ފަލަސްތީނުގެ ދައުލަތް އުފެއްދުމާ ގުޅޭ ގޮތުން މިއަދު އދ.ގެ އާންމު މަޖިލީހަށް ހުށަހެޅި ގަރާރަށް ވޯޓު ދިން ގޮތުގެ ތަފްސީލް، ސްކްރީނަކުން ދައްކާލަނީ. -- ފޮޓޯ: އޭއެފްޕީ
12 ސެޕްޓެމްބަރ 2025 - 20:54
ހަމާސް ޖަމާއަތުގެ ބައިވެރިވުން ނޯންނަ ގޮތަށް ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ހަދާފައިވާ "ނިއު ޔޯކް ޑެލްލަރޭޝަން" އަށް ތާއީދުކުރުމަށް އދ.ގެ އާންމު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މިއީ ފަލަސްތީނާއި އިޒްރޭލު ވެސް ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގައި މި ފަހުން ކުރި އެންމެ މުހިންމު މަސައްކަތުގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.
ހަމާސް އިން ޣައްޒާގެ ކޮންޓްރޯލް ދޫކޮށްލައި ފަލަސްތީން އޮތޯރިޓީއަށް ހަތިޔާރު ހަވާލުކުރުމަށް ގޮވާލާ މި ގަރާރަށް އދ.ގެ 193 މެންބަރު ގައުމުގެ ތެރެއިން 142 ގައުމަކުން ވަނީ ތާއީދުކޮށް ވޯޓު ދީފަ އެވެ. ދެކޮޅަށް 10 ވޯޓު ދީފައި ވާއިރު އޭގެ ތެރޭގައި އިޒްރޭލާއި އެމެރިކާ ހިމެނެ އެވެ. ވޯޓުގައި 12 ގައުމަކުން ބައިވެރިއެއް ނުވެ އެވެ.
އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާ ކުށްވެރިކުރުމުގައި އދ.ގެ އިދާރާތައް ފެއިލްވެފައިވާ ކަމަށް ބުނެ އިޒްރޭލުން މި ގަރާރާ ދެކޮޅުހަދައި މިއީ ހަމާސްގެ ހަމަލާގެ ބަދަލުގައި ދޭ އިނާމެއްގެ ގޮތުގައި އައީ ސިފަކުރަމުންނެވެ. ނަމަވެސް ފްރާންސާއި ސައޫދީ އަރަބިއްޔާގެ އިސްނެގުމަށް ހުށަހެޅި ގަރާރުގައި ހަމާސް ކުށްވެރިކޮށް އަދި އިޒްރޭލުގެ ހުރިހާ އަސީރުން މިނިވަންކުރުމަށް ވެސް ގޮވާލާފައިވެ އެވެ.
ފަލަސްތީނުގެ ދައުލަތް އުފެއްދުމާ ގުޅޭ ގަރާރު ފާސްކުރި އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ފަލަސްތީނުގެ މަންދޫބު ރިޔާޟް މަންސޫރު ބައިވެރިވެ ވަޑައިގަންނަވަނީ. -- ފޮޓޯ: އޭއެފްޕީ
"ނިއު ޔޯކް ޑެކްލަރޭޝަން އޮން ދަ ޕީސްފުލް ސެޓުލްމަންޓް އޮފް ދަ ކުއެޝަން އޮފް ފަލަސްތީން އެންޑް ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލޫޝަން" ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެސް، އިޒްރޭލާއި ފަލަސްތީނުގެ މައްސަލައަށް އިންސާފުވެރި، ސުލްހަވެރި އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ވެސް ގޮވާލާފައިވެ އެވެ.
