ދުނިޔެ / އެމެރިކާ

20 މަހަށް ފަހު އެމެރިކާގެ ބޯޑަރުތައް ހުޅުވައިލަނީ

20 މަސްދުވަސް ވަންދެން އަޅާފައި އޮތް ހަރުކަށި ފިޔަވަޅުތަކަށް ފަހު، އެމެރިކާގެ ބޯޑަރުތައް މިއަދު ވަނީ ހުޅުވައިލާފައި.

08 ނޮވެމްބަރ 2021 - 10:54

ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން، 20 މަސްދުވަސް ވަންދެން އަޅާފައި އޮތް ހަރުކަށި ފިޔަވަޅުތަކަށް ފަހު، އެމެރިކާގެ ބޯޑަރުތައް މިއަދުން ފެށިގެން ހުޅުވައިލަން އެމެރިކާ ސަރުކާރުން ނިންމައިފި އެވެ.

އެމެރިކާގެ ބޯޑަރުތައް މިއަދުން ފެށިގެން ހުޅުވައިލަނީ، ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައިވާ ބައިނަލްއަގުވާމީ ދަތުރުވެރިންނަށެވެ. އެ ގޮތުން އެމެރިކާގެ އެއްގަމު މަގުންނާއި ވައިގެ މަގުން ދަތުރުކުރާ އެފަދަ މީހުންނަށް މިއަދުން ފެށިގެން، އެމެރިކާ އަށް ވަދެ ނުކުތުމުގައި އެއްވެސް ދަތިކަމެއް ނޯންނާނެ އެވެ.

އެމެރިކާގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން، އެމެރިކާގެ ބޯޑަރުތައް ބަންދުކޮށް، އެއްގަމާއި ވައިގެ އާންމު ދަތުރުތައް މެދުކަނޑައިލީ، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި، މާޗް 2020ގަ އެވެ. މިއަހަރުގެ ޖެނުއަރީގައި އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި، މިހާރުގެ ރައީސް ޖޯ ބައިޑެން ވަނީ އެ ނިންމުން އެ ގޮތުގައި ދަމަހައްޓަވައިފަ އެވެ.

އެމެރިކާގެ ބޯޑަރުތައް ބަންދުކުރުމުން، އެ ގައުމުގެ ފަތުރުވެރިކަމަށާއި ޑިޕްލޮމެޓިކް ގުޅުންތަކަށް ވަރަށް ބޮޑު ނޭދެވޭ އަސަރުތަކެއް ކުރި އެވެ. އަދި، އެމެރިކާގެ އެތައް މިލިއަން ބަޔަކު އެ ގައުމުން ބޭރުގައި އުޅޭއިރު، އެކި ގައުމުތަކުގެ އެތައް ބަޔަކު އެމެރިކާގައި ވެސް ދިރިއުޅެމުން ދިއުމާ ގުޅިގެން، ބޯޑަރުތައް ބަންދުކުރުމުން އެފަދަ މީހުންގެ އާއިލީ ގުޅުންތަކަށް ވަރަށް ބޮޑަށް ހުރަސް އެޅިގެން ދިޔަ އެވެ.

ކޮވިޑް ފެތުރުން ހުއްޓުވުމުގެ ގޮތުން، މާޗް 2020 ގައި އެމެރިކާގެ ބޯޑަރުތައް ބަންދުކުރުމާ ގުޅިގެން، ވިލާތުގެ އިއްތިހާދުގެ ގައުމުތަކުންނާއި އިނގިރޭސި ވިލާތާއި ޗައިނާ އަދި އިންޑިއާ އާއި ބްރެޒިލް އިން ވައިގެ މަގުން އެމެރިކާ އަށް ކުރާ ދަތުރުތައް މުޅިން ހުއްޓުމަކަށް އައެވެ. މިއީ އެންމެ ގިނައިން އެމެރިކާ އަށް ވައިގެ މަގުން ދަތުރުކުރާ ގައުމުތަކެވެ. އޭގެ އިތުރުން މެކްސިކޯ އާއި ކެނެޑާ އިން އެއްގަމު މަގުން އެމެރިކާ އަށް ކުރާ ދަތުރުތައް ވެސް ހުއްޓުމަކަށް އައެވެ.

އެތައް މަހަކަށް ދެމިގެން ދިޔަ މި ފިޔަވަޅުގެ ސަބަބުން އެތައް މިލިއަން ބަޔަކަށް އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ބޯޑަރުތައް ބަންދުކުރި ނަމަވެސް، މިހާތަނަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހިފައިވަނީ އެމެރިކާ އިންނެވެ. އަދި ކޮވިޑް ބަލީގައި އެންމެ ގިނަ މީހުން މަރުވީވެސް އެމެރިކާ އިންނެވެ.

އެމެރިކާގެ ބޯޑަރުތައް ހުޅުވައިލުމާ ގުޅިގެން، އެޓްލާންޓިކް ހުރަސްކޮށް ދަތުރުކުރާ އެއާލައިންތަކުން މިހާރު ވަނީ، ވިލާތުގެ ގައުމުތަކުން އެމެރިކާ އަށާއި އެމެރިކާ އިން ވިލާތުގެ ގައުމުތަކަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފަ އެވެ. އަދި އާންމުކޮށް ބޭނުންކުރާ ބޯޓުފަހަރަށް ވުރެ ބޮޑެތި ބޯޓު ބޭނުންކުރަން ވެސް ވަނީ ނިންމައިފަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454