ރިޕޯޓް / ރިހިވެލި މޯލްޑިވްސް ރިސޯޓް

އާ މެނޭޖްމަންޓުން ރިހިވެލި ބަދަލުކޮށްލައިފި

ރިހިވެލީގެ ބީޗް ފްރަންޓް ރެސްޓޯރެންޓު: އެތަން މަރާމާތު ކުރުމުގެ މަސައްކަތް ވެސް ވަނީ ނިންމާލާފައި: ދުރުން ފެންނަނީ ރަށުގެ ގިރާ ސަރަހައްދާ ދިމާލުން ޖަހާފައި ހުރި ރިވެޓްމެންޓް -- ފޮޓޯ: ފަޔާޒު މުސާ/މިހާރު

ތިލަ ފަޅަކާއި އެ ފަޅުގައިވާ ކުޑަ ދެ ރަށަކާ އެކު ރިސޯޓު ހިންގަން މާހަލް ޓުއާސް ކުންފުންޏަށް މީގެ ސާޅީހަކަށް އަހަރު ކުރިން ދޫކުރި ކ. މަހާނައެޅިހުރާ ކިތަންމަހާ ވެސް ރީއްޗެވެ. އެކަމަކު، ފާއިތުވި ދެތިން އަހަރެއްހާ ދުވަހުގެ ތެރޭގައި، ރިހިވެލިގެ ނަމުގައި ހިންގާ މި ރަށް ކޯޓު "ހަނގުރާމަތަކެއް"ގެ މެދުގައި ބެދި މާހަލް އަށް ރަށުން އެކަށީގެންވާ މަންފާއެއް ނުލިބުނެވެ. މި މައްސަލަގަނޑުގެ ތެރޭގައި ރަށް މަރާމާތުނުކޮށް ދޫކޮށްލާފައި އޮތުމުގެ ސަބަބުން ރަށް ވީރާނާވެ، އިމާރާތްތަކާއި މުދަލަށް ވަރަށް ބޮޑަށް ގެއްލުންވި އެވެ. އަދި ރަށުގެ ގޮނޑުދޮށުން ބައެއް ވެސް ވަރަށް ބޮޑަށް ގިރައިގެން ދިޔަ އެވެ.

މި ރަށް ހިންގަން މާހަލްއިން ހަވާލު ކުރި ސޭވް ދަ ޑްރީމް މޯލްޑިވްސްގެ 50 ޕަސެންޓް ހިއްސާ އޮންނަ ފްރާންސްގެ ބަޔަކާ މައްސަލަ ޖެހި، މާހަލްއިން ސަބްލީޒް އެއްބަސްވުން ބާތިލުކޮށް އެ މީހުން އަތުން ރަށް އަތުލުމުން، އެ މީހުން ދިޔައީ ކޯޓަށެވެ. އަދި ފްރާންސް މީހުން އެދުނު ގޮތަށް ސިވިލް ކޯޓުން އެ މައްސަލަ ނިމެންދެން ވަގުތީ އަމުރެއް ނެރުމުން، މައްސަލަ ބަލައި ނިމެންދެން މާހަލްއަށް ރަށާ ހަވާލުނުވެވުނެވެ. އަހަރެއްހާ ދުވަސް ފަހުން މާހަލް އަށް ރަށް ލިބުނީ ސިވިލް ކޯޓުން މިދިޔަ އޮގަސްޓުގައި މާހަލްއާ އެއްކޮޅަށް ހުކުމް ކުރުމުންނެވެ.