ނިއު ޔޯކް ޑެކްލަރޭޝަންގައި، އދ.ގެ ސަލާމަތީ މަޖިލީހުގެ ބެލުމުގެ ދަށުން ބައިނަލްއަގުވާމީ "ސްޓެބިލައިޒޭޝަން މިޝަނެއް" އެއް ގާއިމުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރަން ކަނޑައަޅާފައިވެ އެވެ. މި މިޝަންގެ މަގްސަދަކީ ފަލަސްތީނުގެ އާންމު ރައްޔިތުންނަށް އެހީތެރިވުމާއި ސަލާމަތީ ޒިންމާތައް އަދާކުރުމުގައި ފަލަސްތީން އޮތޯރިޓީއަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މި ގަރާރު ފާސްކޮށްފައި މި ވަނީ ފްރާންސުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް އެ ގައުމުގެ ރައީސް އެމެނުއެލް މެކްރޮން ވިދާޅުވެފައިވާ، މި މަހުގެ 22 ވަނަ ދުވަހު ބާއްވާ ސަމިޓުގެ ކުރިންނެވެ. ފްރާންސާއި ސައޫދީ ގުޅިގެން އެ ސަމިޓު ބާއްވާއިރު އދ.ގެ އާންމު މަޖިލީހުގައި ފަލަސްތީނުގެ ދައުލަތް ބަލައިގަނެ އެކަން އިއުލާނުކުރާނެ ކަމަށް އެތައް ގައުމަކުން ވަނީ ބުނެފަ އެވެ.
މި ގަރާރު ފާސްކުރުމުގެ ކުރިން އިޒްރޭލުން އިއްޔެ ވަނީ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ހުރަސްއެޅޭ ގޮތަށް ގުދުސްއާ ޖެހިގެން، ހުޅަނގު އައްސޭރީގެ ބޮޑު ސަރަހައްދެއްގައި ޔަހޫދީން އާބާދުކުރުމުގެ މަސައްކަތް ހަލުވިކުރުމުގެ މަސައްކަތް ފަށައިފަ އެވެ. އެކަމަށް ބޭއްވި ރަސްމިއްޔާތުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފަލަސްތީނުގެ ދައުލަތެއް އުފެއްދިޔަ ނުދޭނެ ކަމަށް ބުނެ އިންޒާރުތައް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަމާސް ދުރުކޮށްފަ، ގޮނޑިކޮއްކޮ އައްބާސަށް ދީ
13 September 2025
ތިގޮތަށް މުސްލިމް އަދި ޣީރަތްތެރިކަން ހުރި ރަނގަޅު މީހުން ވެރިކަންތަކުން ދުރުކުރަން ބައިވެގެން ކުޅޭ ގޭމެއް، ޔަހޫދީން އަދި ހުޅަނގު ބޭންކްތަކުގެ ބޮޑުން އަދި ޔޫއެން ވެގެން.
އަލިފުތާ
13 September 2025
ތި ވާނީ ބޭގަރާރަކަށް. ޔަހޫދިން ކުޅެން ގެންގުޅޭ ޑޮންންޑޮން ޓްރަންޕް ވެރިކަމުގަ ހެދުނުހާ އެއްޗެއް އެވެރިން ހަދާނެ. އޭނަ ރޭގަނޑު ހަމަލާ ދިނުމަށް ނަތަންޔާހޫއަށް އޯކޭދީފަ ދުވާލު ވީމަ މިބުނަނީ "އައިޑޯންޓްނޯ". މިފަދަ އަޚުލާގެއް ނެތް ބަޔަކާ އެކު ދައްކާނެ ސުލްހައިގެ ވާހަކައެއް ނޯންނާނެ.
އަލީލީ
13 September 2025
ދެ ދައުލަތުގެ ހައްލަކީ މުސްލިމުންނަށް ދައްކާ އަވާމެންދުރެއް. ޔޫ.އެން އަކީ އެއްވެސް ބާރެއް އޮތް ތަނެއްނޫން. ފަލަސްތީނުގެ ބިން ފޭރިގެން އަރާތިބެ ޔަހޫދީން އެބުނަނީ މުސްލިމުންނަށް އެންމެ ބިންކޮޅޭއްވެސް ނުދޭނެކަމަށް. ހައްލު އޮތީ ނަބިއްޔާގެ މަންހަޖަށް ތަބާވެގެން. މުއްސލިމުން ބޭނުންވަނީ މިހާރު ދުނިޔަވީ އަރާމްގަ ދިރިއުޅެން.
