރެ އެތެރެއިން މަސައްކަތްތަކެއް ކުރެވެ އެވެ. އެވެސް ޤާނޫނީ އިމުގެ ތެރެއިންނެވެ. ގިނަ ފަހަރަށް މިފަދަ މަސައްކަތްތައް ވެސް އޮންނަނީ ކާމިޔާބު ނުވެފަ އެވެ.

ރާއްޖޭގެ ނޫސްވެރިންނަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލަ އަކީ ރާއްޖޭގެ ވެރިކަންކުރާ ފަރާތާއި ސިޔާސީ ބާރުވެރިންގެ މި އޮންނަ ބޮޑު އަބުރެއްގެ މައްސަލަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ އަރިއަހުން އެމަނިކުފާނަށް ފަޅުރަށެއް ލިބިވަޑައިގެންނެވިތޯ ސުވާލެއް ކޮށްލުމުން ވެސް ޖަވާބު ލިބޭނެ ކަމަށް ވިދާޅުވަނީ ކޯޓުން ބައްދަލުވެގެން ކަމަށް ވެ އެވެ. މިސާލެއްގެ ގޮތުން ދަންނަވާ ނަމަ ބޭފުޅެއްގެ އަރިއަހުން ސަރުކާރުގެ ކުންފުންޏަކުން ތެޔޮ ބައްލަވައިގަންނަވައިގެން ސަރުކާރުގެ އެހެން ކުންފުންޏަކަށް ތަންކޮޅެއް އަގު ބޮޑުކޮށް ތެޔޮ ވިއްކަވަންތޯ ސުވާލެއް ކޮށްލުމުން ވެސް އޭނާގެ އަބުރާ ބެހުނީ ކަމަށް ވެ އެވެ. މަދީނާ ކަދުރޭ ކިޔާފައި ޕެކެޓުގައި ލިއެފައި އޮއްވައި ފެނިގެން މީހަކު މަދީނާ ކަދުރު ބަހައިފިއޭ ބުނުމުން ވެސް އެ ބެހި މީހާގެ އަބުރާ ބެހުނު ކަމަށް ބެލެވެ އެވެ.

ސީދާ ކުރިމަތީގައި ކުރެވޭ ސުވާލަކަށް ސީދާ ކުރިމަތީގައި ޖަވާބު ނުދެވެންވީ ކީއްވެތޯ އެވެ؟ އެއިރުން އެ ހިސާބުން އެކަންތައް ނިމުނީ އެވެ. ނުނިމޭ ނަމަ ދެން އޮންނާނީ އެކަމަކާ ބެހޭގޮތުން ތަޙްޤީޤީ ލިއުމެއް ލިއުމެވެ. އޭގެ ފަހުން ނުކުންނަ މައްސަލަތަކެވެ. އަބުރާ ބެހުމުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ހުށައެޅޭ ފަރާތުން ވެސް ބޮޑު ޖޫރިމަނާއެއް ކޮށްގެން ލިއުނު މީހާ އިނދަޖައްސާލަނީ އެވެ.

ތެދުފުޅެކެވެ. ޤާނޫނުގައި އޮތް ގޮތެވެ. ޤާނޫނު ހަދަނީ ރައްޔިތުންގެ މަންދޫބުންނެވެ. ރައްްޔިތުންނަށް ރައްކާތެރިކަން ދިނުމަށެވެ. ކުށްކުރި މީހާ އަށް އިންސާފުގެ ކުރިމައްޗަށް ދިއުމުގެ ފުރުސަތު ލިބުމުގެ ކުރިން އޭނާ އަކީ ކުށްވެރިއެއް ކަމަށް ކަނޑައެޅެ އެވެ. އަޅުގަނޑުމެން މި ވާހަކަ ދައްކަނީ ކުޑަކުޑަ އަދަދަކުން ކުރެވޭ ޖޫރިމަނާއެއްގެ ވާހަކައެއް ނޫނެވެ. މިލިއަނުން ކުރެވޭ ޖޫރިމަނާގެ ވާހަކަ އެވެ. ބައެއް ތަންތަނުން ކުރެވޭ ބައެއް ޖޫރިމަނާއާ މެދު ހިތްހަމަ ނުޖެހިގެން ކޯޓަށް ދިއުމަށް އޮންނަ ގޮތާއި އަބުރާ ބެހިގެން ކުރެވޭ ޖޫރިމަނާއާ ވަރަށް ތަފާތެވެ. އަޅުގަނޑުގެ ނަޒަރުގައި އެ ޖޫރިމަނާ އަށް ގޮންޖަހާ ނަމަ، އެ ޖޫރިމަނާގެ ފައިސާ ދައްކަން އޮންނަން ވާނީ ޝަރީޢަތުގެ މަރުހަލާ ނިމުމަށް ފަހުގަ އެވެ. މަގުސަދަކީ ލިއުނު މީހާ އިނދަޖައްސާލުން ކަމަށްވާ ނަމަ މިހާރު އޮތްގޮތް ރަނގަޅެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް އައިއިރު ރާއްޖޭގެ މިނިވަން ޚިޔާލުގެ ނޫސްވެރިއަކަށް ވީނުވިގޮތެއް ނޭނގުނުތާ އެއްހާސް ދުވަސް ހަމަވަނީ އެވެ. މީހުން ކިޔާ ހިތްވާގޮތަށް، މީހުންގެ މޫނުމައްޗަށް ހިނިތުންވުމެއް އަންނަ ގޮތަށް މިނިވަންކަމާ އެކު ލިޔާ ލިއުންތެރިއަކު ރަޙްމު ކުޑަ ގޮތަކަށް މަރާލެވުނުތާ ސާޅީސް ވެސް ނުވެ އެވެ.

ރާއްޖޭގައި ކެރިގެން މިނިވަން ޚިޔާލު ފާޅުކުރާ ނޫސްވެރިންނަށް ނުރައްކާތެރިކަން އޮންނަކަން ފާއިތުވި އަހަރުތަކުގައި ހިނގާފައިވާ ހިތާމަވެރި އަނިޔާވެރި ހާދިސާތަކުން ދައްކަ އެވެ. ހިތާމަވެރި، އަނިޔާވެރި ގޮތަކަށް ދުނިޔެ ދޫކޮށްފައިދާ މިނިވަން ޚިޔާލުގެ ލިއުންތެރިންނާއި، ގެއްލުވާލާފައިވާ ނޫސްވެރިންނާ ބެހޭގޮތުން ސަރުކާރުގެ ބައެއް މަސްއޫލު ފަރާތްތަކުން ނުސީދާކޮށް ވިދާޅުވާ އެއްޗަކުން ބައެއް ފަހަރަށް، ނުސީދާކޮށް އެކަން ކުރާ ފަރާތްތަކަށް ހިތްވަރެއް ދެއްވެނީ ނޫންބާވައޭ ހިތަށް އަރާ ފަހަރު ވެސް އާދެއެވެ.

ތެދުފުޅެކެވެ. ސޯޝަލް މީޑިއާގައި އަޅުގަޑުމެންގެ ޢަޤީދާ އާ ޚިލާފުވާ ގޮތަށް ލިއުންތައް ލިއާ މީހުންނާއި އަޅުގަނޑުމެންގެ ސަގާފަތާ ނުގުޅޭގޮތަށް ލިޔާ މީހުންނާ މެދު ހިތްހަމަނުޖެހޭ ބަޔަކު އުޅެފާނެ އެވެ. ވަރަށް ނަފްރަތުކުރާ ބަޔަކު ވެސް އުޅެފާނެ އެވެ. އެހެން ނަމަވެސް އޭގެ މާނަ އަކީ އެފަދަ ކަންތަކާ ނުރުހޭ މީހުން، އެފަދަ ލިއުންތައް ލިޔާ މީހުން މެރުމެއް ނޫނެވެ. ރާއްޖޭގެ ޤާނޫނާ ޚިލާފްވާ މީހުންނާ ބެހޭގޮތުން ފިޔަވަޅު އެޅެން ވާނީ ޤާނޫނީ އިމުގެ ތެރެއިންނެވެ. ހަމަ އެފަދައިން އިސްލާމް ދީނާއި ނުވަތަ އިސްލާމީ އުސޫލުތަކާ ޚިލާފްވާ މީހުންނާ ބެހޭގޮތުން ވެސް ފިޔަވަޅު އެޅެން ވާނީ އިސްލާމީ ޝަރީޢަތުގެ ތެރެއިންނެވެ. ދާދި ފަހުން ވިލާތުގެ ގައުމެއްގައި ދިރިއުޅޭ ސިކުނޑީގެ މައްސަލަތަކެއް ހުރި ކަމަށް ބުނާ ދިވެއްސަކު ސޯޝަލް މީޑިއާގައި ހާމަކުރި ވާހަކަތަކަކާ ގުޅިގެން ސަރުކާރުގެ ކަމާ ބެހޭ ފަރާތުން ވަގުތުން ފިޔަވަޅު އެޅި އެވެ. އޭނާގެ ސިއްޙީ ހާލަތަށް ރިޢާޔަތް ކުރުމެއް ވެސް ނެތި އެވެ.

ރާއްޖޭގައި ސޯޝަލް މީޑިއާގައި ކުރިން ދެންނެވުނު ފަދަ ލިއުންތައް ލިޔާ ބަޔަކާ މެދު އަޅާނުލެވޭނަމަ ބެލެވޭނީ އެފަދަ ފަރާތްތަކުގެ ލިއުންތައް ހުރީ ޤާނޫނީ އަދި އިސްލާމީ އިމުގެ ތެރޭގައި ކަމުގަ އެވެ.