ފްރާންސްގެ މީހުން ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށް ވިއްދާފައި އޮތަސް، މަޑުނުވެ ރަށް ހިންގައިގެން މަންފާއެއް ހޯދޭތޯ މާހަލްއިން މަސައްކަތް ފެށި އެވެ. ދައުލަތަށް ދައްކަން ޖެހޭ ފައިސާތައް ދައްކެން ވެސް އޮތީ އެހެންނެވެ. ރިޒޯޓު ހިންގަން ހަވާލު ކުރީ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ)ގެ މަސްލަހަތު އޮންނަ ބީޗްއެކްސް ކުންފުންޏާ އެވެ. ރިސޯޓު ކޮންސްޓްރަކްޝަންގެ ވިޔަފާރީގެ އިތުރުން އެހެން ވިޔަފާރިތައް ވެސް ކުރައްވަ ދޮންބެގެ ބެއްލެވުމުގެ ދަށުން ރަށް މަރާމާތުކޮށް މި ޕީކް ސީޒަނުގައި ރިޒޯޓު ހުޅުވަން ވަނީ އަމާޒު ހިފައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ)ގެ މަސްލަހަތު އޮންނަ ބީޗްއެކްސް ކުންފުނިން ރިހިވެލި ހިންގުމަށް ވަމުންދާ ތައްޔާރީތައް އޭނާ "މިހާރު"އަށް ކިޔައިދެއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މި ރަށަށް ދިޔުމުން ރަށަށް ގެނެސްފައި ހުރި ބަދަލުތައް ދައްކައި، ރަށުގެ ޓުއާއެއް "މިހާރު" އަށް ދެއްވީ ވެސް ރިސޯޓު އޮޕަރޭޓް ކުރުމުގެ މަސައްކަތް ފުރަތަމަ ފަހަރަށް ތަޖުރިބާ ކުރައްވަން އުޅުއްވާ ދޮންބެ އެވެ. ރިހިވެލީގައި ކުރިން ވީރާނާވެފައި ހުރި އެތައް ތަނެއް އާކޮށް، ތައާރަފު ކުރި އާ ކަންތައްތަކުގެ ވާހަކަ އޭނާ ކިޔައިދެއްވި އެވެ.

ބޮޑު "އޯވާހޯލް" އެއް

ރަށަށް އަރައިގެން ދިޔަ އިރު އެންމެ ފުރަތަމަ ލޮލުގައި އަޅައިގަންނަނީ ރަށުގެ ދިގު ފާލަމާ ގުޅިފައި ހުންނަ ޑައިވިން ލޮޖް އެވެ. ކުރިން ފަން ވެއްޓި ޑެކުގައި ބާގަނޑުތައް ހުރި އެތަން މިހާރު ފަން ޖަހައި އާ ކޮށްފި އެވެ. ވެލި އަޅައި ހަދާފައި ހުރި ރަށުގެ ދިގު ފާލަމުގެ ދެ ފަރާތުގައި ބޮކި ހަރު ކުރަން އެތަން ވެސް ހުރީ ކޮނެ ވަޔަރު އަޅަން ތައްޔާރުކޮށްފަ އެވެ.

ފާލަމުން ރަށާ ދިމާލަށް ހިނގަމުން ދިޔަ އިރު، ކައިރިކޮށްފައި އޮތް ސަޕްލައި ދޯންޏަކުން އެއްޗެހި ބަރުކޮށްގެން ދެކޮޅަށް ގާޑިއާ ދެމުމުގައި ބިދޭސީންތަކެއް އުޅުނެވެ. މިއީ ކޮންޓްރެކްޓް މަސައްކަތަށް ގެނެސްގެން އުޅޭ މީހުންނެވެ. ދޮންބެ ވިދާޅުވި ގޮތުގައި މި ރަށުގައި ކުރިން ތިބި މުވައްޒަފުންނަށް ވެސް އާ މެނޭޖްމަންޓުގެ ދަށުން ވަޒީފާ އަދާ ކުރުމުގެ ފުރުސަތު ވަނީ ދީފަ އެވެ. ގިނަ ބަޔަކު އެ ހުށަހެޅުން ގަބޫލުކޮށް ރިހިވެލީގައި މަޑު ކުރި އެވެ. އޭގެ ތެރޭގައި ފްރާންސަށް ނިސްބަތްވާ މުވައްޒަފަކު ވެސް ހިމެނެ އެވެ. "މިހާރު"ގެ ނޫސްވެރިން ރަށަށް ފޭބި އިރު މަރުހަބާ ކިޔަން އައިސް ހުރީ ވެސް އޭނާ އެވެ.

