ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ލަންކާގައި އުޅޭ ދިވެހިން ތިބީ ގަދަ ފޯރީގައި!

ކޮލަމްބޯގައި ގައުމީ ޓީމަށް ހާއްސަ ކުރި ލަވައިގެ ޝޫޓިންގެ ތެރެއިން --- ފޮޓޯ: ކޮލަމްބޯއިން ދިވެހިންގެ ފޯރި

07 ނޮވެމްބަރ 2021 - 08:55

1 comments

ގާތްގަނޑަކަށް 10،000 ދިވެހިން ދިރިއުޅޭ ސްރީ ލަންކާގެ ކޮލަމްބޯ އަކީ ރާއްޖެ އިން ބޭރުގައި އެންމެ ގިނަ ދިވެހިން އުޅޭ ސިޓީ އެވެ. ރާއްޖެއާ ކިތަންމެ ދުރަސް، ގައުމީ ވަންތަކަމާއި ރާއްޖެ އަށް ލޯބި އެ މީހުންގެ ފަނޑެއް ނުވެ އެވެ. އެކަން އެންމެ ރަނގަޅަށް ފެންނާނީ، މާދަމާ ފަށާ މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ދިވެހި ގައުމީ ފުޓުބޯޅަ ޓީމަށް ލަންކާގެ ދިވެހި ކޮމިއުނިޓީ "ކޮލަމްބޯ އިން ދިވެހިންގެ ފޯރި" ނަމުގައި ހިންގާ ހަރަކާތްތަކުންނެވެ.

ދިވެހިން ތަމްސީލުކޮށް، ވާދަކުރާ ބައިނަލްއަގްވާމީ ކޮންމެ ޕްލެޓްފޯމެއްގައި، އެ ގައުމެއްގައި ދިރިއުޅޭ ދިވެހިން ރާއްޖެ ތަމްސީލުކުރާ ކޮންމެ ބަޔަކަށް ހިތްވަރު ދޭނެ އެވެ. ގައުމީ ޓީމަށް ކޮލަމްބޯގެ ދިވެހިން ބަންޑުންކޮށްލަމުންދާ ލޯބިން އާކޮށްދެނީ މީގެ 13 އަހަރު ކުރިން ކޮލަމްބޯގެ ސުގަތަދާސް ސްޓޭޑިއަމްގައި އިންޑިއާ ބަލިކޮށް ރާއްޖެ އިން ކާމިޔާބު ކުރި ފުރަތަމަ ސާފް ޗެމްޕިއަންޝިޕްގެ ހަނދާންތަކެވެ. މުޅި ދަނޑުގައި ގުގުމައިލި ދިވެހިންގެ އަޑެވެ. އެކަމަކު އެ އަޑު ގުގުމައިލީ މާލެ އިން ވެސް އެތައް ސަތޭކަ ދިވެހިންނެއް ކޮލަމްބޯ އަށް ގޮސްގެންނެވެ.

މި ފަހަރު ގައުމީ ޓީމަށް ދެމުން އަންނަ ސަޕޯޓާއި ހާމަކުރަމުންދާ ލޯބީގައި އޮތީ ލަންކާގައި ދިރިއުޅެމުންދާ ދިވެހިންގެ ހިއްސާ އެވެ. މުބާރާތަށް ހާއްސަކޮށް މާލެ އިން ބަޔަކު ގޮސްގެން ހިއްސާ ކުރާނެ އެއްވެސް ކަމެއް މިހާރު ކޮލަމްބޯގައި ގައުމީ ޓީމަށްޓަކައި ދިވެހިން ހިންގާ ހަރަކާތްތަކުގައި ނެތެވެ.

