އެމެރިކާގެ ވެސްޓާން މިޝިގަންގައި އުޅޭ އަންހެނަކު އޭނާގެ ފިރިމީހާގެ ގަޔަށް ބަޑި ޖަހައި މަރާލިކަން، ފިރިމީހާ ގެންގުޅުނު ގުރައެއްގެ "ހެކި ބަހަށް" ސާބިތުވެއްޖެ އެވެ.

ފިރިހެން މީހާ މަރާލި އިރު އެތަން ފެނުނީ ފިރިހެން މީހާ ގެންގުޅުނު އެފްރިކަން ގްރޭ ގުރަޔަށް އެކަންޏެވެ.

ގްލެނާ ޑްރަމް 49، ވަނީ އޭނާގެ ފިރިމީހާ މާޓިން ޑުރަމް، 46، މަރާލަން 2015 ވަނަ އަހަރުގެ މޭ މަހު ފަސް ފަހަރު ބަޑި ޖަހައިފަ އެވެ.

ޓައިމް އިން ބުނި ގޮތުގައި ފިރިމީހާގެ ގަޔަށް ބަޑިޖަހައި މަރާލުމަށް ފަހު އަންހެންމީހާ އަމިއްލައަށް މަރުވާން މަސައްކަތް ކުރި ނަމަވެސް އޭނާ ސަލާމަތްވީ ކަމަށެވެ.

މާޓިން ޑުރަމްގެ ކުރީގެ އަނބިމީހާ ކްރިސްޓީނާ ކެލާ ބުނި ގޮތުގައި މާޓިން މަރާލި ފަހުން، މާޓިންގެ ގުރާ "ބަޑް" ޑޯންޓް ޝޫޓް (ބަޑި ނުޖަހާށޭ) ކިޔާ ކަމަށެވެ. އަދި ގުރާ މިހެން ކިޔަނީ މާޓިންގެ އަޑުން ކަމަށް ވެސް ކްރިސްޓީނާ ބުންޏެވެ. ބެލެވޭ ގޮތުގައި އެއީ މާޓިންގެ ގަޔަށް ބަޑި ޖަހަން އުޅުމުން އޭނާ އެންމެ ފަހުން ބުނި ބަހެވެ.

ކްރިސްޓީނާ ބުނި ގޮތުގައި ދެ މީހެއްގެ އަޑުން ގުރާ ވާހަކަ ދައްކަ އެވެ. ނަމަވެސް ވާހަކަ ދައްކަމުން ގޮސް އެންމެ ފަހުން ވާހަކަ ދެއްކުން ނިންމާލަނީ "ބަޑި ނުޖަހާށޭ" ކިޔާފައި ވަރަށް ބާރަށް ހަޅޭއްލަވައި ގަނެފަ އެވެ. މާޓިން މަރުވުމަށް ފަހު އޭނާގެ ގުރާ ގެންގުޅުމާ ހަވާލުވެފައި ވަނީ ކްރިސްޓީނާ އެވެ.

މާޓިންގެ މަންމަ ބުނި ގޮތުގައި މި ގުރަޔަށް އަޑު އިވޭ ހުރިހާ އެއްޗެއް ކިޔަ އެވެ. އަދި އެކި މީސް މީހުންގެ އަޑުން ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ވެސް މި ވައްތަރުގެ ގުރައަށް ލިބިގެންވެ އެވެ.

މާޓިންގެ އަންހެނުންނަށް ހުކުމް ކުރާނީ އޮގަސްޓް 28 ވަނަ ދުވަހު އެވެ. އޭނާއަށް، މަނާ ހަތިޔާރު ގެންގުޅުމުގެ ދައުވާ އާއި ގަސްތުގައި މީހަކު މެރުމުގެ ދައުވާގެ ހުކުމް އޮންނާނެ އެވެ.