ރިހިވެލީގައި ކުރިން މަސައްކަތް ކުރި ބައެއް މުވައްޒަފުންނަށް ވެސް ވަނީ އާ މެނޭޖްމަންޓުގެ ދަށުން މަސައްކަތް ކުރުމުގެ ފުރުސަތު ދީފައި: މަޑު ކުރި މުވައްޒަފުންގެ ތެރޭގައި ފްރާންސްގެ މުވައްޒަފަކު ވެސް ހިމެނޭ -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ކުރިން ފުނިފުންޏަށް ފަރުނީޗަރުތައް ޖަހާފައި ހުރި ކޮޓަރިތައް މިހާރު ހުރީ ތަރުތީބުކޮށް ހިދުމަތް ދޭން ގާތްގަނޑަކަށް ތައްޔާރަށެވެ. ކޮޓަރިތަކުގެ އިމާރާތްތަކަށް ސާޅީހަކަށް އަހަރު ވިޔަސް އެތެރެ ވަރަށް ޒަމާނީ އެވެ.

ކުރިން ނެތް ބައެއް ސާމާނު ވެސް މިހާރު ކޮޓަރިތަކަށް ވައްދައިފި އެވެ. އަލަށް ގެންނަ އެއްޗެހީގެ ތެރޭގައި ކޮންމެ ކޮޓަރިއަކަށް ޓީވީ އާއި، އޭސީ އާއި، ފޯނާއި، ކޮފީ މެޝިނާއި، ތިޖޫރި އާއި މިނީ ބާ ހިމެނެ އެވެ. އޭސީ ހަރުކުރަން ބައެއް ދޮރުތައް ބަދަލުކޮށް ބިއްލޫރި ކުޑަދޮރުތައް ވެސް ވަނީ ޖަހައިފަ އެވެ. ކޮންމެ ކޮޓަރިއެއްގައި ފަޔާ އެލާމް ވެސް ހަރު ކުރުމުގެ މަސައްކަތަށް ވަޔަރުތައް އެޅުމަށް ބިންގަނޑު ވެސް ހުރީ ކޮނެފަ އެވެ.

ރިހިވެލީގެ ކޮޓަރިއެއްގެ އެތެރެ: ކުރިން ވީރާނާވެފައި ހުރި މި ކޮޓަރިތައް އާކޮށް، ބައެއް ޒަމާނީ ތަކެތި ވެސް ކޮޓަރިތަކަށް ވަނީ ގެނެސްފައި -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރިސޯޓުގެ މައި ވޯޓާ ފްރަންޓް ރެސްޓޯރެންޓު ވެސް މިހާރު ހުރީ މަރާމާތުކޮށް ނިންމައިފަ އެވެ. އެތަނުގައި ވެސް ކުރިއަށް ދިޔައީ އެންމެ ފަހުގެ ޒީނަތްތެރި ކުރުމުގެ މަސައްކަތެވެ. އެގޮތުން ރެސްޓޯރެންޓުގެ ޑެކުގެ މެދުގައި މޫދު ފެންނަ ގޮތަށް ހަދާފައި ހުންނަ ތަން ފުންކޮށް އެތަނަށް ކުދި މަސްތައް އަންނަ ފަދަ ގާތައް ވަނީ ޖަހައިފަ އެވެ.

