ޒަމާނުންސުރެ ރިޒޯޓުތައް ތަރައްގީ ކުރުމަށް ވަރަށް ގިނަ ރަށްރަށް ދީފަައި ވަނީ ބޭއިންސާފުން ކަމަށް ބުނެވިދާނެ އެވެ. ބައެއް ރަށްތައް ދޫކޮށްފައި ވަނީ އެއިރެއްގައި ވެރިކަމުގެ ބާރުތަކުގައި ތިބި ބައެއްގެ ގާތް ތިމާގެ މީހުންނަށާއި ބޮޑެތި ފައިސާވެރިންނަށާއި އަދި ސިޔާސީ ގޮތުން އެ މީހުންނާ ގުޅިފައިވާ ފަރާތްތަކަށެވެ. ރަށްރަށުގައި ވަޒަންވެރިވެ މީހުން ދިރިއުޅެއުޅެ ތިއްބާ އެ ރަށްރަށުން މީހުން ބާލައިގެން ވެސް ރިޒޯޓު ތަރައްގީ ކުރުމަށް، ފައިސާވެރިންނަށް ރައްޔިތުންގެ ރަށްތައް ދޫކޮށްފައިވެއެވެ. ހަމަ މި ބީދައިން، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ޓޫރިޒަމްގެ ގާނޫނުތަކާއި، ގަވާއިދުތަކާއި، އަދި އުސޫލުތަކާ ހިލާފަށް 58 ރަށާއި އަދި ފަޅު ޓޫރިޒަމް ތަރައްގީ ކުރުމަށް، ބޮޑެތި ފައިސާވެރިންނަށާއި ސިޔާސީ ފަރާތްތަކަށް ދޫކުރީ ވެސް އިންސާފުން ބޭރުން އަދި ޑިމޮކްރެޓިކް ހަމަތަކާ ވެސް ހިލާފަށެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށް ބެލެވެއެވެ.

މި ލިޔުމުގައި އަލި އަޅުވާލާނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުން ވަގަށް ހޯދާފައިވާ ރަށްތަކާއި އަދި ފަޅުތައް އަނބުރާ ހޯދުމުގެ މައްޗަށެވެ.

ރަށްތައް ހޯދުމަށް ހުރި ހުރަސްތަކަކީ ކޮބާ؟

މި ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދަކީ އެމްއެމްޕީއާރުސީގެ މައްސަލަ ބަލައި، ގެއްލުނު ރައްޔިތުންގެ މުދަލާއި (ރަށްތަކާއި ފަޅުތައް) އަދި ފައިސާ އަނބުރާ ހޯދައިދޭނެ ކަމުގެ ވައުދެވެ. މި މައްސަލަ ބެލުމަށް އެސެޓް ރިކަވަރީ ކޮމިޝަން އުފައްދައި، ތަހުގީގު ކުރިއަށް ގެންދާތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ އެވެ. ނަމަވެސް މި ބޮޑު ހިޔާނާތް ބެލުމަށް ޒިންމާވާ ހުރިހާ މުއައްސަސާތަކެއްގެ ވެރިން އަބަދުމެ ދައްކަމުން އަންނަ ވާހަކައަކީ މި ރަށްތަކުގެ އެކުއިޒިޝަން ފީގެ ގޮތުގައި ހޯދި ފައިސާ ގެއްލުނު ވާހަކަ އާއި އެ ފައިސާ އަނބުރާ ހޯދުމުގެ ވާހަކަ އެވެ. އެކަމަކު ގެއްލިފައިވާ ރަށްތަކާއި ފަޅުތައް (ރައްޔިތުންގެ އަގު ނުކުރެވޭ މުދާ) އަނބުރާ ހޯދާ ވާހަކައެއް ނުދައްކަ އެވެ. އަލަށް ހޮވި ސަރުކާރާއި، ޝަރުއީ ދާއިރާ، ރައްޔިތުންގެ މަޖިލިސް، ސިޔާސީ ޕާޓީތަކާއި ސިޔާސީ ވެރިން، މިނިވަން މުއައްސަސާތައް، އަދި މަދަނީ ޖަމިއްޔާ ޖަމާއަތްތަކުން ވެސް އެމްއެމްޕީއާރުސީގެ މައްސަލައިގައި ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށްޓަކައި ހަރުދަނާ އެއްވެސް މަސައްކަތެއް ކުރާ ތަނެއް ވެސް ނުފެނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި މެންބަރަކު އެމްއެމްޕީއާރްސީގެ ޚިޔާނާ ގުޅޭ ލިސްޓު ބައްލަވަނީ. -- ފޮޓޯ: އަހްމަދު އަވްޝަން/މިހާރު
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި މެންބަރަކު އެމްއެމްޕީއާރްސީގެ ޚިޔާނާ ގުޅޭ ލިސްޓު ބައްލަވަނީ. -- ފޮޓޯ: އަހްމަދު އަވްޝަން/މިހާރު