ލަވައިގެ ވީޑިއޯ ޝޫޓިންގެ ތެރެއިން --- ފޮޓޯ: ކޮލަމްބޯއިން ދިވެހިންގެ ފޯރި

ގައުމީ ޓީމަށް އޮތް ލޯބި ބަންޑުން ކޮށްލި އެންމެ ބޮޑު ސެގްމެންޓަކީ ކޮލަމްބޯގައި ދިރިއުޅޭ ދިވެހިންގެ ކޮމިއުނިޓީ ""ކޮލަމްބޯ އިން ދިވެހިންގެ ފޯރި"ން ގެނެސްދިން ފޯރިގަދަ ލަވަ އެވެ. ދިވެހި މިޔުޒިކީ ލެޖެންޑުން ކަމުގައިވާ މަޝްހޫރު އަބްދުލްހަންނާން މޫސާ ދީދީ އާއި އިބްރާހިމް ނިފާރު (ތިއްތި) ގެ ހިއްސާ މި ލަވައިގައި ބޮޑެވެ. ލަވަ ކިޔުމުގައި ބައިވެރިވި މަޝްހޫރު އެހެން ފަންނާނުންނަކީ މިޔުޒިކްގެ ތެރެއަށް އެނބުރި އައި ކުރީގެ ލަވަކިޔުންތެރިން ކަމަށްވާ އައިމިނަތު ޝާނީ އާއި ފަޒީލް، މުއާދު އަދި ނިމާލް އެވެ. މިއީ މުޅިން ވެސް ކޮލަމްބޯގައި ދިރިއުޅެމުންދާތާ އަހަރުތަކެއްވީ ފަންނާނުންނެވެ.

ކޮލަމްބޯއިން ދިވެހިންގެ ފޯރި ލަވަ: މި ލަވައިގެ ޕްރޮޑެކްޝަންގެ މަސައްކަތް ކުރީ "ލިޔެލާ ޕްރޮޑެކްޝަން" އިން

މި ލަވައިގެ ޅެން ލިޔުއްވީ މޫސާ ރަމީޒެވެ. މިޔުޒިކް ހެދީ ތިއްތި އެވެ.

"ޅެމާއި މިޔުޒިކާއި ރެކޯޑިން އާއި ވީޑިއޯ ޝޫޓިން މިއީ ބަރާބަރު ފަސް ދުވަސްތެރޭގައި އަހަރެމެން ދިވެހިންގެ ކޮމިއުނިޓީން ކުރި މަސައްކަތް،" ކޮލަމްބޯގައި ހުރެ ފޯނުން ވާހަކަ ދައްކަމުން ތިއްތި "މިހާރު" އަށް ކިޔައިދިނެވެ.

"ލަވައިގެ ވީޑިއޯއިން އެންމެން ނުފެނުނަސް މި ލަވައިގެ މަސައްކަތުގައި 200 މީހުން ބޭކް ސްޓޭޖުގައި ވެސް މަސައްކަތް ކުރި."

ކޮލަމްބޯގައި ދިވެހިން ގައުމީ ޓީމަށް ސަޕޯޓް ކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން --- ފޮޓޯ: ކޮލަމްބޯއިން ދިވެހިންގެ ފޯރި

ލަވައިގެ ވީޑިއޯ ޝޫޓިން ކުރިއަށް ގެންދިޔައީ، ކޮލަމްބޯގައި ދިވެހި އެމްބަސީ ގާއިމުކޮށްފައިވާ ސޯސަން ވިލާގެ ގޯތިތެރޭގައި އޮތް ފުޓްސަލް ޓާފް ދަނޑުގަ އެވެ. ލަވައިގެ ފައިނަލް ޝޫޓިން ކުރިއަށް ދިޔަ ދުވަހަކީ ބޮޑު ދުވަހެކެވެ. ކޮލަމްބޯގެ އެކި ސަރަހައްދުތަކުގައި ދިރިއުޅުނަސް ދިވެހިންގެ އެކުވެރިކަން ފެނުނު އިވެންޓެކެވެ. ރާއްޖޭގެ އެމްބަސީ އާއި ދިވެހި ކަލްޗަރަލް ސެންޓަރާއި ލަންކާގައި ކުރިން ފެށިގެން ހަރަކާތްތެރިވާ ދިވެހި ކޮމިއުނިޓީ އެކުގައި މަސައްކަތްކޮށް ދިވެހި ވަންތަކަން ހާމަކޮށްދިން ހަރަކާތެކެވެ.

ލަވަ ކިޔުންތެރިޔާ ޝާނީ ލަވައިގެ ވީޑިއޯ ޝޫޓިންގެ ތެރެއިން ކޮލަމްބޯއިން ދިވެހިންގެ ފޯރި

ކޮލަމްބޯގައި ދިރިއުޅޭ ދިވެހިންގެ ހަރަކާތްތައް ގައުމީ ޓީމަށް ފެނުމުގެ މާކުރިން ވެސް ދިވެހިން ޝާމިލު ވެގެން އެކެޑެމީއެއްގެ ސިފައިގައި ހިންގާ ބެޑްމިންޓަން ޓްރޭނިން ޕްރޮގްރާމްތަކެއް ކޮޅުނބުގައި ކުރިއަށް ގެންދެ އެވެ. އެ ހަރަކާތް އެންމެ އިސްކޮށް ލީޑް ކުރާ މއ. ޕީޓްރަލް، އަބްދުﷲ ނާއިލް އަކީ މި ފަހަރުގެ ހަރަކާތުގައި ވެސް އެންމެ އިސްކޮށް ލީޑް ކުރާ އެކެކެވެ. ގައުމީ ޓީމަށް ދިވެހިންގެ ލޯބި ހާމަކޮށްދޭ ހިންގާ މި ހަރަކާތްތަކުގެ ކުރީ ސަފުގައި އޭނާ ހިމެނެ އެވެ.