ބާގަނޑުތައް ހެދިފައި ހުރި ރިސޯޓުގެ ބާގެ ފުރާޅު މަރާމާތުކޮށް، ހުރީ އާ ފަން ޖަހައިފަ އެވެ. މަތިމައްޗަށް ޖަހާފައި ހުރި ގޮނޑިތައް ރީއްޗަށް އަތުރާލައި އެތަން ވެސް ހުރީ ތައްޔާރަށެވެ. އެތަނަށް ދިޔަ އިރު ތަނުގެ ކައުންޓަރު ހެދުމުގެ މަސައްކަތާއި ކަރަންޓުގެ މަސައްކަތުގައި ދިވެހި ޒުވާނުންތަކެއް އުޅުނެވެ.

ކުރިން ފުރާޅުގައި ބާގަނޑުތައް ހެދި ރިސޯޓުގެ ބާ މިހާރު ހުރީ މުޅިންހެން ބަދަލުކޮށްލާފައި -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ފާއިތުވި ދެ މަހުގެ ތެރޭގައި ކުރި މަސައްކަތުން ރަށް ގިރުމުގެ މައްސަލަ އަށް ވެސް ވަނީ ހައްލެއް ގެނެސްފަ އެވެ. އީއައިއޭ އެއް ހަދައި، ހުއްދަ ހޯދައިގެން ރަށުގެ އެއްކޮޅުން ވެލިތައް ޕަމްޕު ކުރަނީ ކުރިން ގިރާފައި އޮތް ސަރަހައްދަށެވެ. އެ މަސައްކަތް ވެސް މިހާރު ގާތްގަނޑަކަށް ނިމިއްޖެ އެވެ. ދެން އޮތީ ވެލިގަނޑު އެއްވަރުކޮށް ސާފު ކުރުމެވެ.

ރަށް ގިރާ ސަރަހައްދާ ދިމާލުން ފަޅުތެރޭގައި ކުރިން ބަހައްޓާފައި ހުރި ގާ ތޮށި ނަގައި މިހާރު ހުރީ ޒަމާނީ ފެންވަރުގެ ރިވެޓްމެންޓު ޖަހައިފަ އެވެ. އެ ދިމާލުން މިހާރު ކޮންމެ ވެސް ވަރަކަށް ބީޗަށް ވެލި އަރަމުންދާ ކަމަށް ދޮންބެ ވިދާޅުވި އެވެ.

ކުރިން ރިހިވެލީގައި ގިރާފައި ހުރި ތަނަކަށް ރަށުގެ އެހެން ފަރާތަކުން ވެލި އަޅައިފައި: ރަށް ގިރުމުގެ މައްސަލައަށް ވެސް މި ވަގުތަށް ވަނީ ހައްލެއް ގެނެވިފައި -- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

މި ރަށުގެ ފަޅު ތެރޭގައި އޮންނަ ދެ ރަށް ވެސް ހިމެނެނީ ރިހިވެލީގެ އިހުތިސާސްގެ ތެރޭގަ އެވެ. އެކަމަކު، އެ ދެ ރަށް ތަރައްގީ ކުރުމުގެ ވިސްނުން ދޮންބެގެ އަދި ނެތެވެ. ސަބަބަކީ އެ ދެ ރަށަކީ ވެސް އެކި ބާވަތް ބާވަތުގެ ދޫނިތައް އުޅޭ ރަށަކަށް ވުމެވެ. ރިހިވެލީގައި އުޅޭ އިރު ގަސްގަހުގެ މަތިން އިވޭ ދޫނިތަކުގެ ގޮވެލިތަކަކީ އެ ދެ ރަށުން އަންނަ ދޫނިތަކުގެ އަޑެވެ. ރަށުން އެ ސިފަ ގެއްލިގެންދާން އޭނާ އެދިވަޑައެއް ނުގަނެ އެވެ.