ރަށްތައް އަތުލުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މި ކޮރަޕްޝަންގައި ދައުލަތުގެ އެކި ބާރުތަކުގެ ވެރިންނާއި ބޮޑެތި ފައިސާވެރިންނާ ގުޅި ލާމެހިފައިވުމެވެ. މައިގަނޑު ސަބަބަކީ ސިޔާސީ ބާރުތައް ކޮންޓްރޯލު ކުރަނީ ބޮޑެތި ފައިސާވެރިން ކަމުގައި ވާތީ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން 2017 ވަނަ އަހަރު ނެރެފައިވާ އެމްއެމްޕީއާރްސީގެ ތަހުގީގު ރިޕޯޓަށް ބަލާލުމުން ރައްޔިތުންގެ މުދަލުން ރޭވިގެން ކޮށްފައިވާ ބޮޑު ވައްކަން ހާމައަށް ފެންނާން އެބައޮތެވެ. ހެދިފައި ހުރި ގާނޫނުތަކާއި ގަވައިދުތައް އަދި އުސޫލުތަކުގެ ބޭރުން ރަށްތަކާއި ފަޅުތައް ބޮޑެތި ފައިސާވެރިންނަށް ވިއްކައިގެން ލިބުނު ފައިސާ ބޭނުން ކުރީ ސިޔާސީ ފަރާތްތަކުން އިތުރަށް މުއްސަނދި ވުމަށާއި ސިޔާސީ ބާރު ހޯދުމަށެވެ.

ރަށްތައް ރައްޔިތުންނަށް އަނބުރާ ހޯދައި ނުދީ ފަރުޖެއްސުމަށްޓަކައި ސަރުކާރުން ދައްކާ މައިގަނޑު އުޒުރަކީ އެ ރަށްތައް އަނބުރާ ދައުލަތަށް ނަގައިފި ނަމަ އިގްތިސާދަށް ލިބިދާނެ ގެއްލުމެވެ. އިންވެސްޓަރުންގެ އިތުބާރު ގެއްލިދާނެ ކަމާއި އަދި ބޮޑެތި ފައިސާވެރިން ވަގަށް ނެގި ރަށްތައް ތަރައްގީ ކުރުމަށް ބޮޑެތި ހަރަދު ކޮށްފައި ވުމުން އޭގެ ބަދަލު ދައުލަތުން ދޭންޖެހިދާނެ ބަހާނާތަކެވެ. ރައްޔިތުންގެ އަގު ނުކުރެވޭ މުދާ ބޮޑެތި ފައިސާވެރިންނާއި ސިޔާސީ ފާރަތްތައް ގުޅިގެން ވަގަށް ނެގުމުން ގެއްލިގެން ދާ ރައްޔިތުންގެ އިތުބާރާ މެދު ފަރުވާލެއް ނެތެވެ. ރައްޔިތުންގެ އިގްތިސާދާ މެދު ފަރުވާލެއް ނެތެވެ. ރައްޔިތުންނަށް ގެއްލިގެން މިއުޅޭ ވަސީލަތްތަކާ މެދު ފަރުވާލެއް ނެތެވެ. ހައްތަހާ ވެސް ދައްކަނީ ހިޔާނާތުގެ ބައިވެރިންގެ ޖީބަށްވާނެ ގެއްލުމަށެވެ.