"ގައުމީ ޓީމަށް ސަޕޯޓް ކުރުމަށް މިކޮޅުގައި އިތުރު ކަންތައްތަކެއް ވެސް ކުރަން ހަމަޖެހިފަ ހުރީ،" ކޮލަމްބޯގައި ހުރެ ފޯނުން "މިހާރު" އާ ވާހަކަ ދައްކަމުން ނާއިލް ބުންޏެވެ.

"މިކޮޅުގައި ދިވެހިންގެ އާއިލާތައް އެކުގައި މެޗު ބަލަން ދަނޑަށް ވަންނާނެ."

މި ހަރަކާތްތައް ހިންގި ނަމަވެސް ދިވެހިން ތިބީ ހިތްހަމަޖެހިފައެއް ނޫނެވެ. ސަބަބަކީ މުބާރާތުގެ މެޗުތަކަށް ދިވެހިންނަށް އަގު ބޮޑުކޮށް ޓިކެޓް ވިއްކާތީ އެވެ.

ލަންކާގައި ދިއިރުޅޭ ދިވެހިން ގައުމީ ޓީމަށް ސަޕޯޓް ކުރަން ހިންގާ ހަރަކާތްތަކުގެ ތެރެއިން --- ކޮލަމްބޯއިން ދިވެހިންގެ ފޯރި

"މިކޮޅުގައި އުޅޭ ދިވެހިން ދަނޑަށް ދާނީ މުޅި އާއިލާ ގޮވައިގެން. ކޮންމެ މީހަކަށް ޓިކެޓެއް ގަންނަން 30 ނުވަތަ 25 ޑޮލަރު ދޭން ޖެހުމަކީ އެއްވެސް އާއިލާ އަކަށް ފަސޭހަ ވާނެ ކަމެއް ނޫން. އެއީ މިކޮޅުގައި އުޅޭ ދިވެހިންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް،" އޭނާ ބުންޏެވެ.

މާދަމާ އިން ފެށިގެން މި މަހު 17 ގެ ނިޔަލަށް ކުރިއަށް ގެންދާ މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅޭނީ 40،000 މީހުންގެ ޖާގަ އޮންނަ ކޮލަމްބޯގެ ރޭސް ކޯޒް ސްޓޭޑިއަމްގަ އެވެ. މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރޭ ރާއްޖެ އިން ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ.

ގައުމީ ޓީމަށް ކޮޅުނބުގައި ސަޕޯޓް ކުރަން ހިންގާ ހަރަކާތްތަކުގެ ތެރެއިން --- ކޮލަމްބޯއިން ދިވެހިންގެ ފޯރި

މުބާރާތުގައި ރާއްޖޭގެ ޓީމު ކުޅޭ މެޗުތަކުގެ ތާވަލު:

- ނޮވެމްބަރު 8: (ރޭގަނޑު) ސްރީ ލަންކާ - ދިވެހިރާއްޖެ

- ނޮވެމްބަރު 11: (ހަވީރު) ބަންގްލަދޭޝް - ދިވެހިރާއްޖެ

- ނޮވެމްބަރު 14: (ރޭގަނޑު) ސީޝެލްސް - ދިވެހިރާއްޖެ

ފައިނަލް މެޗު އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭގަނޑެވެ. މުބާރާތުގެ ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

މިދިޔަ މަހު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ދިވެހި ޓީމުން ވަނީ ބަންގްލަދޭޝް އާއި ލަންކާ ބަލިކޮށްފަ އެވެ. ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ރާއްޖެ އެންމެ ފުރަތަމަ މެޗެއް ކުޅުނީ ޝީޝެލްސް އާ ދެކޮޅަށެވެ. އެއީ 1979 ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އެވެ.

1 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 44%
icon wow icon wow 0%
icon inlove icon inlove 22%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސިންބާ ދަ ގްރޭ ކެޓް

07 November 2021

ދެންފަހެ ކުރާނެކަމެއްނެތިފައި ތިބި ދިވެހިންކޮޅެއް މިތަނުގައި ފިތުނަވެރި ކޮމެންޓްތަކެއް ލިޔާހުއްޓެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454