ވަޒީފާގެ ގާނޫނަށް ގެންނަ ބަދަލުތަކުން ފެންނަނީ ގޯސްތައް

މަސައްކަތްތެރިންނާ ގުޅޭ ގޮތުން ރާއްޖޭގައި ފުރަތަމަ ގާނޫނެއް ހެދީ 2008 ވަނަ އަހަރު އެވެ. އޭރުގެ ސަރުކާރަށް މި ގާނޫނު ހަދަން މަޖުބޫރުވީ މަސައްކަތްތެރިން މިކަމަށް އެދި އެތައް ޕްރެޝަރެއް ކުރިމަތި ކުރުވުމުންނެވެ. ހާއްސަކޮށް މެއި 1، 2006 ގައި މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް މާލޭގައި ބޭއްވި ބޮޑު މުޒާހަރާއަށް ފަހު އެވެ. ކަންދިމާކުރި ގޮތުން އެދުވަސްވަރަކީ ރާއްޖޭގައި ގިނަ ޕާޓީތައް އެކުލެވޭ ޑިމޮކްރަސީގެ އޮއިވަރު ބޮޑުވެ ގާނޫނުއަސާސީ ވެސް އިސްލާހު ކުރަމުން އައި ދުވަސްވަރެވެ. އެ ގާނޫނުއަސާސީއަށް 12 އަހަރު ވީ ފަހުން، މިހާރު މިވަނީ އަނެއްކާވެސް ގާނޫނަށް ބަދަލުތަކެއް ގެންނަން ނިންމާފަ އެވެ. އިސްލާހުތަކެއްގެ ނަމުގަ އެވެ. މި ލިޔުމުގައި ބަލާލާނީ ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން ގެންނަށް ބޭނުންވާ ބަދަލުތަކާއި އެ ބަދަލުތަކާ މެދު އަހަރެން ދެކޭ ގޮތެވެ.