ހުޅުވަން ހުރަހެއް ނެތް

ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ރިހިވެލި ހުޅުވަން ތައްޔާރުވަމުންދާއިރު ރިހިވެލީގެ ސަބްލީޒް ބާތިލު ކުރި މައްސަލަ އަދިވެސް ހައި ކޯޓުގައި ދަނީ ކުރިއަށެވެ. ސަބްލީޒް ބާތިލު ކުރި މައްސަލަ ޖެހުނީ ސޭވް ދަ ޑްރީމް މޯލްޑިވްސްގެ 50 ޕަސެންޓު ހިއްސާ އޮންނަ މާހަލްގެ ދިވެހި ހިއްސާދާރު، ފްރާންސްގެ ހިއްސާދާރުން ކުންފުނީގެ އެކައުންޓަށް ޖަމާ ކުރި 550،000 ޑޮލަރު އެކައުންޓުން ނެގުމަށްފަހު ނުދައްކާ ކަމަށް ބުނާ މައްސަލަގަނޑެއް ފެންމަތިވި ފަހުންނެވެ. ވައްކަމެއް ކަމަށް ފްރާންސް މީހުން ބުނާ މިކަން ކޯޓުގައި ސާބިތެއް އަދި ނުކުރެވެ އެވެ.

ހައި ކޯޓުގައި މައްސަލަ ހިނގަނިކޮށް މާހަލްއިން ރަށް އެހެން ބަޔަކަށް ދީފާނެތީ ސޭވް ދަ ޑްރީމް މޯލްޑިވްސްއިން ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށް ހައި ކޯޓުގައި އެދުނަސް، ހައި ކޯޓުން ނިންމާފައި ވަނީ އެފަދަ އަމުރެއް ނުދޭށެވެ. އެއީ އެފަދަ އަމުރެއް ނެރެފި ނަމަ ރަށް ނުހިންގި، ދައުލަތުން ރަށް ނަގައިފި ހާލަތެއްގައި ދެ ފަރާތަށް ވެސް ގެއްލުންވާނެތީ އެވެ.

ރިހިވެލީގެ ބީޗް ފްރަންޓް ރެސްޓޯރެންޓު ވެސް މިހާރު ވަނީ މަރާމާތުކޮށްފައި: އެތަނަށް ކުރިން ނެތް ބަދަލުތަކެއް ވެސް ވަނީ ގެނެސްފައި -- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

ސޭވް ދަ ޑްރީމް މޯލްޑިވްސްއިން އެދުނު ގޮތަށް ވަގުތީ އަމުރު ނެރުނު ނަމަ އެއީ ބީއެޗްއެކްސް އަށް އެޅޭނެ ބޮޑު ހުރަހެކެވެ. އެކަމަކު، ދެން ހުރަހެއް އެޅޭނީ މާހަލްއިން ސަބްލީޒް ބާތިލު ކުރި މައްސަލަ ހައި ކޯޓުން ފްރާންސް މީހުންނާ އެއްކޮޅަށް ނިމިއްޖެ ނަމަ އެވެ.

މިހާރު މަރާމާތުގެ މަސައްކަތާއި އެހެނިހެން ތައްޔާރީތައް ނިމުމުން ރަށް ހުޅުވަން އެއްވެސް ހުރަހެއް ނެތެވެ. ޓޫރިޒަމް މިނިސްޓްރީން ރަށުގެ އިންސްޕެކްޝަން ހަދައި މިހާރު ވަނީ ބީޗްއެކްސް އަށް އޮޕަރޭޓިން ލައިސަންސް ވެސް ދޫކޮށްފަ އެވެ.

ރިހިވެލި ރިޒޯޓުގެ ކޮޓަރިއެއް މަރާމާތުކޮށް ހިދުމަތް ދޭން ތައްޔާރުކޮށްފައި: މީގެ އެތައް އަހަރެއް ކުރިން އެޅި މި ކޮޓަރިތަކުގެ އެތެރެ މިހާރު ވަނީ ޒަމާނީ ފެންވަރަށް ހަދާފައި -- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