ރަށްތަކާއި ފަޅުތައް އަނބުރާ އަތުނުލައިފި ނަމަ ދެވޭ މެސެޖަކީ ކިތަންމެ ބޮޑު ވައްކަމެއް ކުރި ކަމުގައި ވިޔަސް ބޮޑެތި ފައިސާވެރިންނާއި ސިޔާސީ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ނުގެނެވޭނެކަމެވެ. މިކަމުން ދައްކުވައިދެނީ އިގްތިސާދަކީ މުއްސަނދިންގެ އެކަނި އެއްޗެއް ކަމެވެ. އެއީ މަހުޖަނު ފައިސާވެރިން ބޭނުން ގޮތަކަށް މޮޑެން އޮތް ފުށްގަނޑެއް ކަމެވެ. ނަމަވެސް ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މަސައްކަތްތެރިން މަސަތްކަތް ނުކުރާނަމަ އިގްތިސާދެއް ނޯންނާނެކަމެވެ. މުޅި އިގްތިސާދު ބިނާކޮށް ކުރިއަރުވާ އަދި ދަމަހައްޓަނީ ވެސް މަސައްކަތްތެރިން ކަމެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ފަޅާއަރުވާލިތާ މިހާރު ފަސްއަހަރު ފާއިތުވެގެން ދިޔައީ އެވެ. އަދި އޭސީސީން ރަށްތައް ދޫކުރުމާ ގުޅޭ ތަހުގީގު ނިންމިތާ ހަތަރު އަހަރުވީ އެވެ. މި ރަށްތަކުގެ ރިޒޯޓުގެ ގޮތުގައި ތަރައްގީކޮށް ހިންގަން ފަށާފައިވަނީ 13 ރަށެވެ. އާ ސަރުކާރު ވެރިކަމާ ހަވާލުވެ، ރައްޔިތުންގެ މަޖިލިސް މެޖޯރިޓީ ސަރުކާރަށް ލިބި އަދި އެސެޓް ރިކަވަރީ ކޮމިޝަން ހަދައި ގަނޫނީ ބާރު ވެސް ދެވިއްޖެ އެވެ. ގެއްލުނު ރައްޔިތުންގެ މުދާ (ރަށްތަކާއި ފަޅުތައް) އަނބުރާ ރައްޔިތުންނަށް ހޯދައިދީ އަދި ދައުލަތުގެ އިދާރާތައް ޖަވާބުދާރީ ކުރުމަށް މަޖިލީހުން ވެސް މިވީހާތަނަށް އެކަށީގެންވާ އެއްވެސް މަސައްކަތެއް ނުކުރެއެވެ. އޭސީސީގެ ރިޕޯޓާއި އަދި އެސެޓް ރިކަވަރީ ކޮމިޝަންގެ ތަހުގީގުން ފެންނާން އޮތީ މަޖްލިސް މެމްބަރުން ވެސް މި ބޮޑު ކޮރަޕްޝަންގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާ ކަމުގެ ހެކިތަކެވެ.

އެސެޓްސް ރިކަވަރީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު އަދި ސީޕީ މުހަންމަދު ހަމީދު -- ފައިލް ފޮޓޯ: މިހާރު
އެސެޓްސް ރިކަވަރީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު އަދި ސީޕީ މުހަންމަދު ހަމީދު -- ފައިލް ފޮޓޯ: މިހާރު