ވަޒީފާއާ ބެހޭ ބިލު ބަދަލުކުރުމަށް ހުށައެޅުމުގެ ސަބަބެއް ކަމުގައި ބަޔާން ކޮށްފައިވަނީ މަސައްކަތްތެރިންނަށް އެންމެ ކުޑަމިނުން ދޭނެ އުޖޫރައެއް ކަނޑައެޅުމަށާއި، އެކަމާ ގުޅޭ އުސޫލުތައް ތަފްސީލު ކުރުމަށް ކަމަށެވެ. ފުރަތަމަ ކަމަކަށް މިފަދަ ކަންކަމަށް އިސްލާހު ކިޔުން ވެސް ހުއްޓާލަން ޖެހެ އެވެ. އެހެނީ އިސްލާހަކީ ކުރިން އޮތް ގޮތް ކަމުނުދާތީ އެކަން ރަނގަޅު ކުރުމަށް ކުރާ ކަންކަމަށް ކިޔާ ނަމެކެވެ. މި ބިލުން ވަޒީފާގެ ގާނޫނަށް ގެނައުމަށް ހުށައަޅާފައިވާ ކަންކަމަކީ އެ ބަދަލުތަކުގެ ސަބަބުން މަސައްކަތްތެރިންގެ ހާލަތު އިތުރަށް ނިކަމެތިވެ، ތަފާތުކުރުން އިތުރަށް ފުޅާވެގެން ދާނެ ކަންކަމެވެ. ހަމަ މިއާ އެކު، މި ބިލުން ދެން ފެންނަ ކަމަކީ މަސައްކަތްތެރިން ލައްވާ މަސައްކަތް ކުރުވާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ދީފައިވާ ތަނެވެ. މި ބިލުން ބޮޑެތި ފައިސާވެރިންނަށް ފަހި ފުރުސަތުތަކެއް ހުޅުވާލެވިގެން ދާނެ އެވެ. އަދި ކަމާ ބެހޭ މިނިސްޓަރަށް ވެސް މި ބިލުން އެތައް ބާރުތަކެއް ދީފާއިވާކަން ފާހަގަކުރަމެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ބަދަލު ގެނައުމުގައި ސަރުކާރުގެ ނިޔަތް ގޯސްކަން އެނގޭ އެތައް ސަބަބުތަކެއް އެބަ ހުއްޓެވެ. އެއް ކަމަކީ މި ގާނޫނަށް އިސްލާހު ގެންނަން ހުށައަޅާފައިވާ ބިލުގެ 14 ވަނަ މާއްދާގައި ވަގުތީ ގޮތުން ވަޒީފާގައި މީހުން ގެންގުޅެވޭނެ މުއްދަތު (ޕްރޮބޭޝަން) ހަ މަސް ދުވަހަށް ވުރެ ދިގުނުވާނެ ހެން ބަދަލުކުރުމަށް ހުށައަޅާފައިވާ "އިސްލާހެވެ". މަސައްކަތްތެރިންގެ ޕްރެޝަރާ ހެދި މިހާރު ވަނީ ޕްރޮބޭޝަން ހަ މަހުން ތިން މަހަށް ކުޑަކުރުމަށް ނިންމާފައެވެ. ގާނޫނުގެ 21 ވަނަ މާއްދާއަށް ގެންނަ ބަދަލަކީ، މަގާމު އުވާލައިގެން މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް މަގުފަހި ކުރުމަށް ހުށައަޅާފައިވާ ބަދަލެކެވެ. އަދި 42 ވަނަ މާއްދާގައި ސަލާމް ބުނުމުގެ ކަންކަން އިތުރަށް ހަރުކަށި ކޮށްފައިވެ އެވެ. ނަމަވެސް ސަރުކާރުން މިހާރު ވަނީ މެޑިކަލް ސެޓްފިކެޓާ ނުލާ 15 ސަލާމް، އަދި މެޑިކަލް ސެޓްފިކެޓް ހުށައަޅާ ގޮތަށް 15 ސަލާމް ބުނެވޭ ގޮތަށް މި މާއްދާ ބަދަލުކޮށްފަ އެވެ. މިހާރު އަމަލު ކުރަމުންދާ ގާނޫނުން ވެސް ކޮންމެ މަސައްކަތްތެރިއަކަށް މެޑިކަލް ސެޓްފިކެޓާ ނުލާ 30 ދުވަހު ސަލާމް ބުނެވެ އެވެ.

ދެން އޮތީ ސާވިސް ޗާޖްގެ ވާހަކަ އެވެ. ބިލުގެ 52 ވަނަ މާއްދާއިން ސާވިސް ޗާޖާ ގުޅޭ ގިނަ ކަންތައްތަކެއް ބަދަލުކުރުމަށް ހުށައަޅާފައިވެ އެވެ. މިގޮތުން ސާވިސް ޗާޖް ނެގުމަކީ އިހްތިޔާރީ ކަމެއް ގޮތުގައި މާނަކުރެވޭ ގޮތަށް އޮތުމާއި އިސް މަގާމުތަކުގައި ތިބޭ ފަރާތްތައް ސާވިސް ޗާޖްއިން އިސްތިސްނާ ކުރެވިދާނެކަމަށް ބަޔާން ކޮށްފައިވުމަކީ ކަންބޮޑުވާ ކަމެކެވެ. ސާވިސް ޗާޖަކީ ހިދްމަތެއް ހޯދާ ފަރާތުން ދޭ އެއްޗެކެވެ. އެއްވެސް ހާލެއްގައި ވިޔަފާރިވެރިޔާ ދޭ އެއްޗެއް ނޫނެވެ. އެހެންކަމުން ސާވިސް ޗާޖު ނުނަގާ ފަރުޖެއްސެން އޮތީމާ، ރިޒޯޓުތަކުގެ ރޫމް ރޭޓް ކުޑަ ކުރުމަށްޓަކައި ރިޒޯޓުތަކުން ސާވިސް ޗާޖު ނެގުން ހުއްޓާލައިފިއްޔާ މަސައްކަތްތެރިންގެ އާމްދަނީ ވަރަށް ބޮޑު ތަނުން ކުޑަވާނެ އެވެ. މަސައްކަތްކުރާ ފަރާތްތަކަށް އިސް މަގާމުތައް ދިނެއް ކަމަކު އެފަރާތްތަކުގެ މުސާރަ އާއްމު ގޮތެއްގައި ވަރަށް ކުޑަ އެވެ. ވީމާ އިސް މަގާމުތަކުގެ މަސައްކަތްތެރިންނަކީ ކޮބައިކަން ވެސް ބަޔާން ނުކޮށް މި ބަދަލު ގެނައިމާ، ރިޒޯޓުގެ ސުޕަވައިޒަރީ ލެވެލްގެ މަސައްކަތްތެރިން ވެސް ސާވިސް ޗާޖުން މަހުރޫމު ވުމުގެ ފުރުސަތު އެބަ އޮތެވެ. މިހާރުވެސް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ "އިސް" ބައެއް ފަރާތްތަކުގެ މުސާރައަށް ވުރެން ސާވިސް ޗާޖް ބޮޑެވެ. މަސައްކަތްތެރިންނަށް ކިރިޔާ ބަނޑުފުރާނަ މުއްތިކުރެވެނީ މި ބުނާ ސާވިސް ޗާޖު ލިބޭ ކަމުންނެވެ.