މާހަލްއިން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ރަށް ދައުލަތުން ނެގި ނަމަ އެ ހިސާބުން މުޅި މި މަސައްކަތް ހުއްޓޭނެ އެވެ. އެ ކުންފުނިން ކުއްޔާއި ޓެކްސް ފަދަ ފައިސާ އަދާ ނުކުރުމުން ކަމާ ބެހޭ ފަރާތްތަކުން އެތައް ފަހަރަކު އިންޒާރު ވެސް ދިނެވެ. އެ ކުންފުނިން ބުނާ ގޮތުގައި އެ ފައިސާ ނުދެއްކުނީ ސޭވް ދަ ޑްރީމް މޯލްޑިވްސްއިން ސަބްލީޒް ކުލި މާހަލް އަށް ނުދައްކާތީ އެވެ.

އެކަމަކު، މިހާރު މާހަލްއިން ވަނީ ދައުލަތަށް ނުދައްކާ ހުރި ކުލި ބަހާލައިގެން ދައްކާ ގޮތަށް ހަމަޖައްސައި އޭގެން ފުރަތަމަ ޕޭމަންޓު ދައްކައިފަ އެވެ. އަދި ދައުލަތަށް ދައްކަން ޖެހޭ ޓެކްސްތައް ވެސް ދައްކާފައިވާ ކަމަށް ވެ އެވެ.

ރިހިވެލި އަލުން ހިންގަން ފަށާކަން އެތަނަށް ފާއިތުވި އަހަރުތަކުގައި ތަކުރާރުކޮށް އަންނަމުންދާ ޓޫރިސްޓުންނަށް ވެސް މިހާރު އެނގިއްޖެ އެވެ. މިހާރުއްސުރެ ބުކިންތައް އަންނަމުންދާ ކަމަށް ދޮންބެ ވިދާޅުވި އެވެ. ކުރީގެ އޮޕަރޭޓަރުން ބްލެކް ލިސްޓުކޮށްފައި ތިބި ބައެއް މީހުން ވެސް އަންނަން ބޭނުންވެގެން މެސެޖުކޮށްފައި އެބަ ހުއްޓެވެ.

14 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 0%
icon angry icon angry 56%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕުލާސްޓިކާދެކޮޅު ހުދާ

26 November 2021

ރިހިވެލީގައި އުޅޭ އިރު ގަސްގަހުގެ މަތިން އިވޭ ދޫނިތަކުގެ ގޮވެލިތަކަކީ އެ ދެ ރަށުން އަންނަ ދޫނިތަކުގެ އަޑެވެ. ރަށުން އެ ސިފަ ގެއްލިގެންދާން އޭނާ އެދިވަޑައެއް ނުގަނެ އެވެ. ** އެކަމަކު އެތައް ސަތޭކަ ކޮޑިއެއްގެ ލަކުޑި ބޭނުންކޮށްފަ، ބަލަ މިޒަމާނުގަ ލަކުޑީގެ ލުކް ހުންނަ އެއަށްވުރެ އަގުހެޔޮ މެޓީރިއަލްހުރެޔޭ، ދެކޮޅުނުޖެހޭދޯ އެހެންވީމަ ދޫނީގެ އަޑު ކެނޑިދާނެތީ އުޅޭއިރު ޖަންގަލީ ކޮށާލަނީ

The name is already taken The name is available. Register?

ފުރެންޑޫ

22 November 2021

ފައިސާ ޗާޕުކުރަން ސަޕޯޓު ކުރާނެތާ. މަޖްލިސް އަށް ހޮވުނު ތާ 3 އަހަރު. މިހާރު ރިސޯޓެއް އަމިއްލަ ކޮށް ހިންގަން ފެށީ. މަޖްލިސް މެމްބަރު ކަމަށް ހޮވުމަކީ މުއްސަދި ވުމަށް ކުރެވޭ އިންވެސްޓްމަންޓެއް.

The name is already taken The name is available. Register?

ފޫލިޝްނ

23 November 2021

އަލަށް ވިޔަފާރި ފަށައިގެން އުޅޭ މީހެއް ނޫނޭ.