ބައެއް ގާނޫނީ ވަކީލުންގެ އަމިއްލަ ކުންފުނިތަކާއި މި ތަންތަނުގެ ބައެއް ގާނޫނީ ވަކީލުން އަމިއްލަ ހައިސިއްޔަތުން ވެސް މަސައްކަތް ކުރީ އަދި ކުރަމުންދަނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް އެކި ގޮތްގޮތުން ބައިވެރިވި ބޮޑެތި ފައިސާވެރިން ހިމާޔަތުގެ އައްސޭރިއަށް ގެންދިއުމަށެވެ. އެ ފަރާތްތަކުން ދަނީ ހެދިފައި ހުރި ގާނޫނުތަކާއި ގަވައިދުތައް މާނަ ކުރަމުން ފައިސާވެރިންނާއި ސިޔާސީ ފަރާތްތައް ސަލާމަތް ކުރުމަށް ރެއާއި ދުވާލު ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އިންސާފުގެ އެންމެ އަސާސީ ސިފަތަކަށް ވެސް ބެލުމެއް ނެތި އަދި ރައްޔިތުން ބޭނުންވާގޮތް (ޕަބްލިކް އިންޓްރަސްޓް) ގެ ފަލްސަފާ އަށް ވެސް ބެލުމެއް ނެތި އެވެ. ހިތާމައަކީ ރައްޔިތުންނަށް އިންސާފު ނުލިބި ބޮޑެތި ފައިސާވެރިންނަށާއި، ގުޅިފައިވާ ސިޔާސީ ފަރާތްތަކަށް، އަދި ދައުލަތުގެ ބައެއް އިސްފަރާތްތަކަށް އިންސާފުން ބޭރުން ނުހައްގު އެތަކެއް މަންފާ އެމްއެމްޕީއާރުސީ ހިޔާނާތުން ވާނެކަމެވެ.

ބޮޑެތި ފައިސާވެރިންނާއި ދައުލަތުގެ ބޮޑެތި ސިޔާސީ ފަރަތްތަކުން ރޭވިގެން ހިންގި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުން ހާމަވަނީ ރަށްތަކާއި ފަޅުތައް އަތުލުމަށް ދައުލަތުގެ އެއްވެސް ބާރަކުން ބޭނުން ނުވާ ކަމެވެ.

ބޮޑެތި ފައިސާވެރިންނާއި ދައުލަތުގެ ބޮޑެތި ސިޔާސީ ފަރަތްތަކުން ރޭވިގެން ހިންގި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުން ހާމަވަނީ ރަށްތަކާއި ފަޅުތައް އަތުލުމަށް ދައުލަތުގެ އެއްވެސް ބާރަކުން ބޭނުން ނުވާ ކަމެވެ. ރާއްޖޭގައި އިންސާފު ގެއްލި، ރައްޔިތުންގެ މެދުގައި ދައުލަތާއި މެދު އިތުބާރު ކުޑަވެ، އިންސާފުން ކަންކަން ނުކުރާނެ ކަމުގެ ގޯސް މެސެޖެވެ. ފަންތިތަކުގެ ހަމަހަމަކަން ނެތުމާއި، އިންތިހާއަށް ފަގީރު ވުމާއި އަދި އާންމު ރައްޔިތުންނަށް އިންސާފު ހޯދަން ބޭނުން ނުވާކަމެވެ. ބާކީ ހުރި ރަށްތައް ވެސް ގެއްލި ހިނގައިދާނެ ކަމުގެ ބިރެވެ.

ރަށްތައް އަތުލަންވީ ކީއްވެ؟

އެންމެ ރަށެއް ވެސް ވަގަށް ނަގައިގެން އެތަނެއްގައި ރިޒޯޓު ހަދައި، ހިންގައި، އަދި އެތަނުން ފައިދާ ހޯދައި މުއްސަނދިވުމަށް އެއްވެސް މީހަކަށް ފުރުސަތު ލިބިގެން ނުވާނެ އެވެ. އެހެން އެ ފުރުސަތު އެކަކަށް ވެސް އޮންނަ ނަމަ އެއީ ނުރައްކާތެރި ބިރުވެރި ކަމެކެވެ. ކަން މިހެންއޮތް އިރު ދައުލަތުގެ ބާރުތަކުން ދަނީ ރައްޔިތުންގެ މުދަލުން ބަޔަކު ކޮށްފައިވާ ބޮޑެތި އެތައް ވައްކަންތަކަކަށް ފަސްއަޅައި ފޮރުވުމަށް މަސައްކަތް ކުރަމުންނެވެ. މައްސަލަތައް ދިގުލައިގެން ހޭދަވާ ކޮންމެ ދުވަހަކީ އެމްއެމްޕީއާރްސީ ފަދަ ބޮޑެތި ހިޔާނާތުގައި އެކި ގޮތްގޮތުން ބައިވެރިވި ފަރާތްތަކުން އަހަރެމެންގެ ވަސީލަތްތަކުން ނަހަމަ ފައިދާ އިތުރަށް ހޯދާ ދުވަހެކެވެ. ރައްޔިތުންނަށް އިންސާފު ނުލިބި ހޭދަވާ އިތުރު ދުވަހެކެވެ. ދައުލަތް ޒިންމާދާރު ކުރުވުމަށް އުފައްދާފައިވާ ބާރުތަކާއި އެކި މުއައްސަސާތަކުން މިފަދަ ބޮޑެތި ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ބަލަން ބޭނުންނުވާ ކަމާއި، އަދި މި މުއައްސަސާތަކަށް އެކަންކަމުގެ ބައިވެރިން ޖަވާބުދާރީ ނުކުރެވޭ ކަން ރައްޔިތުންނަށް މާބޮޑަށް ވެސް ހާމަވެއްޖެ އެވެ.