ދެން އޮތީ މިނިމަމް ވޭޖްގެ ވާހަކައެވެ. ގާނޫނުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އެންމެ ކުޑަ އުޖޫރަ މިނިސްޓަރު ކަޑައަޅަން ޖެހޭނެ އެވެ. އާޓިކަލް ފަށްޓަމުން ވެސް ބުނެފައިވާ ފަދައިން މި ބަދަލުތައް ގެންނަ މައިގަނޑު ބޭނުން ކަމަށް ބިލުގައި ބުނެފައިވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ކަންކަން ނިންމުމެވެ. ނަމަވެސް އަލަށް މި ހުށައަޅާ ބަދަލުތަކަކުން މި ބޭނުމެއް ނުފެނެ އެވެ. މީގައި ލިޔެފައި މިވާ ހެން، މިނިސްޓަރު މިނިމަމް ވޭޖް ކަނޑައަޅަން ޖެހޭނެ ކަމަށް 2008 ވަނަ އަހަރުގެ ގާނޫނުގައި ވެސް އޮވޭމެ އެވެ. ނަމަވެސް 12 އަހަރު ވީ އިރުވެސް މިކަން ތަންފީޒު ކުރާނެ މިނިސްޓަރެއް އައި ކަމަކަށް ނުވި އެވެ. މަސައްކަތްތެރިންނަށް އެންމެ ކުޑަމިނުން ދޭނެ އުޖޫރައެއް ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް އޮތުމުން އެންމެ މީހެއްގެ އަތަށް އެ ދެވުނީ ބޮޑު ބާރެކެވެ. މީގެ ބަދަލުގައި ސިނާއަތްތަކުގެ ކޮންޓްރޯލު ސީދާ މަސައްކަތްތެރިންނަށް ލިއްބައި ދީ، އުޖޫރަ ކަނޑަ އެޅުމުގެ ބާރު މަސައްކަތްތެރިންގެ ޔޫނިއަންތަކުން ކަނޑައެޅޭނެ މާހައުލެއް އޮތުން މާ ރަނގަޅެވެ. އޭރުން މަސައްކަތްތެރިންގެ އިގްތިސާދެއް ގާއިމްކުރެވި ހުރިހާ ރައްޔިތުންނަށް ހަމަހަމައަށް ފައިދާ ބެހިގެންދާނެ ނިޒާމެއް ގާއިމްކުރެވޭނެ އެވެ.