މިނިވަން ޚިޔާލުގެ ލިއުންތައް ލިއުއްވި ދެ ލިއުންތެރިއަކު ވަނީ އެ ބޭފުޅުންގެ މިނިވަން ޚިޔާލު ފާޅުކުރުމުން އަޅުގަނޑުމެންނާ އަބަދާއި އަބަދަށް ވަކިކޮށްފަ އެވެ. އެ ދެ ލިއުންތެރިން ގެއްލުމާއި މަރުގެ ޙަޤީޤަތާ ބެހޭގޮތުން އަދިވެސް އަޅުގަނޑުމެންނަށް ކޮޅެއް މެދެއް ނުފެނެ އެެވެ. ދުވަހަކަށް ފަހު ދުވަހެއް، ހަފްތާއަކަށް ފަހު ހަފްތާއެއް، މަހަކަށް ފަހު މަހެއް ގުނެމުން އިތުރުވަމުން ދަނީ އެވެ. މި ހިތާމަވެރި ހާދިސާތަކުގެ ޙަޤީޤަތް އެނގޭނެ ކަމުގެ އުއްމީދުގެ އަލިކަމުގެ ކަންޏެއްގެ މިންވަރު ވެސް ދުރުން އަދި މާ ދުރުން ވެސް ކުޑަކޮށް ވެސް ފެންނާކަށް ނެތެވެ.

ތެދުފުޅެކެވެ. އަޅުގަނޑުމެންނަށް އޮތީ ހެޔޮ ދުޢާކުރުމެވެ. އުއްމީދުކުރުމެވެ. އެކަމަކު އެ ދެ ލިއުންތެރިންގެ މަސައްކަތް ބަލައިގަތުމަށް، އެ ދެ ލިއުންތެރިން މިނިވަން ޚިޔާލަށް ކުރި ޤުރުބާނީ އަށް ޤަދަރު ކުރުމުގެ ގޮތުން އަޅުގަނޑުމެންނަށް ކުޑަ ކަމެއް ކުރެވިދާނެ އެވެ. މި އަހަރުގެ ތެރޭގައި ނޫސްވެރިން ބާއްވާ ކޮންމެ އަހަރީ ޙަފްލާއެއްގައި އަޅުގަނޑުމެންނަށް އެ ދެ ލިއުންތެރިންނަށް ޝަރަފްވެރި ހާއްސަ އިނާމެއް ދެވިދާނެ އެވެ. އަޅުގަނޑުމެން ތިބީ އެ ދެ ލިއުންތެރިންގެ މަސައްކަތާ އެކީގައި ކަމަށް ދައްކާށެވެ. އެންމެ ކުޑަމިނުން ތާރީޚަށްޓަކަ އެވެ. މިކަމާ މެދު ހިތްހަމަ ނުޖެހޭ ބަޔަކު އުޅެފާނެ އެވެ. ނޫސްވެރިކަމުގެ މިނިވަންކަން ހޯދުމަށް މަސައްކަތް ކުރުމަށް އަޅުގަނޑުމެން ޖެހިލުން ވެގެން ނުވާނެ އެވެ.

2 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 0%
icon angry icon angry 42%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނާ

29 May 2017

މިހާބޮޑަށް ނޫސްވެރިކަން މި ސަރުކާރުންފިއްތާ އޮބިއަޅާފަ އޮތް އިރުވެސް މިހާރު ނޫހުން މިނިވަން ނޫސްވެރިކަމެއް ކުރާތަން ފެންނާތީ އުފާކުރަން. މީ އަހަރުމެން ދެކެން ބޭނުންވާ ނޫސްވެރިކަމަކީ.. ހަޤީޤަތް ހާމަކޮށްދިނުން.. ވަކިއަތަކަށް ބުރަނުވެ މިފަދަ މޮޅުލިޔުންތައް ކިޔާލަން ލިބުން.. މިހާރު ނޫހުގެ ލިޔުންތެރިންހާ ޕްރޮފެޝެނަލް ކޮށް ނޫސްވެރިކަން ކުރާ ބައެއް ރާއްޖެއަކުން މަށަކަށް ނުފެނެ.. ތިހާ ގަޓުހުރެގެން އެއްޗެއް ލިޔެލެވޭނީ ހާދަ ކެރޭތީއޭ..

The name is already taken The name is available. Register?

ހީހީ

29 May 2017

ނޫސްވެރިކަމުގެ މިނިވަންކަން!!!!!!!!!! މިހާރު އޮތީ ކަފަން ކޮށްފައެވެ. އެއީ ޖުލައި 26 ގައި ގައުމުގެ މިނިވަންކަމާއެކު ވަޅުލާށެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!