ކޮރަޕްޝަންގެ މައްސަލައިގައި އިއްވި ހުކުމަށް ފަހު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަނބުރާ ޖަލަށް ގެންދަނީ: އެމްއެމްޕީއާރުސީން ކޮރަޕްޝަން ހިމެނޭ ގޮތަށް ރަށްތައް ދޫކުރުމުގައި އިސްކޮށް ހުންނެވީ އަދީބު -- ފައިލް ފޮޓޯ: މިހާރު
ކޮރަޕްޝަންގެ މައްސަލައިގައި އިއްވި ހުކުމަށް ފަހު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަނބުރާ ޖަލަށް ގެންދަނީ: އެމްއެމްޕީއާރުސީން ކޮރަޕްޝަން ހިމެނޭ ގޮތަށް ރަށްތައް ދޫކުރުމުގައި އިސްކޮށް ހުންނެވީ އަދީބު -- ފައިލް ފޮޓޯ: މިހާރު

މިކަމުގެ ސަބަބުން ފަންތިތަކުގެ ތަފާތު ކުރުން އިތުރަށް ފުޅާވެ ރައްޔިތުންގެ މެދުގައި ނަހަމަކަން އިތުރުވެ އާންމު ރައްޔިތުން އިތުރަށް ފަގީރު ވެގެންދާނެ އެވެ. ރިހާކުރު ފުޅިއެއް ވަގަށް ނެގި މީހާ އަށް ހުކުމްކޮށް ޖަލަށް ލީ އިރު އެމްއެމްޕީއާރުސީ ފަދަ ބޮޑެތި ވައްކަންކުރި ފައިސާވެރިން ދަނީ އިތުރަށް މުއްސަނދިވަމުން ދުނިޔޭގެ ލައްޒަތާއި އަރާމު ދިރިއުޅުން އުޅުމަށް މަގުތައް ކޮށައި އާރާސްތު ކުރަމުންނެވެ. ރައްޔިތުންގެ މުދާ ބޮޑެތި ފައިސާވެރިން ނަހަމަ ގޮތުގައި ބޭނުންކޮށް ނުހައްގުން މުއްސަނދިކަން އިތުރު ކުރަމުންދާ ދިއުން ރައްޔިތުން ނުކުމެ ހުއްޓުވާން ޖެހެއެވެ. ދައުލަތް ފެއިލް ވެފައިވާތީ އެވެ. މި ހިޔާާނާތުގެ މައްސަލަ ބަލަން މަތިވެފައި ތިބި މީހުން މިކަން ކުރަން ބޭނުންނުވާތީ އެވެ. އެ މީހުންގެ މަސްލަހަތު މިކަމުގައި ބޮޑުކަމުންނެވެ.