މިނިމަމް ވޭޖާ ގުޅޭ ގޮތުން ހުށައަޅާފައި ހުރި ކަންކަމުގެ ތެރެއިން ދެން ފާހަގަވާ އަނެއް ކަމަކީ މިނިމަމް ވޭޖް ބޯޑު އެކުލަވާލާ ގޮތުގެ އުސޫލެވެ. ގާނޫނުގެ 60 ވަނަ މާއްދާގައި ވަނީ، މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭ ގޮތުން 11 މެންބަރުންގެ މައްޗަށް އެކުލެވޭ އެޑްވައިޒަރީ ބޯޑެއް އެކުލަވާލަން ޖެހޭނެ ކަމަށެވެ. މި 11 މީހުންގެ ތެރެއިން ހަ ފަރާތަކީ ސަރުކާރުގެ ސީދާ ބާރުގެ ދަށުގައި ތިބޭ މީހުންނެވެ. މިއީ އިންސާފުވެރިކަމާ އެކު މަސައްކަތްތެރިން ތަމްސީލު ވުމަށް އޮތް ހުރަހެކެވެ. ވީމާ މި ބިލުގައިވާ ގޮތުން މިނިމަމް ވޭޖް ބޯޑުގެ މެޖޯރިޓީ އަބަދުވެސް އޮންނާނީ ފައިސާވެރިންގެ ނުފޫޒާއި ކޮންޓްރޯލު އޮންނަ ސަރުކާރުގެ މުށުތެރޭގަ އެވެ. ހަގީގަތުގައި މަސައްކަތްތެރިންނަށް ލިބެން ޖެހެނީ އެންމެ ކުޑަމިން ކަމަށް ސަރުކާރުން ކަނޑައަޅާ މުސާރައެއް ނޫނެވެ. ލިބެން ޖެހެނީ ދިރިއުޅެވޭނޭ ވަރުގެ އުޖޫރައެކެވެ.

މަސައްކަތްތެރިންނާ މެދު ގެންގުޅޭ އެތައް ތަފާތުކުރުންތައް މި ބިލުން ފާހަގަކުރެވެ އެވެ. އެންމެ ބޮޑަށް ފަހާގަކުރެވެނީ ބިދޭސީ މަސަައްކަތްތެރިންނާ މެދު ގެންގުޅޭ ތަފާތު ކުރުމެވެ. ގާނޫނުގެ 74 ވަނަ މާއްދާގައި ބުނަނީ ދިވެހި މަސައްކަތްތެރިންގެ ހުނަރު ކުރިއެރުވުމަށާއި ތަމްރީނުތައް ހިންގުުމުގެ ޕްރޮގްރާމްތައް މިނިސްޓްރީން ހިންގަންވާނެ ކަމަށެވެ. ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއަރުވަނީ ދިވެހިންނާއި ބިދޭސީ މަސައްކަތްތެރިންގެ ބައިވެރިވުމާ އެކުގައި ކަމަށް އެއްވެސް ފަރާތަކަށް ދެބަހެއްނުވެވޭނެ އެވެ. މިހެންކަމުން ގާނޫނަކުން މިކަހަލަ ބޮޑެތި ތަފާތުކުރުން އޮތުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި ބިދޭސީ މަސައްކަތްތެރިންނަށް ވެސް އެއްވެއުޅުމާއި، ޖަމިއްޔާ ޖަމާއަތްތައް ހެދުމާއި، ބަސްބުނުމާއި އެހެނިހެން އަސާސީ މިނިވަންކަމާއި ހައްގުތައް ކަށަވަރު ކުރެވެން ޖެހެ އެވެ.