އަނީމް
13 September 2025
ތިކަހަލަ ކިތައް ގަރާރު ފާސްކޮށްފިބާ؟ ވީކަމެއް އެބައޮތްތޯ؟
ވެސްޓަން ސިވިލައިޒޭޝަން
13 September 2025
އެންމެ ސުވާލެއް. ޚަމާސް އިން އޮކްޓޫބަރ 7 ގަ އެހަމަލާ ނުދިންނަމަ ދުނިޔޭގެ ޤަޢުމުތަކުން ތިކަން ކުރާނެތަ؟
ރައްޔިތުސޮރު
13 September 2025
ތަހުޒީބު ކަމަށް ބުނާ މިދުނިޔޭގަ ތިކަންކުރަން އަދި ތަންކޮޅެއް އަވަސް!!!
ޑޭޒޤ
13 September 2025
މީހަމަ ޖަމަލު ފޮޑިއެއް.. ދެން ޔާސިރުއަރަފަތު ހުރިހެން އައްބަސްވެސް ހުންނާނީ ދަޅަކަށްލައިފަ އިންކުރެއްޕެއްހެން ދުވެލަދުވެލަ.. ޕަލަސްތީނުގެ ހަގީގީ އަސްކަރީ ބާރުވެރިކަން އެނައްތާލީ.. ފަލަސްތީނު އޮތޯރިޓީއަށް އަސްކަރިއްޔާއެއް ގާއިމްކޮށް އެމީހުންގެ މިނިވަންކަން ދެމެހެއްޓޭނެ ގޮތެއް ވިޔަކަ ނުދޭނެ.....ނިމޭއިރު ހުރިހާމޮޅެއްވާނީ ނަތަންޔާހޫއަށް..
ހަސަނަނާ
12 September 2025
އެއްވެސް ނަތީޖާއެއް ނެރެވޭ ކަމެއްނޫން!
raajje
12 September 2025
އިންސާފުވެރި ސުލްހަވެރި ދެމެހެއްޓެނެވި ހައްލެއް ފަލަސްތީނުގެމައްސަލައަކަށް އެއްވެސް އެއްބަސްވުމަކުން ނުލިބޭނެ، ހައްލުލިބޭނެހަމައެކަނިގޮތަކީ ހަނގުރާމައިން އިޒުރޭލާ އެމެރިކާ ސައިޒުކުރުން، މިކަންކުރެވޭވަރުގެ ބަޔަކު އުފެދި ކުރިދުވަހަކުން މައްސަލަ ހައްލުވާނެ، ގާޒާ ބިމާހަމަކޮށް އެތައްބަޔަކުމެރީމާ ކޮންސުލްހައެއްތަ؟ ކުރިމަތިލެވޭހާ ގާބިލުކަމާ ފެންވަރުނެތްއިރު ހަމާސްއިންވެސް އިސްވެހަމަލާދިނީކީއްކުރަންދޯ
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
12 September 2025
މިކަން މިހެންވުމުން ފަލަސްތީނުގެ ދައުލަތް މިކަމަށް ތާއީދުކޮށް ވޯޓުލީ ހުރިހާ ޤައުމަކުން ބަލައިގަނެ ޔަހޫދީންނަށް ރަނގަޅު މެސެޖެއް ފޮނުވާލަންޖެހޭ. އެއީ އިޒްރޭލުން ބޭނުންވިޔަސް ނުވިޔަސް ފަލަސްތީނުގެ ދައުލަތެއް އުފައްދާނެކަން. އަދި އެކަން ހުއްޓުވަން ދެން އިޒްރޭލަށް ކުރެވޭނެ އެއްވެސް ކަމެއްވެސް ނެތްކަން