އަންނަ އާދިއްތަ ދުވަހުގެ އިރުކޭތަ: ރާއްޖެއަށް ފެންނާނީ ފަޅި ކޭތައެއް

ފަލަކީ މާހިރުން ބުނާ ގޮތުގައި އަންނަ އާދީއްތަ ދުވަހު، ޖޫން 21، 2020ގައި، އެނިޔުލާ އެކްލިޕްސެއް ނުވަތަ އިރުގެ އަނގޮޓި ކޭތައެއް ހިފާނެ އެވެ. ނަމަވެސް މި ކޭތަ ރާއްޖެ އަށް ފެންނާނީ، ފަޅި ކޭތައެއްގެ ގޮތުގަ އެވެ.


ރާއްޖެ އަށް މި ކޭތަ ހިފަން ފަށާނީ ހެނދުނު 9:31 ގަ އެވެ. އެންމެ ބޮޑަށް ހިފާފައި ހުންނާނީ، 10:51 ގަ އެވެ. ކޭތަ މުޅިން ވީއްލާނީ، މެންދުރު 12:14 ގަ އެވެ.

އިރުކޭތަ ހިފަނީ ދުނިޔޭގެ ވަށައިގެން ހަނދު ބުރުޖަހަމުން ދާއިރު، އިރާއި ދުނިޔެއާ ދެމެދަށް ހަނދު ވަދެ، އިރުގެ އައްޔަށް ހުރަސް އެޅުމުންނެވެ.

އިރުކޭތަ ތިން ގޮތަކަށް ހުރެ އެވެ. އެއް ގޮތަކީ، ޓޯޓްލް އެކްލިޕްސް އެވެ. ފުރިހަމަ ކޭތަ އެވެ. އެ ކޭތަ ހިފާފައި ހުންނައިރު، އިރުގެ އެއްވެސް ތަންކޮޅެއް ފެންނާކަށެއް ނުހުންނާނެ އެވެ. ފެންނާނީ، ވަށައިގެން ގަދަ އައްޔެއް ހުރި ކަޅު ބޯޅައެއްގެ ސިފައިގަ އެވެ.

ދެވަނަ ގޮތަކީ، އިރުގެ ފަޅި ކޭތަ އެވެ. ޕާޝަލް އެކްލިޕްސް އެވެ. މި ކޭތަ ހިފާފައި ހުންނައިރު، އިރުގެ އެއް ބައި ފެންނަން ހުންނާނެ އެވެ. އަނެއް ބައި ހުންނާނީ ފޮރުވިފަ އެވެ.

ތިން ވަނަ ގޮތަކީ، އެނިޔުލާ އެކްލިޕްސް އެވެ. ނުވަތަ [އަނގޮޓި] ކޭތަ އެވެ. މި ކޭތަ ފެންނައިރު ހީވާނީ ބޮޑު ކަޅު ބޯޅައެއްގެ ވަށައިގެން ވަރަށް ހަނި އަލި ބޮޅެއް ހުންނަ ހެންނެވެ. އަނގޮޓިއެއްގެ ސިފައިގަ އެވެ. ޖެނުއަރީ 15، 2010 ގައި ރާއްޖެ އަށް މިފަދަ އަނގޮޓި ކޭތައެއް ވަރަށް ރީތިކޮށް ފެނުނެވެ. އަޅުގަނޑު ވެސް އެ ކޭތަ ދުށީމެވެ. ފޮޓޯ ވެސް ނެގީމެވެ. އަޅުގަނޑު ފިޔަވައި، ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ވެސް އެ ކޭތަ ދުށްޓެވެ. އެއީ ދުވަހަކު ވެސް ހަނދާން ނެތޭނެ މަންޒަރެއް ނޫނެވެ.

އަންނަ އާދީއްތަ ދުވަހު ހިފާ އިރުކޭތަ، އަނގޮޓިއެއްގެ ގޮތުގައި އެފްރިކާ އާއި އޭޝިޔާގެ ވަރަށް ގިނަ ސަރަޙައްދުތަކަށް ފެންނާނެ އެވެ. އޭގެ ތެރޭގައި، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ކޮންގޯ، އިތިއޯޕިޔާގެ އިތުރުން އަވަށްޓެރި ޕާކިސްތާނުގެ ދެކުނު ސަރަޙައްދާއި އިންޑިޔާގެ އެންމެ އުތުރު ސަރަޙައްދާއި ޗައިނާ ހިމެނެ އެވެ.

ފަޅި ކޭތައެއްގެ ގޮތުގައި މި ކޭތަ ފެންނާނެ ގައުމުތަކުގެ ތެރޭގައި، ދިވެހިރާއްޖެ އާއި އުތުރު އަދި އިރުމަތީ އެފްރިކާގެ ގައުމުތަކާއި، ޔޫރަޕްގެ އިރު ދެކުނު ސަރަޙައްދާއި، އޭޝިޔާގެ ގިނަ ގައުމުތަކާއި، އޮސްޓްރޭލިޔާގެ އުތުރު ސަރަޙައްދު ހިމެނެ އެވެ.

ފުރިހަމަ އިރު ކޭތައެއްގެ މަންޒަރު: މިއީ އިންސާނުންގެ ޝައުގުވެރިކަން އަތުލާ ކަމެއް

އިރާއި ހަނދުގެ ކޭތަތަކަށް ބަލާއިރު، އަހަރަކު ޖުމްލަ ދެ ކޭތަ އާއި ޖުމްލަ ހަތް ކޭތަ ހިފާނެ އެވެ. ޖުމްލަ ދެ ކޭތަ ހިފާ އަހަރެއް ނަމަ އެ ވާނީ، އިރުގެ ދެ ކޭތަ ކަމަށެވެ. ޖުމްލަ ހަތް ކޭތަ ހިފާ އަހަރެއް ނަމަ، ހިފާނީ އިރުގެ ފަސް ކޭތަ އާއި ހަނދުގެ ދެ ކޭތަ އެވެ. ނުވަތަ އިރުގެ ހަތަރު ކޭތަ އާއި ހަނދުގެ ތިން ކޭތަ އެވެ.

މިއީ ހަގީގަތަކަށް ވިޔަސް، އަޅުގަނޑުމެންނަށް ގިނައިން ފެންނާނީ ހަނދު ކޭތަ އެވެ. އިރުކޭތަ ފެންނާނީ އެ އަށް ވުރެ މަދުންނެވެ. ސަބަބަކީ، އިރު ކޭތަ ހިފާއިރު ފެންނާނީ ދުނިޔޭގެ މަދު ސަރަޙައްދަކަށް ވާކަމެވެ. މިއާ ޚިލާފަށް، ހަނދުކޭތަ ހިފާއިރު، ހަނދު އަރާފައިވާ ކޮންމެ ގައުމަކަށް ވެސް އެ ކޭތަ ފެންނާނެ އެވެ.

އެޑިޓަރުގެ ނޯޓު

ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ، ފަލަކީ އިލްމަށް ހާއްސަ ޝައުގުވެރިކަމެއް ބަހައްޓަވާ ބޭފުޅެކެވެ. އިރު ކޭތަ އާއި ހަނދު ކޭތަތަކުގެ އިތުރުން ޖައްވީ އެހެން ބައެއް މައުލޫއުތަކަށް ވެސް، ދޭތެރެ ދޭތެރެއިން "މިހާރު" އެމަނިކުފާނު ގެންދަވަނީ ލިއުއްވަމުންނެވެ.