މަސައްކަތްތެރިންގެ ކޮންޓްރޯލު ސިނާއަތްތަކަށް އޮތުން

ކަނާތު ފިޔައިގެ ނިއޯލިބަރަލް ސިޔާސަތު ކުރިއަރުވާ ހިނދަކު ވަސީލަތްތަކާއި، މަސައްކަތްތެރިން ތިބޭނީ ބޮޑެތި ވިޔަފާރިތަކުގެ ބާރުގެ ދަށުގަ އެވެ. ރާއްޖޭގައި ވެސް ކަން ހިނގަނީ މި އުސޫލުންނެވެ. ގުދުރަތީ ވަސީލަތްތަކާއި އިންސާނީ ހަކަތަ ބޭނުންކޮށް ސިނާއަތްތަކުން ނުހައްގުން ފައިދާ ނަގަމުން ދަނީ ބޮޑެތި ވިޔަފާރިވެރިންނެވެ. މަސައްކަތްތެރިޔާ އަށް ލިބެނީ ކިރިޔާ ކާލައިގެން އަނެއް ދުވަހު މަސައްކަތަށް ނުކުމެވޭނެ ވަރު ކުޑަކުޑަ އުޖޫރައެކެވެ. ސިނާއަތްތަކުގެ ކޮންޓްރޯލް މަސައްކަތްތެރިންނަށް ދިނުމާ ވިޔަފާރިތަކާއި، ކަނާތު ފިޔައިގެ ސަރުކާރުތަކުން ދެކޮޅުހަދަނީ މިކަން މިގޮތުގައި ދެމެހެއްޓުމަށެވެ. ބޭނުމަކީ މަސައްކަތްތެރިން ލައްވާ ބުރަ މަސައްކަތް ކުރުވައިގެން ނެރޭ ފައިދާ ވިޔަފާރި އަށް ނެގުމެވެ. މިކަން ކުރުމަށްޓަކއި މަސައްކަތްތެރިންގެ މިނިވަންކަމާއި ހައްގުތައް ވީހާވެސް ހަނިކުރުމަށް ވިޔަފާރިތަކުން ބޭނުންވާނެ އެވެ. މި ސަބަބާ ހެދި މަސައްކަތްތެރިން އަބަދުމެ ތިބެނީ ހާސްކަމެއްގެ ތެރޭގައި އަޅުވެތި ވެފަ އެވެ. އާއިލާ އާއި ލޯބިވާ ފަރާތްތަކާ އެކު ވަގުތު ހޭދަނުކުރެވި، ތިމާގެ ޖިސްމަށާއި ނަފްސަށް އަރާމު ދޭނެ ވަގުތު ނުލިބި، މަސައްކަތްތެރިޔާ ނިމިދަނީ ވިހަ ބުރެއްގެ ތެރޭގައި ފަގީރު ނިކަމެތި ހާލުގަ އެވެ.

މަސައްކަތްތެރިންނަށް ފުރިހަމަ މިނިވަންކަމާއި ހައްގުތައް ކަށަވަރު ކުރެވޭނީ ސިނާއަތްތަކުގެ ކޮންޓްރޯލު މަސައްކަތްތެރިންނަށް ލިބިގެންނެވެ. ސިނާއަތްތައް ހިންގާނީ މަސައްކަތްތެރިންނެވެ. މަސައްކަތްތެރިންނަށް ސިނާއަތްތަކުގެ ކޮންޓްރޯލު އޮތުމުން އުޖޫރަ އާއި މަސައްކަތްތެރިންނާ ގުޅޭ އެހެނިހެން ކަންކަމުގައި ވެސް ބަސް ބުނެ، ކަންކަން ނިންމާނީ ހުރިހާ މަސައްކަތްތެރިން އެއްބަސްވާ ގޮތަކަށް ޑިމޮކްރަސީގެ ހަމަތަކުގެ މަތިންނެވެ. މިގޮތުން އާއިލާއާ އެކު ހެޔޮ ހާލުގައި ދިރިއުޅެވޭނެ ވަރުގެ އުޖޫރަ އާއި، އިނާޔަތްތަކާއި އެހެނިހެން ކަންކަން ވެސް ކަނޑައަޅާނީ ސީދާ މަސައްކަތްތެރިންނެވެ. ގުދުރަތީ ވަސީލަތްތަކާއި އިންސާނީ ހަކަތަ ބޭނުންކޮށް ހޯދާ ފައިދާ ބެހިގެންދާނީ ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކުގަ އެވެ. ހުރިހާ ރައްޔިތުންނަށް ހެޔޮ ހާލު ކަށަވަރުވެ، ހަމަޖެހޭ މުޖުތަމައެއް ބިނާކޮށް، ހަމައެކަނި ފައިދާއަށް ނުވިސްނާ އިގުތިސާދެއް ބިނާކޮށް، އުޖާލާ މުސްތަގުބަލެއް ކުރަހާލެވޭނީ އޭރުންނެވެ.

