"ކުރިން ނަމަ ފޭސްބުކް ޕޯސްޓަކީ ވެސް ސިޔާސީ ހަރަކާތް ކަމަށް މާނަކޮށް މުވައްޒަފު ވަކިކުރެވިދާނެ. ގެނައި ބަދަލަކީ އެގޮތަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ހަނިކުރުން"
ސަރުކާރުގެ އޮފީހެއްގެ މުވައްޒަފުންތަކެއް މަސައްކަތުގައި: ގާނޫނުގައި ބުނާ ވަރަށް ވުރެން ސިޔާސީ ހަރަކާތް ހިންގުން ހަނިކޮށްފައި ނުވާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނި. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
06 ނޮވެމްބަރ 2021 - 18:52
ދިވެހި ސިވިލް ސާވިސްގެ ގަވާއިދަށް މި ފަހުން ގެނައި ބަދަލާ އެކު ސިޔާސީ ހަރަކާތް ހިންގުން ފުޅާކޮށް މާނަކޮށް މުވައްޒަފުން ވަކިކުރުން ހަނިކޮށްފައިވާނެ ކަމަށާއި އެއީ ހެޔޮ ބަދަލެއް ކަމަށް ދިވެހި ސިވިލް ސާވިސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2014 އަށް މި ސަރުކާރުން ގެނައި އަށް ވަނަ އިސްލާހާ އެކު ސިވިލް ސާވަންޓުން ހިޔާލު ފާޅުކުރުމުގެ ހައްގަށް ހުރަސްއަޅާފައިވާ ކަމުގެ ތުހުމަތާ އެކު ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. މިއީ، ސިވިލް ސާވަންޓުންނާ ދޭތެރޭގައި އެޅި ނުހައްގު ފިޔަވަޅެއް ކަމުގެ ފާޑުކިއުން ވެސް ވަނީ އަމާޒުކޮށްފަ އެވެ.
އެކަމަކު ގަވާއިދަށް ގެނައި އިސްލާހު ދިފާއުކުރައްވަމުން ކޮމިޝަންގެ މެމްބަރު ފާތުމަތު އާމިރާ "މިހާރު"އަށް ވިދާޅުވީ ގަވާއިދުގައި ކުރިން އޮންނަނީ ސިޔާސީ ހަރާކާތް ކޮންމެ ފަދަ ގޮތަކަށް މާނަކޮށްގެން ވެސް މުވައްޒަފަކާ ދޭތެރޭގައި ފިޔަވަޅު އެޅޭ ގޮތަށް ކަމަށެވެ. އެކަމަކު އަލަށް ގެނައި އިސްލާހުގައި އެކަން ހުއްޓުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
- އޮފީހުގެ ރަސްމީ ގަޑީގައި ސިޔާސީ ވާހަކަ ދެއްކުން (ފުރަތަމަ ދަރަޖައިގެ ކުށެއް)
- އޮފީހުގެ ރަސްމީ ގަޑީގައި ސިޔާސީ ވާހަކަ ދެއްކުމާއި ސިޔާސީ ބަހުސްކުރުން (ދެ ވަނަ ދަރަޖައިގެ ކުށެއް)
އާމިރާ ވިދާޅުވީ ކުރިން އޮންނަ ގޮތުން ނަމަ "މި ގަވާއިދާ ހިލާފަށް ސިޔާސީ ހަރަކާތް ހިންގުން ނުވަތަ ބައިވެރިވެއްޖެ" ނަމަ ވަޒީފާ އިން ވަކިކުރެވިދާނެ ކަމަށް ލިއެފައިވާ ކަމަށެވެ. ގަވާއިދުގައި މިގޮތަށް އޮތުމަކީ ސިޔާސީ ހަރަކާތް ވަރަށް ފުޅާކޮށް މާނަކޮށް މުވައްޒަފާ ދޭތެރޭގައި ފިޔަވަޅު އެޅުމުގެ ފުރުސަތެއް ކަމަށް އާމިރާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ފަހަރު އުސޫލުގައި މި ލިއުނީ ގާނޫނުގައި އިން މިންވަރަށް ހަނިކޮށްފައި،" އާމިރާ ވިދާޅުވި އެވެ.
ސިވިލް ސާވިސްގެ މުވައްޒަފުން ރަސްމީ މަސައްކަތުގައި އުޅޭއިރު ސިޔާސީ ހަރަކާތް ހިންގުން މަނާކޮށްފައި އޮތީ 2015 ގައި ގާނޫނަށް ގެނައި އިސްލާހުންނެވެ.
- މަގާމުގެ ހައިސިއްޔަތުން ލިބޭ ރަސްމީ ބާރެއް، ސީދާ ގޮތުން އަދި ނުސީދާ ގޮތުން ވިޔަސް ބޭނުންކޮށްގެން އެއްވެސް ފަރާތެއްގެ ސިޔާސީ ހަރަކާތަކަށް ބާރު ފޯރުވުން ނުވަތަ ނުފޫޒު ފޯރުވުން.
- މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑިން ބޭރުން ވެސް ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި އެއްވެސް ސިޔާސީ ހަރާކާތެއްގައި ބައިވެރިވުން.
- މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާ ކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރާކާތެއްގައި ބައިވެރިވުން.
- މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ މަގާމުގެ ހައިސިއްޔަތުން ހިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތައައްސަބެއް ގެންގުޅުން.
ކުރީގެ އުސޫލާ ހަވާލާ ދެއްވައި މިސާލެއްގެ ގޮތުން އާމިރާ ވިދާޅުވީ މުވައްޒަފަކު ފޭސްބުކްގައި ލިޔާ އެއްޗަކުން ވެސް ސިޔާސީ ހަރަކާތް ހިންގުން ކަމަށް ބުނެ ވަކިކުރެވިދާނެ ކަމަށެވެ. މިގޮތަށް ބައެއް މުވައްޒަފުން ވަކިކޮށްފައިވާ ކަމަށާއި ގަވާއިދު އިސްލާހުކުރިއިރު ކޮމިޝަނުން ވިސްނީ އެގޮތަށް ނުވާނެ ގޮތަކަށް ހަދަން ކަމަށް ވިދާޅުވި އެވެ.
"އެހެންވެ ގާނޫނުގައި އިން މިންވަރަށް އަޅުގަނޑުމެން މި ހިފަހައްޓަނީ. ފުޅާކޮށް މާނަ ނުނެގޭނެ ގޮތަށް،" އާމިރާ ވިދާޅުވި އެވެ.
"މާނައަކީ ސިވިލް ސާވަންޓުންނަށް ކުރިއަށް ވުރެން މިހާރު ރަނގަޅުވާނެއޭ. ހަގީގަތުގައި ހެޔޮ ބަދަލެއް.
އުސޫލަށް މި ފަހުން ގެނައި ބަދަލާ އެކު، އާމިރާ ވިދާޅުވި ގޮތުގައި، ވެރިންނަށް ސިވިލް ސާވަންޓުންނާ ދޭތެރޭގައި ކޮންމެ ގޮތަކަށް އަމަލެއް ނުކުރެވޭނެ އެވެ.
ސިޔާސީ ހަރާކާތެއްގައި ބައިވެރިވުން ނުވަތަ ހިންގީ ކަމަށް ނިންމައި މީގެ ކުރިން ގިނަ އަދަދެއްގެ ބަޔަކު ވަޒީފާ އިން ވަކިކޮށްފައިވެ އެވެ. މި ސަރުކާރުން ވައުދުވީ ގާނޫނީ އިމުގެ ތެރޭގައި އުޅޭ ނަމަ މުވައްޒަފުންގެ ގެންގުޅޭ ވަކި ފިކުރަކާ ހެދި ސަރުކާރުގެ ވަޒީފާތަކުން ވަކިނުކުރާނެ ކަމެވެ.
އެކަމަކު މި ފަހުން ސިވިލް ސާވިސް ކޮމިޝަނުގެ ގަވާއިދަކީ އެ ޔަގީންކަމާ ދެކޮޅަށް އެޅި ފިޔަވަޅެއް ކަމަށް ބުންޏަސް ސަރުކާރުން ވެސް ބުނެފައިވާ ގޮތުގައި ސިޔާސީ ފިކުރަކާ ހެދި މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުމަކީ ސަރުކާރުން ކުރާނެ ކަމެއް ނޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
07 November 2021
ކިތަންމެ ވަރަކަށް ތަޅުއަޅުވަން އުޅުނަސް ދެންދޭނެ ވޯޓެއްނެތް. ސަރުކާރު އިސްތިއުފާ. ރަސްމީ ގަޑީގަ މި ލިޔުނީ
ލޮލްސް
08 November 2021
ބޮޑުމީހާ ސަރުކާރު ބަންދު ދުވަހު ގޭގަ ހުއްޓަސް ރަސްމީގަޑި ތޯ؟؟
ގގގގ
07 November 2021
މިބަދަލު އިތުރަށް ހެޔޮވެގެންދާނެ ގޮތެއް އެބައޮތް. ސިވިލް ސަރވިސް މުވައްޒަފުންނަށް ވޯޓް ލެވޭނީ ވެރިކަމުގައިތިބި ބަޔަކަށް ކަމަށް ކަނޑައެޅުން.
