ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާއި އެ ގައުމުގެ އިސް އޮފިޝަލުންތަކެއް އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް އެމެރިކާއަށް ވަޑައިގަތުމަށް ބޭނުންވާ ވިސާ ދިނުމަށް އެމެރިކާ ސަރުކާރުން މިފަހަރު ވެސް ދެކޮޅު ހަދައިފި އެވެ. 

އައްބާސް އާއި ފަލަސްތީނުގެ އޮފިޝަލުންނަށް މިދިޔަ އަހަރު ވެސް އެމެރިކާއިން ވިސާއެއް ނުދެ އެވެ.

މި ނިންމުމާ އެކު، އަންނަ ހަފުތާގައި ނިއު ޔޯކްގައި ފެށުމަށް ހަމަޖެހިފައިވާ އދ. ގެ 81 ވަނަ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ފަލަސްތީނުގެ ވަފުދަށް ކުރަން އޮތް ދަތުރު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. 

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މި ފިޔަވަޅު އެޅީ، ފަލަސްތީނުން އެމެރިކާއާ އެކު ވެފައިވާ އެއްބަސްވުންތަކާ ހިލާފުވަމުންދާ ކަމަށް ބުނެ އެވެ. އޭގެ ތެރޭގައި ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އާއި ބައިނަލްއަގުވާމީ ކޯޓު (އައިސީޖޭ) މެދުވެރިކޮށް އިޒްރޭލާ ދެކޮޅަށް ފަލަސްތީނުން ފިޔަވަޅު އަޅަމުންދިއުމާއި، ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާގެ ދެކޮޅުހެދުމާ އެކު ވެސް އެހެން ގައުމުތަކާ ގުޅިގެން ވަކާލާތުކުރަމުން ދިއުން ހިމެނެ އެވެ. 

ފަލަސްތީނުގެ އިސް އޮފިޝަލަކު މީޑިއާތަކާ ހިއްސާކުރެއްވި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، އައްބާސަށް ވިސާ ނުދޭން ނިންމި ސަބަބެއްގެ ގޮތުގައި އެމެރިކާގެ ގާނޫނާ ހަވާލާދީ ބުނެފައިވަނީ "ޓެރަރިސްޓް ހަރަކާތްތަކާ ގުޅުންހުރުން" ކަމަށެވެ. ނަމަވެސް، އދ. ގައި ތިއްބަވާ ފަލަސްތީނުގެ ދާއިމީ މިޝަންގެ މުވައްޒަފުންނަށް މި ހުރަސްތަކެއް ނެތެވެ. 

މި ނިންމުމާ ގުޅިގެން، ރައީސް އައްބާސް އދ. ގެ އާންމު މަޖިލީހާ މުހާތަބު ކުރައްވާނީ ވީޑިއޯ މެދުވެރިކޮށް ވަގުތުންނެވެ.

ފަލަސްތީނުގެ ލީޑަރުން ބުނަމުންދަނީ، އދ. ގެ ބައްދަލުވުންތަކަށް ވަޑައިގަންނަވާ ގައުމުތަކުގެ ވެރިންނަށް އެމެރިކާ އިން ހުރަސްއެޅުމަކީ އދ. ގެ މައި މަރުކަޒު ހިންގާ ގައުމެއްގެ ހައިސިއްޔަތުން އެމެރިކާ އިން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކުރާ ކަމެއް ކަމަށެވެ.