މަސައްކަތު މާހައުލަށް ޑިމޮކްރަސީ ގެނައުން

އަސާސީ ހައްގުތައް ކަމުގައިވާ އެއްވެއުޅުމާއި، ޖަމިއްޔާ ޖަމާއަތްތައް ހެދުމާއި، ބަސް ބުނުމާއި އަދި ހިޔާލު ފާޅުކުރުމުގެ ހައްގުތަކުން ވޭތުވެދިޔަ ހުރިހާ ސަރުކާރަކުން ވެސް މަސައްކަތްތެރިން ވަނީ މަހުރޫމުކޮށްފަ އެވެ. މަސައްކަތު މާހައުލުގައި "ބޮހުން" ދަނީ ދުވަހެއް ދުވަހަކަށް ހުދުމުހުތާރު އަނދިރި ކަމެއްގެ ތެރޭގައި މަސައްކަތްތެރިން ގައިދު ކުރަމުންނެވެ. މިސާލަކަށް ގާނޫނުއަސާސީން ހުރިހާ ރައްޔިތުނަށް ލިބިދޭ މިނިވަންކަމާއި ހައްގުތައް ވެސް ރިޒޯޓުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ނުލިބެ އެވެ. ވަޒީފާގެ ގާނޫނުން މި ހައްގު މަސައްކަތްތެރިންނަށް ކަށަވަރުކޮށް ދީފައިވަނީ، ރިޒޯޓުތަކުގެ މަސައްކަތްތެރިން އިސްތިސްނާކޮށްފަ އެވެ. އެހެންކަމުން މަސައްކަތަށް ނުގޮސް ހަޅުތާލު ކުރުމާއި، ބާގެއިން ކުރުމުގެ ހައްގު ރާއްޖޭގެ ވަރަށް ގިނަ މަސައްކަތްތެރިންނަށް ނުލިބެ އެވެ. މަސައްކަތްތެރިންނަށް ކަސްތޮޅުން ނެއްޓެވޭނީ ޑިމޮކްރެޓިކް އުސޫލުން މަސައްކަތްތެރިންގެ ޔޫނިއަންތަކާއި، ޖަމިއްޔާތަކާއި، މަސައްކަތްތެރިންގެ އެއްވުންތަކާއި ބައްދަލުވުންތައް ބާއްވައި އިތުރަށް ފުޅާކޮށް ވަރުގަދަ ކުރެވިގެނެވެ. އަދި ބޮސްގެ މަގާމު އުވާލައި ހުރިހާ މަސައްކަތްތެރިންގެ ބަސްބުނުމާއި ބައިވެރިވުމާ އެކު ކަންކަން ނިންމާ ނިޒާމަކަށް މަސައްކަތު މާހައުލު ބަދަލުކޮށްގެނެވެ. ކުރުކޮށް ބުނާ ނަމަ ވޯޓު ކަރުދާހުގައި ގިނަ ނަންތަކެއް ހުރުމުން ޑިމޮކްރަސީ ގާއިމުވީ ކަމަކަށް ނުވެ އެވެ. އެކަން ފައްކާވެ އޭގެ ފައިދާ އާއްމުންނަށް ލިބޭނީ މަސައްކަތު މާހައުލަށް ޑިމޮކްރަސީ ގެނެވުނީމަ އެވެ.