ބަދަލްބަދަލް
07 November 2021
ހެޔޮބަދަލެއް ކަމެއް ނުބައިބަދަލެއް ކަމެއް ބުނަން ނޭނގުނު ނަމަވެސް، ޙަރާމްކުރައްވާފައިވާ ރިޝްވަތުހިފުން 3ވަނަ ދަރަޖައިގެ ކުށަކަށްވެފައި އަމިއްލައަށް ހެދި ގާނޫނަކުން ހަދާފައިވާ ސިޔާސީ ޕާޓީއެއްގެ ހަރަކާތެއްގައި ބައިވެރިވެރިވީމާ 1ވަނަ ދަރަޖައިގެ ކުށަކަށްވީ ގޮތެއް ވިސްނާވިސްނާވެސް ނޭގުނު. ރިޝްވަތުހިފީމާ މުޖުތަމަޢު ފަސާދަވެފައި ސަދޫމު ސިޓީގެގޮތަށް ގައުމުވެފައި ލާރިދިން މީހާގެ ކަންކަންކުރެވޭގޮތަށް އޮތުން 3ވަނަ ދަރަޖައަށް ދިޔަގޮތެއް ނިކަން ކިޔައިދީބަލަ.
އައްމަޑެ
07 November 2021
ދުރާލާ މިރާވަނީ 2023 ގައި ސިވިލްސަރވިސ 30 ހާސްމީހުންގެ އަނގަ ބަންދުކޮއް ތަޅުއަޅުވަން ، ހަމަ ހިލާ އެހެންނުާނެ ، ވަޒީފާއިން ވަކިކުރިއަސް ފާޑުކިޔަންޖެހޭކަންތަކަށް ފާޑުކިޔާ ނަން ،
ޢެޑްމުންޑޯ
07 November 2021
މިމީހުން ހީކުރަނީ މިމީހުން ފިއެވައި ދެންތިބޭ މީހުްނަކީ ގަމާރުންކަމަށް ،. އެހެންވީމާތާ އިރުދައކާފައި އެއީ ހަނދު ކަމަށް ބުނެ އެ ބަސް ދިފާއުކުރަން ވާހަކަ ދައްކަނީ
މަމި އެމްޑީޕީ
07 November 2021
2008 ގެ ވެސް ފޭލިވީ ސިވިލްސާވިސް އާ އަޅައިގަނެގެން. ނުކުރާކަ ޖެއްސުމެއް ނުކަނޑާކަ އެލަވަންސެއް ނެތް. އެކަމާހުރެ ޕާޓީއަށާ ޕާޓީ ނިޒާމަށް ވެސް ނަފުރަތު ކުރަން.
އަބްޑޫޅް
07 November 2021
ގާނޫނުގައި އޮންނަ އެއްޗަކީ، ފުރާން ހުރި ދިރޭ އެއްޗެއް ނޫން. އެހެން ވީމާ، " ގާނޫނުގައި އިން މިންވަރަށް"، މިއީ ދިވެހި ބަހުގެ ހަމަތަކަށް ފެތޭ އިބާރާތެއް ނޫން. ރަގަޅު ގޮތަކީ، "ގާނޫނުގައި އޮތް މިންވަރަށް"، މިހެން. ސިވިލް ސާވިސް ކޮމިސަނުގެ މެންބަރަކަށް ދިވެހި ބަހުގެ ހަމަތައް، އޮފީހުގެ ރަސްމީ ގަޑީގައ، ނޭގުމަކީ، މެންބަރުކަމުން ވަކިކުރަން ލާޒިމުކުރާ ކަމަކަށް ވާން ޖެހޭ.
ފޫހި
07 November 2021
ތިޔަކޮމިޝަން އުވާލާ ތިޔައީ ސިޔާސި ހައްދުފަހަނައަޅާފައޮތް ތަނެއް.
ޙަސަން ދާއޫދު
06 November 2021
އެހެން މީހުންނަކީ މޮޔައިން ކަމަށްތަ މިމީހުން ހީކުރަނީ. ކުރިން އޮތީ ގާނޫނު ހަމައެކަނި ފާސްކޮށްފައި. އެއާގުޅޭ ގަވައިދެއް ނަހަދާ. އެހެންވީމަ ފުރިހަަމަނުވެ ގާނޫނަށް އަމަލުނުކުރެވި މިހާތަނަށް އޮތީ. ނަތީޖާއަކީ ސިވިލްސާވިސް މީހަކު ވަކިކުރިޔަސް އެމުއައްޒަފު ކޯޓަށްގޮސް ވަޒީފާހޯދުމުގެ ފުރުސަތު އޮތުން. މިހާރު ގަވައިދު ހެދީމަ އެގަވައިދުގެ ދަށުން ވަކިކުރުމުން ދެންކުރާނެ ކަމެއް ނޯންނާނެ. ކޯންޗެއް ތިކިޔަނީ ތިބެގެން. ތިއީ ސަރުކާރުގެ ގޮނޑިކޮއްކޮއިން ތަކެއް.
ކުޗީ
07 November 2021
މޮޔައީ ކާކު ކަމެއް ނޭނގުނު. ގަވާއިދު މިހާރު އެއޮތީ ގަވާއިދުން ހަނިކޮއްފަ.
މަންނާނު
06 November 2021
މީތި ރާވާފަ މިއޮތީ މީހުންނައް ބިރުދައްކާ އިތުރަށް ބޮޑެތި ވެރިންނައް ބޮޑެތި ބޮޑެތި ބާރުތަކެއް ލިބޭގޮތައް