ސައުދީ އަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީން ސޮއިކުރި ދިފާއީ އެއްބަސްވުން ކަމަށްވާ "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމެންޓް" އަކީ ބޭރުގެ ބާރުތަކަށް، ހާއްސަކޮށް އެމެރިކާއަށް އޮތް އިތުބާރު ކުޑަވެ، ސަރަހައްދީ ގައުމުތަކުގެ ވިސްނުން ބަދަލުވަމުންދާކަމުގެ ހެއްކެއް ކަމަށް އީރާނުން ބުނެފި އެވެ.

އީރާނުގެ ގާނޫނު މަޖިލީހުގެ ނޭޝަނަލް ސެކިއުރިޓީ އެންޑް ފޮރިން ޕޮލިސީ ކޮމިޓީގެ މެންބަރެއް ކަމަށްވާ އިބްރާހީމް ރެޒާއީ "އެކްސް" ގައި ވިދާޅުވީ، މި އެއްބަސްވުމުން އެނގެނީ އެމެރިކާއަށް އެކަނި ބަރޯސާވެގެން ސައުދީ އަރަބިއްޔާއަށް ރައްކާތެރިކަން ނުހޯދުނު ކަމެވެ. ނަމަވެސް، މިއީ ހަމައެކަނި "ކަރުދާސް އެއްބަސްވުމެއް" ކަމަށާއި، ހާރިޖީ ސިޔާސަތު ބަދަލުނުކޮށް ސައުދީއަށް ހަގީގީ އަމާންކަމެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަނެއްކޮޅުން އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވަނީ މި އެއްބަސްވުމަށް މަރުހަބާ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ސަލާމަތާއި ރައްކާތެރިކަމަކީ ބޭރުން އިމްޕޯޓްކުރެވޭނެ އެއްޗެއް ނޫންކަން އިސްލާމީ ގައުމުތަކަށް ވިސްނެން ފަށައިފި ކަމަށެވެ. ގައުމުތަކުން އަމިއްލަ ގާބިލުކަމަށް ބަރޯސާވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނޭޓޯ ފަދަ ވަރުގަދަ ކޯލިޝަނެއްގެ ގޮތުގައި މަސައްކަތްކުރާ ގޮތަށް،  ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ހުކުރު ދުވަހު ސޮއިކުރެއްވި މި އެއްބަސްވުމުގެ ދަށުން:

  • އެއް ގައުމަކަށް ދޭ ހަމަލާއަކީ އެ ތިން ގައުމަށް ވެސް ދޭ ހަމަލާއެއްގެ ގޮތުގައި ބަލާނެ.
  • މި އިއްތިހާދުގައި ސައުދީގެ މާލީ ބާރާއި، ތުރުކީގެ ކުރިއަރާފައިވާ އަސްކަރީ ސިނާއަތް އަދި ޕާކިސްތާނުގެ ނިއުކްލިއާ ބާރު އެކުލެވިގެންވޭ.
  • މިއީ މި އަހަރު އެމެރިކާ އާއި އީރާނާ ދެމެދު ފެށުނު ހަމަނުޖެހުންތަކަށް ފަހު، ގަލްފުގެ ސަލާމަތަށްޓަކައި ސައުދީން އިސްނަގައިގެން އުފެއްދި ކޯލިޝަނެއް.

އީރާނުގެ ފާޑުކިޔުންތައް ހުރި ނަމަވެސް، ތުރުކީގެ ފޮރިން މިނިސްޓަރު ހާކާން ފިދާން ވިދާޅުވީ މިއީ ހަމައެކަނި ދިފާއީ އެއްބަސްވުމެއް ކަމަށާއި މި އެއްބަސްވުމަކީ އީރާން، އިޒްރޭލު ނުވަތަ ވަކި ހާއްސަ ގައުމަކަށް އަމާޒުކޮށްގެން ހެދި އެއްބަސްވުމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ބޭނުމަކީ ސަރަހައްދުގެ ރައްކާތެރިކަން އަމިއްލައަށް ބެލެހެއްޓުން ކަމަށެވެ.