ޓޫރިޒަމް ދޫކޮށްފައިވާ ރަށްތައް އަނބުރާ އަތުލަންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ ވޭތުވެދިޔަ 50 އަހަރު މަދު ބޮޑެތި ފައިސާވެރިންނަށް ޓުއަރިޒަމް ތަރައްގީ ކުރުމަށް ރައްޔިތުންގެ ރަށްތައް ދިނުމުން ރައްޔިތުންގެ ދިރިއުޅުމަށް ލިބުނެ އެއްވެސް ކުރިއެރުމެއް އަދި ފައިދާއެއް ނެތެވެ. ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މަސައްކަތްތެރިންގެ އަގަޔާއި އަތާ ދިމާނުވެއެވެ. ޓޫރިޒަމް ސިނާއަތުން ލިބޭ އެއްޗެއް ރައްޔިތުންނަށް ހަމަހަމައަށް ބެހިގެން ނުދެއެވެ. މަސައްކަތްތެރިން މުޅި އުމުރު ހޭދަ ކުރުމަށްފަހުވެސް އުޅެން ޖެހެނީ ދެކޮޅު ނުޖެހި ފަގީރު ހާލުގައި ސަލާން ޖެހުމުގަ އެވެ. އަދި އަހަރެން ދެކޭ ގޮތުގައި މިހާރު ސިނާއަތްތަކަށް ބޭނުން ނުކޮށް ހުރި ރަށްތައް ދެން އަންނާން އޮތް ޖީލުތަކަށް ރަށްކާތެރިކޮށް ބާއްވަން ޖެހެއެވެ. އެއީ އަންނާން އޮތް ޖީލުތަކަށް އަމާނާތެކެވެ.

ޓޫރިޒަމް ތަރައްގީ ކުރުމަށް ގާނޫނާއި ގަވާއިދުތަކާއި އަދި އުސޫލުތަކާއި ހިލާފަށް، ބޮޑެތި ފައިސާވެރިންނަށް ދޫކޮށްފައި ހުރި ރަށްތަކާ މެދު ހަދާނެ ގޮތަކާ މެދު ރައްޔިތުންގެ މެދުގައި ފުޅާދާއިރާއެއްގައި ބަހުސްކޮށް މި ފަދަ ތަންތަން އަނބުރާ ރައްޔިތުން ހޯދަން ޖެހެއެވެ. އިންސާފު ގާއިމުކޮށް، ފަންތިތަކުގެ ނަހަމަކަން ކުޑަކުރެވި، އަދި ހަމަހަމަ މުޖްތަމައެއް ބިނާ ކުރެވޭނީ ފައިސާވެރިން ވަގަށް ހޯދާފައިވާ ހުރިހާ ރަށްތަކާއި ފަޅުތަކާއި ބިންތައް އަދި ފައިސާ އަނބުރާ ހޯދައި ރައްޔިތުންގެ ބެލެނިވެރިކަމުގެ ދަށަށް ގެނެވިގެނެވެ. އިންސާފު ލިބޭނީ ރައްޔިތުންގެ މުދަލުގެ ބެލެނިވެރިކަން ބެލެހެއްޓުމަށް ރައްޔިތުންނާއި ހަވާލުކޮށް މަސައްކަތްތެރިންގެ ޑިމޮކްރެޓިކް ކޯޕަރޭޓިވްސްތަކުން ސިނާއަތްތައް ހިންގަން ފެށުމުންނެވެ. ސިނާއަތުގެ ސީދާ މަންފާ ހުރިހާ ރައްޔިތުންނަށް ހަމަހަމައަށް ބެހިގެންދާނީ އޭރުންނެވެ. މަސައްކަތްތެރިންގެ ބަސް ބުނުމާއި، އަދި ސިނާއަތްތައް ހިންގާނެ ގޮތުގެ ކުރިމަގު ރޭވުމުގެ ފުރިހަމަ އިހްތިޔާރާއި ބާރު މަސައްކަތްތެރިން ހޯދައިގެންނެވެ.

އެޑިޓަރުގެ ނޯޓް: އަހުމަދު މުހައްމަދު (ފޯމީ) އަކީ މިނިވަންކަމާއި އިންސާނީ ހައްގުތައް ރައްކާތެރިކޮށް، އަދި ރައްޔިތުންނަށް ކަށަވަރުކުރުމަށް ވަކާލާތުކުރައްވާ ބޭފުޅެކެވެ. ތައުލީމް ހާސިލްކުރައްވާފައި ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވަސިޓީން، އިންސާނީ ހައްގުތަކުގެ ދާއިރާއިން މާސްޓާޒް ޑިގްރީ އެވެ.