މީހަކު ފަލަސްތީނުގެ ދިދައެއް ހިފައިގެން މުޒާހަރާއެއްގައި ބައިވެރިވަނީ: އެމެރިކާއިން ވަނީ ފަލަސްތީނު އޮފިޝަލުންނަށް ވިސާ ނުދޭން ނިންމާފައި. -- ފޮޓޯ: އޭއެފްޕީ
29 އޯގަސްޓް 2025 - 22:21
އަންނަ މަހު ބާއްވާ އދ.ގެ އާންމު މަޖިލިހުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އިއުލާނުކުރުމަށް ފްރާންސުން މަސައްކަތްކުރަމުން އަންނައިރު އެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަލަސްތީން ސަރުކާރުގެ އޮފިޝަލުންނަށް ވިސާ ނުދޭން އެމެރިކާއިން ނިންމައިފި އެވެ.
ފަލަސްތީނުގެ ދައުލަތެއް އިއުލާނުކުރުމާ އެމެރިކާއިން ވަރަށް ބޮޑަށް ދެކޮޅުހަދަމުން އަންނައިރު އެމެރިކާގެ މި ހަރުކަށި ނިންމުމަކީ އިޒްރޭލުގެ އަމަލުތަކަށް އެމެރިކާގެ ފުރިހަމަ ތާއީދު އޮތްކަން އިތުރަށް ހާމަވެގެން ދިޔަ ކަމަކަށް ވަނީ ވެފަ އެވެ. އަދި އެމެރިކާގެ މި ނިންމުމަކީ ވަރަށް ޖެހިލުންކުޑަ މުހިންމު ނިންމުމެއް ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ.
"އދ.ގެ އާންމު މަޖިލީހުގެ ކުރިން ފަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) އާއި ފަލަސްތީން އޮތޯރިޓީ (ޕީއޭ)ގެ މެމްބަރުންގެ ވިސާ ނުދިނުމަށާއި ދޫކޮށްފައިވާ ވިސާތައް ބާތިލްކުރަން ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ އަންގަވާފައި،" ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
"ޓްރަމްޕުގެ ސަރުކާރުން މިކަމުގައި ވަރަށް ސާފު؛ ސުލްހަޔަށް މަސައްކަތްކުރުމުގައި ޕީއެލްއޯ އާއި ޕީއޭ ޒިންމާދާރުކުރުވުމަކީ އެމެރިކާގެ ގައުމީ ސަލާމަތާ ގުޅުން ހުރި ކަމެއް،" ބަޔާނުގައިވެ އެވެ.
ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓާއި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަށް ފަލަސްތީނުން އިޒްރޭލުގެ މައްސަލަ ހުށަހަޅައިގެން ކުރާ މަސައްކަތަކީ "ގާނޫނީ ހަނގުރާމައެއް" ގެ ގޮތުގައި ސިފަކޮށްފަ އެވެ. ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް މިއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ދޭހަވާ ގޮތަށް ބުނެފައިވަނީ "އަމިއްލަ އަމިއްލައަށް ދައުލަތެއް އިއުލާނުކުރަން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭނެ" ކަމަށެވެ.
އެމެރިކާގެ މި ނިންމުން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާއި އެންމެ އިސް އެހެން ބޭފުޅުންނަށް ވެސް ހިނގާނެކަމެއް އަދި ސާފެއް ނޫނެވެ.
ފަލަސްތީނުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިޔާޟް މަންސޫރު ވިދާޅުވީ ފަލަސްތީނު އޮތޯރިޓީގެ ރައީސްކަމުގައި ގިނަ ދުވަސްތަކެއް ވެފައިވާ މަހްމޫދު އައްބާސް އދ.ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"އޭގެ މާނަ އަކީ ކޮބައިތޯ އަދި އަޅުގަނޑުމެންގެ ހުރިހާ ވަފްދަކަށް ވެސް އަމަލުކުރާނީ އެގޮތަށްތޯ އަޅުގަނޑުމެން ބަލާނަން. އަދި އެކަށީގެންވާ ގޮތުގައި ރައްދު ޖަވާބު ވެސް ދޭނަން،" ސްޓޭޓް ޑިޕާޓްމަންޓުގެ ނިންމުމާ ބެހޭ ގޮތުން މަންސޫރު ވިދާޅުވި އެވެ.
ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމަކީ، އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާއަށް ފްރާންސާއި އެހެން ގައުމުތަކުން އިނާމު ދިނުން ކަމަށް ބުނެ އެމެރިކާ އާއި އިޒްރޭލުން ގެންދަނީ ހަރުކަށިކަމާ އެކު ފާޑު ކިޔަމުންނެވެ. ފްރާންސުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް އިއުލާނުކުރި ފަހުން ކެނެޑާ އާއި އޮސްޓްރޭލިއާއިން ވެސް ފަލަސްތީނުގެ ދައުލަތެއް ބަލައިގަންނާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި އިޒްރޭލުން ޣައްޒާގައި ހަނގުރާމަ ހުއްޓާލަން އެއްބަސްނުވެއްޖެ ނަމަ އިނގިރޭސިވިލާތުން ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރަލް
30 August 2025
އދ ގެ މައި އޮފީސް ހުންނަނީ އެމެރިކާ ގަ އެވެ. އެމެރިކާ އެތަން ބޭނުން ކުރަނީ ފަލަސްތީން ރައްޔިތުންނާ ދެކޮޅަށެވެ. ދުނިޔޭގެ ހުރިހާ ކަމެއް މިދަނީ އދ ގެ އެންމެ 5 ގައުމު ބޭނުން ވާ ގޮތަށެވެ. އެތާ އެފްރިކާ އަދި މުސްލިމް ގައުމެއް ނެތެވެ. އެންމެ އާބާދީ ބޮޑު އިންޑިޔާ އަށް ވެސް ގޮނޑި އެއް ނުލިބެ އެވެ.
އަހުމަދު އަލި މަނިކު
30 August 2025
އދ އޮފީސް ތިހާ ދެފުއްކެހެރި ޤައުމެއްގަ ހުރުން ކަމުދާ ކަމެއް ނޫން. އަވަހަށް އެހެން ޤައުމަކަށް ބަދަލު ކުރުމަށް ގޮވާލާ އަޑު ގަދަކުރަން ޖެހޭ.
ޔޫއެން
30 August 2025
ރާއްޖެ އަށް ގެންނަން ވޯޓަކަށް އަހަމާ ؟؟؟!!
މަބުނީ
29 August 2025
އދ އޮފީސް އެމެރިކާއިން ބޭރުކޮށް އެހެންގައުމަކަށް ބަދަލުކުރަންވީ.