ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލެސްޓައިން ރެފިއުޖީސް (އަންރުވާ) މެދުވެރިކޮށް ފަލަސްތީނަށް 50,000 ޑޮލަރު ހަދިޔާކުރަން ނިންމާފައިވާ ކަމަށް ރާއްޖެއިން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ވިދާޅުވެއްޖެ އެވެ.
އިއްޔެ އދ.ގެ މައި މަރުކަޒުގައި ބޭއްވި ކޮންފަރެންސްގައި ޑރ. އަލީ ނަސީރު ވަނީ އެ އެހީ ރާއްޖެއިން ދޭކަން އިއުލާނުކުރައްވައިފަ އެވެ.
ޑރ. އަލީ ނަސީރު ވިދާޅުވީ، އަންރުވާއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ހަމައެކަނި ބަޖެޓެއް ކަނޑައެޅުން ފަދަ އިދާރީ ނިންމުމެއް ނޫން ކަމަށެވެ. އެއީ ފަލަސްތީނުގެ ރައްޔިތުންގެ ކަރާމާތް ހިމާޔަތްކުރުމަށާއި ބައިނަލްއަގުވާމީ ނިޒާމު ދެމެހެއްޓުމަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން އޭނާ ވަނީ އަންރުވާ ހިންގުމުގައި ކުރިމަތިވަމުންދާ ގޮންޖެހުންތަކަށާއި އެ އެޖެންސީއާ ދެކޮޅަށް ކުރާ ދޮގު ތުހުމަތުތައް ފާހަގަކުރައްވައި ހަވާލުކުރެވިފައިވާ މުހިންމު ޒިންމާތައް އަދާކުރުމަށްޓަކައި، އެ އެޖެންސީއަށް ދާއިމީކޮށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވައިލައްވައިފަ އެވެ.
ދިވެހި ރައްޔިތުން ތިބީ ފަލަސްތީނު ރައްޔިތުންނާ އެކު ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭން 2024 ވަނަ އަހަރު ވެސް އަންރުވާއަށް 50,000 ޑޮލަރު ދޭން ނިންމާފައިވެ އެވެ.
އެ އަހަރު "ފަލަސްތީނާ އެކު ދިވެހިން" ނަމުގައި ބެއްވި ޓެލެތޯންއިން ލިބުނު 18.4 މިލިއަން ރުފިޔާ އާއި 49،800 ޑޮލަރު ވެސް މިހާރު ވަނީ ފަލަސްތީނަށް ހަދިޔާކޮށްފަ އެވެ.