ޝާހިދުގެ ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރު 31 ގައި ރިލީޒްކުރާ "ޖާޒީ"
"ފޭކްސް" ގެ ދެ ޑައިރެކްޓަރުންނާ އެކު ޝާހިދު.
09 ނޮވެމްބަރ 2021 - 06:18
މިދިޔަ އަހަރު ޝޫޓިން ފެށި ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރްގެ ފުރަތަމަ ވެބް ސީރީޒްގެ ނަމަކީ "ފޭކްސް" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެމެޒޯން ޕްރައިމް ވީޑިއޯގެ ސީރީޒް "ފެމިލީ މޭން" ވެސް ހެދި ދެ ޑައިރެކްޓަރުން ކަމަށްވާ ރާޖް އެންޑް ޑީކޭ ހަމަ އެ ޕްލެޓްފޯމަށް ހަދާ ޝާހިދުގެ ސީރީޒް ފެށި ފަހުން މީގެ ނަމާ ބެހޭ ގޮތުން އެކި ވާހަކަތައް ދެކެވިފައިވެ އެވެ.
އެގޮތުން އެންމެ ފުރަތަމަ އަޑުއެރި ގޮތުގައި އެކްޝަން ތުރިލާ ޖޯންރާގެ ސީރީޒްގެ ނަމަކީ "ފަރުޒީ" އެވެ. އެ ނަމަކީ 2014 ގައި ޝާހިދާ އެކު ހަދަން ރާޖް އެންޑް ޑީކޭ އިއުލާންކުރި ފީޗާ ފިލްމަކަށް ދިން ނަމެކެވެ. އެކަމަކު ފަހުން އެ ފިލްމުގެ އެއްވެސް މަސައްކަތެއް ކޮށްފަ އެވެ. ފާހަގަ ކޮށްލެވޭ ކަމަކީ "ފޭކްސް" އެ ނަމަކީ "ފަރުޒީ" ގެ މާނަ ކަމެވެ.
"ފަރުޒީ" ގެ އިތުރުން ޝާހިދުގެ ސީރީޒްގެ ނަމަކަށް "ސަނީ" ކިޔާފައިވާ ކަމަށް ބައެއް މީޑިއާތަކުން މި އަހަރުގެ ކުރީކޮޅު ރިޕޯޓްކުރި އެވެ. އެކަމަކު މިއާ ބެހޭ އެންމެ ފަހުގެ ޚަބަރުތައް މިހާރު ބުނާ ގޮތުން ނަމަކަށް "ފޭކްސް" ހަމަޖައްސާފައިވާ އިރު، ސީރީޒްގެ ޝޫޓިން ވެސް މިހާރު ގާތްގަނޑަށް ނިމިފައިވާތީ ވަރަށް އަވަހަށް އެ ރަސްމީކޮށް އިއުލާން ކުރާނެ އެވެ. އޭގެ ނަމަކީ "ފޭކްސް" ކަން ދޭހަވާ ކަހަލަ ޕޯސްޓެއް ވެސް މި އަހަރުގެ ކުރީކޮޅު އާންމު ކޮށްފައިވެ އެވެ.
"ފޭކްސް" ގެ ޝޫޓިންގެ ތެރެއިން ވިޖޭ އާއި ރާޝީ.
"ފޭކްސް" ގެ ކާސްޓްގައި އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ތަރިން ކަމަށްވާ ވިޖޭ ސެތުޕަތީ އާއި ރާޝީ ކަންނާ އާއި ރެޖީނާ ކެންސަންޑްރާގެ އިތުރުން ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ނަވާޒުއްދީން ސިއްދީގީ އާއި ކޭ ކޭ މެނަން އާއި އަމޯލް ޕަލޭކަރް ވެސް ހިމެނެ އެވެ. ނަވާޒުއްދީނަކީ މިދިޔަ ހަފުތާގައި ދެން ވެބް ސީރީޒްތައް ނުކުޅެން އިއުލާންކުރި އެކްޓަރެވެ.
އަހަރު ނިންމާލާ ފިލްމުގެ ގޮތުގައި ޑިސެމްބަރު 31 ގައި ޝާހިދުގެ އާ ފިލްމު "ޖާޒީ" ރިލީޒް ކުރަން ތާވަލު ކޮށްފައިވާ އިރު އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ކަބީރް ސިންގް" އެވެ. މިދިޔަ މަހު އާއިލާއާ އެކީ ރާއްޖޭގައި ޗުއްޓީ ވެސް ހޭދަކުރި އެކްޓަރު ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ބުލް" ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy