18 ނޮވެމްބަރ 2021 - 06:21
ގޭތެރޭގައި އާންމުކޮށް ކުރަންޖެހޭ މަސައްކަތްތަކާއި އާންމު ވަޒީފާތައް އަދާކުރުމަކީ ވަކި ޖިންސަކަށް ހާއްސަ ކަމެއްގެ ގޮތުގައި ރާއްޖޭގެ ގިނަ މީހުން ނުދެކޭ ކަމަށް، އަންހެނުންނާ މެދު ގެންގުޅޭ ތަފާތުކުރުންތަކާއި އެ ކަންކަން ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ދެނެގަތުމަށް ހެދި ދިރާސާއަކުން ދައްކައިފި އެވެ.
ރައްޔިތުންގެ މަޖިލީހާއި ގައުމީ ޔުނިވަސިޓީން ގުޅިގެން ހެދި ދިރާސާގައި ޖިންސީ ތަފާތުކުރުމާއި ޖިންސީ ހަމަހަމަކަމާ ބެހޭ ގޮތުން އެކި ދާއިރާތަކުން މީހުންގެ ވިސްނުން ހުރި ގޮތް ބަލާފައިވެ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުން 619 މީހެއްގެ ހިޔާލު ހޯދައިގެން ހެދި މި ދިރާސާގައި ގޭތެރޭގައި އާންމު މަސައްކަތްތައް ކަމަށްވާ ކެއްކުން، ދޮވެ އިސްތިރިކުރުން، ގޭތެރޭގެ މަރާމާތު، ފަރުނީޗަރު ފަދަ ތަކެތި ގަތުން، ދަރިންނަށް ކާންދީ ފެންވެރުވުން އަދި ދަރިންގެ ޚަރަދު ބެލެހެއްޓުމަކީ ވަކި ޖިންސެއްގެ މީހުންނަށް ހާއްސަ ކަމެއްތޯ ސުވާލުކޮށްފައިވެ އެވެ. ދިރާސާގައި ހިޔާލު ދިން މީހުންގެ ތެރެއިން 78.9 ޕަސެންޓް މީހުންނަކީ އަންހެނުންނެވެ.
ގިނަ މަސައްކަތްތަކަކީ ވަކި ޖިންސަކަށް ހާއްސަ މަސައްކަތް ނޫން ކަމަށް ގިނަ މީހުން ބުނެފައި ވިޔަސް ބައެއް މަސައްކަތްތަކާ މެދު އެއީ ވަކި ޖިންސަކަށް ހާއްސަ ކަންތައް ކަމަށް ނިސްބަތުން ގިނަ މީހުން މީހުން ބުނެފައިވެ އެވެ. އޭގެ ތެރޭގައި، ދޮވެ އިސްތިރިކުރުމާއި ކެއްކުމާއި ދަރިން ބެލުން ފަދަ ކަންކަން އެއީ އަންހެނުންނަށް ހާއްސަ ކަންތައް ކަމަށް ވަރަށް ގިނަ މީހުން ގަބޫލުކުރުމާއި ގެޔަށް ބޭނުންވާ ފަރުނީޗަރު ފަދަ ތަކެތި ގަތުމާއި ދަރިންނަށް ހަރަދު ކުރުމަކީ ފިރިހެނުންނަށް ހާއްސަ ކަންތައް ކަމަށް ދެކޭ މީހުން ނިސްބަތުން ގިނަކަން ދިރާސާއިން ހާމަވެފައިވެ އެވެ.
ކެއްކުމަކީ ވަކި ޖިންސަކަށް ހާއްސަ ކަމެއް ނޫން ކަމަށް 79.4 ޕަސެންޓް މީހުން ބުނެފައިވެ އެވެ. މިއީ އަންހެނުންނަށް ހާއްސަ ކަމެއްގެ ގޮތުގައި 19.6 ޕަސެންޓް މީހުން ބުނި އިރު މިއީ ފިރިހެނުންނަށް ހާއްސަ މަސައްކަތެއް ކަމަށް ބުނީ އެންމެ 1 ޕަސެންޓް މީހުންނެވެ.
ދޮވެއިސްތިރިކުރުމަކީ ވަކި ޖިންސަކަށް ހާއްސަކަމެއް ނޫން ކަމަށް 75.9 ޕަސެންޓް މީހުން ބުނެފައިވެ އެވެ. މިކަން ހާއްސައީ އަންހެނުންނަށް ކަމަށް 22.8 ޕަސެންޓް އަދި ފިރިހެނުންނަށް ކަމަށް 1.3 ޕަސެންޓް މީހުން ބުނެފައިވެ އެވެ.
ދިރާސާގެ ނިންމުމުގައި ބުނެފައިވާ ގޮތުގައި ބައިނަލްއަގުވާމީ ދިރާސާތަކަށް ބަލާއިރު، ސަރަޙައްދީ ގައުމުތަކަށްވުރެ ރާއްޖޭގައި ޖިންސީ ތަފާތުކުރުން ނިސްބަތުން ކުޑަކަމަށް ގަބޫލުކުރެވޭ
ފަރުނީޗަރު ފަދަ ތަކެތި ގަތުމަކީ ފިރިހެނުންނަށް ހާއްސަ މަސައްކަތެއް ކަމަށްވާ 21.1 ޕަސެންޓް މީހުން ބުނެފައިވެ އެވެ. މިކަން އަންހެނުންނަށް ހާއްސަ ކަމަށް ދެކޭ މީހުންގެ ނިސްބަތަކީ 1.3 ޕަސެންޓެވެ. މިކަން ވަކި ޖިންސަކަށް ހާއްސަ ކަމަށް ނުދެކޭ މީހުންގެ ނިސްބަތަކީ 77.6 ޕަސެންޓެވެ.
ދަރިންނަށް ކާންދީ ފެންވެރުވުން ވަކި ޖިންސަކަށް ހާއްސަ ނުވާ ކަމަށް 79.4 ޕަސެންޓް މީހުން ބުނެފައި ވާއިރު ދަރިންގެ ހަރަދު ބެލެހެއްޓުން ވަކި ޖިންސަކަށް ހާއްސަނުވާ ކަމަށް ވެސް 72.1 ޕަސެންޓް މީހުން ބުނެފައިވެ އެވެ. އެކަމަކު ދަރިންނަށް ހަރަދު ދޭންޖެހޭނީ ފިރިހެނުން ކަމަށް 26.9 ޕަސެންޓް މީހުން ދެކެ އެވެ. ދަރިންނަށް ކާންދީ ފެންވެރުވުން އަންހެނުންނަށް ހާއްސަ ކަމަށް 19.6 ޕަސެންޓް މީހުން ބުނެފައިވެ އެވެ.
ދިރާސާގެ ނިންމުމުގައި ބުނެފައިވާ ގޮތުގައި ބައިނަލްއަގުވާމީ ދިރާސާތަކަށް ބަލާއިރު، ސަރަޙައްދީ ގައުމުތަކަށްވުރެ ރާއްޖޭގައި ޖިންސީ ތަފާތުކުރުން ނިސްބަތުން ކުޑަކަމަށް ގަބޫލުކުރެވޭނެ ޖާގަ އެބަ އޮތެވެ.
"ތަފާތު ފުރުސަތުތަކަށް ބަލާއިރު މިންތީގެ ތަފާތުކުރުންތަކެއް ނެތް ކަމަށް ވިޔަސް ކަންކަމަށް ކުރިމަތިލުމުގައި ސަގާފީ ވިސްނުމުގެ ތެރެއިންނާއި އާއިލީ ދިރިއުޅުމުގައި ހުންނަ ހުރަސްތަކެއްގެ ސަބަބުން އަންހެނަކަށް ވީތީ އެ ފުރުސަތުތައް ބޭނުންކުރުމަގައި ހުރަސްތަކެއް ހުރިކަން ފާހަގަކުރެވެއެވެ." ނިންމުމުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން، އެއް މަގާމެއްގައި އުޅޭ މީހުންނަށް އުޖޫރަ ކަނޑައެޅުމުގައި ޖިންސީ ތަފާތުކުރުމެއް ނޯންނަ ކަމަށާއި އެކަމަކު ކުރިމަތިލެވޭ ނުވަތަ ފުރުސަތު ލިބޭ ދާއިރާތަކުގައި ހުރި ތަފާތުތަކުގެ ސަބަބުން އަންހެނުންނަށް ލިބޭ އާމްދަނީ ޖުމްލަ ގޮތެއްގައި ކުޑަކަމަށް ދިރާސާގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަހަންގީރު
18 November 2021
ހިޔާފުލެޓުގެ މަސައްކަތުގަ އަންހެނުން ހަރަކާތްތެރިނުވޭ، ސަރުކާރުން އެބަޖެހޭ ހިޔާފުލެޓުތަކުގެ ތެރެއިން %33 ފުލެޓުގެ ފިނިޝިން މަސައްކަތް އަންހެނުންނަށް ހާއްސަކުރަން. މިއުޅޭ ޖަމުއްޔާތަކުންވެސް އެކަމަކާ އެއްޗެކޭ ނުބުނާތީ މިހެން މިބުނީ. ކުދިފުރޮޅުލީ ގޮނޑީގަ އޭސީގަތިބެގެން ކުރާ ކަންކަމުގަ އެކަނި ޕަސެންޓު ކަނޑައަޅައިގެން މިކަމެއްނުވާނެ.
މުލޭ
18 November 2021
އަނބިދަރިންނަށް ޚަރަދުދީ އަންނައުނު ހޯދައިދީ އާއިލާގެ ޚަރަދު ބެލެހެއްޓުމަކީ ފިރިމީހާއަށްް ވާޖިބު ކަމެއް. އެހެންވީމާ ފިރިހެނުންނަށް ޚާއްސަ ނުވެ ނުދާނެެ. އަންހެނުންނާއި ފިރިހެނުން އުފެއްދެވީ ވެސް ތަފާތުކޮށް. އެެހެންކަމުން ދެ ޖިންސަށް ޚާއްސަ ތަފާތު ކަަންކަން ހުންނާނެ. އެއީ ޝައްކެއް ވެސް އޮތް ކަމެއް ނޫން. އަދި ދެ ޖިންސަށް އެއްގޮތް ކަންކަން ވެސް ހުންނާނެ.
އަސްރަފް
18 November 2021
މަސްވެރިކަމާ، އިމާރާތްކުރުމާއި އަދި މިނޫންވެސް ބޮޑުތި ކަންކަމުން އަންހެނުންނަށް 33% ހާއްސަކުރަން ޖެހޭ. ހަމަ އެކަނި ވަކި ކަންކަން ހާއްސަ ކުރީމަ ކަމަކު ނުދޭ. ކޯޓާ ކަންޑައަޅާ މަޖުބޫރު ކުރުވަން ޖެހޭ
ހިތަދޫ 2
18 November 2021
އަނގަބަހުން ބުނާނެ ކޮންމެމީހެއް، އެކަމަކު ބުރަ މަސައްކަތެއް ވިއްޔާ ބޭނުމެއް ނުވާނެ، ބޭނުން ވަނީ ފިނި ކޮޓަރީގަ އަބަދު ތިބެން،
ތަކާނު
18 November 2021
އަންހެނުން ވަރަށް މަދު ކަމަށް ފެނޭ ލޭބަރުން އަދި މަޖޫރީންގެ ގޮތުގަ. ފަހަރެށްގާ ބޭނުން ވާވަރަށް ފުރުސަތު ނުލިބެނީ ކަންނޭގެ 33% ހާއްސަކުރުން މުހިންމު.
ބޮޑުވަޒީރު
18 November 2021
ހާދަ ސަޅިވީހޭ - މި މައުލޫމާތު ނެގުނުއިރު، ޖަވާބު ދިންމީހުންގެ: އުމުރު، ޖިންސު، ތައުލީމީ ފެންވަރު (ހުޅަނގު / އިސްލާމިކް ކިޔެވުން ވަކިން އެނގޭނޭހެން)، މީހަކާ އިނދެގެންތޯ / ނޫންތޯ. އުޅޭ ވަޒީފާގެ ބާވަތް، އޭރުން ހެދޭނެ މަލްޓިވޭރިއޭޓް އެނަލަސިސް އެއް، އެކި އެކި ގިންތީން ނަތީޖާއަށް ފޯރުވައި ނުފޫޒު އެކަހެރީ މާ ސާފު ތަފްޞީލީ ޖަވާބު ލިބުނީސް!!
ދސވޗސދ
18 November 2021
އަސްލު ދިރާސާގައި ބައިވެރިވާ މީހުންގެ އުމުރު ވަރަށް މުހިންމު. އަދި ޖަވާބުދޭއިރު އަންހެނުން ދެކޭ ގޮތާއި ފިރިހެނުނެ ދެކޭ ގޮތް ވަކިކުރުންވެސް މުހިންމު ކަންނޭނގެ. މުޅި ދިރާސާއަށް ލިންކެއްކުރިނަމަ