އަހަރެން ދެކޭ ގޮތުގައި ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން ގެންނަން މި އުޅޭ ބަދަލުތައް މަސައްކަތްތެރިން ބަލައިގަނެގެން ނުވާނެ އެވެ. މި ބަދަލުތަކާ ދެކޮޅުހަދާ އިހުތިޖާޖު ކުރަން ޖެހެ އެވެ. މި ބަދަލުތަކުގައި އެއްވެސް ވަރަކަށް މަސައްކަތްތެރިން އުޅޭ ނިކަމެތި ހާލު ބަލާފައެއް ނެތެވެ. މަސައްކަތްތެރިންގެ ކޮންމެ ދުވަހެއްގެ މަސައްކަތާ، އުޅުމާއި ގުޅުން ހުރި މިފަދަ ކަންކަން ރައްޔިތުންގެ މަޖިލީހުން ނިންމަން ޖެހޭނީ ޓައުން ހޯލް ބައްދަލުވުންތައް ބޭއްވުމަށް ފަހު މަސައްކަތްތެރިންނާ ވާހަކަދައްކާ ހިޔާލު ހޯދައިގެންނެވެ. ހުށައަޅާފައިވާ ކަންކަން މިހާރު ހުރި ގޮތަށް ފާސްކޮށްފި ނަމަ މަސައްކަތްތެރިން އިތުރަށް ނިކަމެތިވެ، މަސައްކަތްތެރިންގެ ތެރޭގައި މިހާރުވެސް އޮތް ތަފާތު ކުރުން އިތުރުވެގެން ދާނެ އެވެ. މިހާރު އޮތް ގާނޫނަށް ބަދަލުތަކެއް ގެނައުމުގެ ބަދަލުގައި މަސައްކަތްތެރިންނާ ގުޅޭ އައު ގާނޫނެއް ހެދުން މާ ބުއްދިވެރި އެވެ. މަސައްކަތްތެރިންނަށް ސިނާއަތްތަކުގެ ކޮންޓްރޯލު ހޯދޭނެ އަދި މަސައްކަތު މާހައުލަށް ޑިމޮކްރަސީ ގެނެސް ބޮހުންގެ މަގާމު އުވިގެންދާނެ ފަދަ މާއްދާތައް އެކުލެވޭ ގާނޫނެކެވެ.

ވަޒީފާއާ ބެހޭ ގާނޫނާއި އެ ގާނޫނު ތަންފީޒު ކުރަން އެކިއެކި މުއައްސަސާތައް އުފައްދައިގެން މިދިޔަ 12 އަހަރު ތެރޭ މަސައްކަތްތެރިންނަށް ލިބުނު އެއްވެސް ކުރިއެރުމެއް ނެތެވެ. ލިބުނިއްޔާ ލިބުނީ ހުސް އަނިޔާ އާއި ގެއްލުމެވެ. މިހާރު އޮތް ގާނޫނުން ވެސް އެންމެ ކުޑަމިނުން ދޭން ޖެހޭ އުޖޫރަ ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް ދީފައި އެބަ އޮތެވެ. އަދި މިނިސްޓަރަށް ލަފާދޭ މިނިމަމް ވޭޖް ބޯޑެއް އެކުލަވާލައި ހިންގަން ޖެހޭނެ ކަމަށް ވެސް ގާނޫނުގައި ލިޔެފައިވެ އެވެ. ލޭބަ ރިލޭޝަންސް އޮތޯރިޓީ އަދި ލޭބާ ޓްރައިބިއުނަލް ގާއިމުވެ އޮވެގެން މަސައްކަތްތެރިންނަށް ލިބުނު ފައިދާއެއް ނެތެވެ. މި އިދާރާތަކަށް، ދައުލަތް ޒިންމާދާރުކޮށް ޖަވާބުދާރީ ކުރެވިފައެއް ނެތެވެ. ވޭތުވެދިޔަ ހުރިހާ ސަރުކާރުތަކާއި ރައްޔިތުންގެ މަޖިލީސްތަކުން އަދި ޝަރުއީ ދާއިރާއިން ވެސް ވަނީ މަސައްކަތްތެރިންގެ ހައްގުތަކަށް ވަރަށް ބޮޑަށް އިހުމާލު ވެފަ އެވެ. މިކަން ބަދަލު ކުރެވޭނީ މަސައްކަތްތެރިންގެ ހައްގުގައި އެ މީހުން ވެސް ނުކުމެ ބަސް އިއްވައިގެންނެވެ.

އެޑިޓަރުގެ ނޯޓު:

އަހްމަދު މުހައްމަދު (ފޯމީ) އަކީ މިނިވަންކަމާއި އިންސާނީ ހައްގުތައް ރައްކާތެރިކޮށް، އަދި ރައްޔިތުންނަށް އެކަންކަން ކަށަވަރުކުރަން ވަކާލާތުކުރައްވާ ބޭފުޅެކެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީއިން އިންސާނީ ހައްގުތަކުގެ ދާއިރާއިން މާސްޓާޒް ނަންގަވައިފަ އެވެ.