18 ނޮވެމްބަރ 2021 - 06:03
ބޮލީވުޑްގެ މަޝްހޫރު ބަތަލާ އައިޝްވާރިއާ ރާއީގެ ދަރިފުޅު އާރަދިއާ ބައްޗަންގެ 10 ވަނަ އުފަން ދުވަސް އަންގާރަ ދުވަހު ރާއްޖޭގައި ފާހަގަކޮށްފި އެވެ.
ދަރިފުޅުގެ އުފަން ދުވަސް އައިޝްވާރި އާއި ފިރިމީހާ އަބީޝެކް ބައްޗަން ފާހަގަކުރީ އެ މީހުން މިހާރު ޗުއްޓީ ހޭދަކުރަމުން އަންނަ އަމިއްލަ ފުށި ރިސޯޓްގަ އެވެ. އާރަދިއާގެ އުފަން ދުވަހުގެ ހަފުލާގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް އަބީޝެކްގެ އިންސްޓަގްރާމްގައި ވެސް ބުދަ ދުވަހު ޕޯސްޓްކޮށްފައިވެ އެވެ.
ދަރިފުޅުގެ އުފަން ދުވަސް އައިޝްވާރިއާގެ ދެމަފިރިން މި ފަހަރު ރާއްޖޭގައި ފާހަގަކުރިއިރު ބައްޗަން އާއިލާގެ މެމްބަރުން ކުރިން ވެސް އެކި ފަހަރު ރާއްޖެ އަށް ޒިޔާރަތްކޮށްފައިވެ އެވެ. މި ފަހަރުގެ ދަތުރުގެ ތެރެއިން ނަގާފައިވާ އެކި ފޮޓޯތައް އައިޝްވާރި އާއި އާއި އަބީޝެކްގެ އިންސްޓަގްރާމްގައި ޕޯސްްޓްކޮށްފައިވެ އެވެ.
ދަރިފުޅުގެ 10 ވަނަ އުފަން ދުވަސް ފާހަގަކުރި އިރު، ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ކުރީގެ މިސް ވޯލްޑް މިހާރު އިނީ ދެވަނަ ދަރިއަކަށް ބަލިވެ އެވެ. އެކަމަކު އެއީ އަދި ކަށަވަރު ވާހަކައަކަށް ނުވެ އެވެ. މީގެ ކުރިން ވެސް އެކި ފަހަރު މަތިން އައިޝްވާރިއާ ބަލިވެއިންކަމުގެ އަޑުތަކެއް އެރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy