މަނާމާ، ބަހްރެއިން (އޭއެފްޕީ): ތުރުކީ، ސައުދީ އަރަބިއްޔާ އަދި ޕާކިސްތާން ހިމެނޭ ގޮތަށް އުފައްދާފައިވާ، ނޭޓޯ ފަދަ އަސްކަރީ ކޯލިޝަނެއް ކަމަށްވާ "މައްކާ ޑިފެންސް އެލަޔަންސް" ގައި ސީރިޔާ ބައިވެރިވުމާ މެދު އެ ގައުމުން ވިސްނަމުން އަންނަ ކަމަށް ފޮރިން މިނިސްޓާރު އާސިފް އަލް ޝައިބާނީ މިއަދު ވިދާޅުވެއްޖެ އެވެ.
ބަހްރެއިންގައި ކުރިއަށްދާ މަނާމާ ޑައިލޮގް ކޮންފަރެންސްގައި ޝައިބާނީ ވިދާޅުވީ، މައްކާ އިއްތިހާދުގެ ތެރެއަށް ސީރިއާ ވަނުމާ ގުޅޭގޮތުން މިހާރު އިވެލުއޭޝަން މަޝްވަރާތަކެއް ކުރިއަށްދާ ކަމަށެވެ.
ޔަމަނުގެ ހޫތީންގެ ވަރުގަދަ ހަމަލާތަކެއް ކުރިމަތިވަމުންދާ ސައުދީ އަރަބިއްޔާ އަކީ، ޑިސެމްބަރު 2024 ގައި ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުމަށްފަހު ސީރިއާގައި އުފެދުނު އާ ސަރުކާރަށް އެންމެ ބޮޑަށް ވާގިވެރިވާ އެއް ގައުމެވެ.
ހޫތީންގެ ހަމަލާތައް ވަރުގަދަވެފައިވާއިރު، މި މަހުގެ ކުރީކޮޅު ދިން ހަމަލާއެއްގައި ރިޔާޟްގެ އިންޓަނޭޝަނަލް އެއާޕޯޓް ވަނީ ދެ ހަފުތާއަށް ބަންދުކުރަން ޖެހިފަ އެވެ. އެހެންކަމުން ސައުދީން ދަނީ މި ހަމަލާތަކާ ދެކޮޅަށް ބައިނަލްއަގުވާމީ އެހީތެރިކަން ހޯދަމުންނެވެ.
މިދިޔަ އޮގަސްޓް މަހު ސައުދީ، ޕާކިސްތާން އަދި ތުރުކީން ސޮއިކުރި މި ދިފާއީ އެއްބަސްވުމުގައިވާ ގޮތުން، މިއިން ކޮންމެ ގައުމަކަށްދޭ ހަމަލާއަކީ ތިން ގައުމަށް އެއްކޮށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބަލާނެ އެވެ. ނަމަވެސް، ހޫތީންނާ ދެކޮޅަށް އެއްވެސް ހަމަލާއެއް ދޭން އުޅޭކަން ޕާކިސްތާނާއި ތުރުކީން އަދި ހާމައެއް ނުކުރެ އެވެ.
ހޫތީންގެ ހަމަލާތަކުން ސައުދީގެ ތެޔޮ ޓާމިނަލްތައް ރައްކާތެރިކުރުމަށް ފްރާންސް ސިފައިން ފޮނުވާފައިވާ ކަމަށް، މި މަހު ރިޔާޟަށް ކުރެއްވި ކުއްލި ދަތުރެއްގައި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން، އިނގިރޭސިވިލާތުން ވެސް ވަނީ ސައުދީގެ ދިފާއުގައި ފައިޓާ ޖެޓްތައް ނެރުމަށް ނިންމައިފަ އެވެ.