އަންކަރާ (މެއި 18) - ހަނގުރާމައިގެ ސަބަބުން ޔަތީމުވެފައިވާ ސީރިއާގެ ކުދިންނަށް ޚާއްސަކޮށްގެން ތުރުކީގައި ވަކި ސިޓީއެއް ގާއިމްކޮށްފި އެވެ.

އިރު ދެކުނު ބޯޑަރު ޓައުނެއް ކަމަށްވާ ރޭހާންލީގައި ހަދާ ސިޓީގައި ސީރިއާގެ ހާހެއްހާ ކުދިންނަށް ހިޔާވަހިކަން ދޭނެ ކަމަށް ތުރުކީ މީޑިއާތަކުން ބުނެ އެވެ. ސީރިއާ ކުދިންނަށް 55 ވިލާ އަޅައިދޭ އިރު ހަތަރު ސްކޫލާއި މިސްކިތަކާއި ކުޅޭނެ ތަނަކާއި ސްޕޯޓްސް އެރީނާއެއް ވެސް ގާއިމް ކުރާނެ އެވެ. ދެ ބުރިއަށް ހަދާ ގެތަކުގައި ކޮންމެ ގެއެއްގައި 18 ކުދިން އުޅޭނެ އެވެ. އަދި އެ ކުދިން ބަލަހައްޓާ މީހުން ތިބޭނެ އެވެ. ސީރިއާ ކުދިންނަށް ގެ އަޅައިދީ ދެ އަހަރު ތެރޭ ނިންމާލެވޭނެ ކަމަށް ތުރުކީން ބުނެ އެވެ. މި ސިޓީގައި ނޫޅުނު ނަމަވެސް ސިޓީގެ ޚިދުމަތްތައް ސީރިއާގެ 5،000 ކުދިންނަށް ދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އޯފަން ސިޓީ ނުވަތަ ޔަތީމް ކުދިންގެ ސިޓީ ގާއިމް ކުރަނީ ތުރުކީ ސަރުކާރާ ގުޅުން އޮންނަ ހިއުމެނިޓޭރިއަން ރިލީފް ފައުންޑޭޝަނާއި ގަތަރުގެ ޝެއިޚް ތާނީ ބިން އަބްދުﷲ ފައުންޑޭޝަން ފޯ ހިއުމެނިޓޭރިއަން ސާވިސް އިންނެވެ

އދ.ގެ ކުޑަ ކުދިންނާ ބެހޭ ފަންޑް ޔުނިސެފުން އަންދާޒާކޮށްފައިވާ ގޮތުގައި ސީރިއާގެ ހަ އަހަރުވީ ހަނގުރާމައިގައި އެ ގައުމުގެ ހަ މިލިއަން ކުދިން ވަނީ ހާލުގައި ޖެހިފަ އެވެ. ސީރިއާ ދޫކޮށް ވަނީ 2.3 މިލިއަން މީހުން ގޮސް ރެފިއުޖީންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފަ އެވެ. ތުރުކީން ވަނީ ސްކޫލަށް ދާ އުމުރުގެ ސީރިއާގެ 800،000 ކުދިންނަށް ހިޔާވަހިކަން ދީފަ އެވެ. އޭގެ ތެރޭން ސްކޫލަށް ދަނީ 60 ޕަސެންޓް ކުދިންނެވެ.