The name is already taken The name is available. Register?

ކަރީ

22 November 2021

55 އިންވެސްޓަރުން / ދޮންބެ، މިއޮތީ މާރަގަޅަށްވެސް ތަފާތު ދައްކާފަ. ކީކޭބާ ދެއުޅިއެއްނުވާ ވަކީލު ބުނާނީ ދެން. ދިވެހިންނަށް ފުރުސަތު ލިބިއްޖެއްޔާ މާރަގަޅަށްވެސް ދެމިގަންނާނެ. ކާމިޔާބަށް އެދެން ދޮންބެއަށް.

The name is already taken The name is available. Register?

ވޯލް

22 November 2021

މަޖިލިސް ބޮލާލަ ޖަހަފަ ގޮސް ވިޔަފަރި ކުރަން މިމީހުން އުޅެނީ. މިއީ ރައްޔިތުންނަށް ޚިދުމަތް ކުރަން ދެލޮލަށް ނިދި ނައިސްގެން މަޖިލިސްއަށް ވަނަން މީހުންގެ ހާލު. މަޖިލިހުން އިސްތިއުފަދީފަ ގޮސަ ވިޔަފަރީގައި އުޅޭ. މިހަ މަައްސލަ ބޮޑު ކަމެއްގެ ތެރެއަށް އެމްޕީ އެއް ވަންކަމަށް ވަންޔާ މުއައްސަސާތަކަށް ނުފޫޒުވެސް ފޯރުވާފަ އޮންނާނީ.

The name is already taken The name is available. Register?

މިއާ

22 November 2021

ސޭވް ދަ ޑްރީމް މީހުން މުވައްޒަފުންނަށް ނުދީހުރި މުސާރަ ލިބޭނެ ގޮތެއް ނެތަ؟

The name is already taken The name is available. Register?

ހޫކަލޯ

22 November 2021

ތިޔަބަޔަކު އަތުން ލިބޭނެ އެއްވެސް އެއްޗެއްނެތް. އެމީހުން ފިލައިފި.

The name is already taken The name is available. Register?

އިބްރާހީމްސ

23 November 2021

ތިސުވާލަށް ސޭވް ދަ ޑްރީމުން ބުނަނީ ކީކޭބާ؟

The name is already taken The name is available. Register?

ޒުލޭހާ

22 November 2021

ތިވާނެ މުވައްޒަފުންނަށް ހެޔޮވެރިއަކަށް. މަރުހަބާ ދޮންބެ.

The name is already taken The name is available. Register?

އިސްމާލި

22 November 2021

މި ހަބަރުން މަށަށް އެންމެ އަޅައިގަތީ މަޖްލިސް މެމްބަރެއް ހޭ ވައްޓާލާފައި އަމިއްލަ މަސައްކަތުގައި ވަގުތު ހޭދަކުރަމުން ދާތަން. މަޖްލީހުގެ މަސައްކަތްތައް ހުރީ ކިހިނެއް ކަމެއްް ނޭނގެ. އެނގޭ އެއްޗަކީ އެހެން ތަނެއްގެ މުވައްޒަފެއް ނަމަ މިހާރު ވަކި ކޮށްފާނެކަން. މަށަށް ޔަގީން ފުވައްމުލަކު އުތުރު ދާއިރާގެ ރައްޔިތުން މިހާރު ތިބޭނެ އެމީހުންގެ މެންބަރުގެ މުރާލިކަމުން އަތް ޖަހަން.

The name is already taken The name is available. Register?

ރަސްމާ

22 November 2021

ފަށާ ކޮޅު ޖައްވާއި ހަމައަށް ފަހުން ދާނީ ބޮނޑު ނަގުލަށް

The name is already taken The name is available. Register?

ރައްޔިތު ވޮއިސް

22 November 2021

މިއީ މަމެން އަބަދުމެ ދައްކާ ވާހަަކަ! އެއްކަލަ ފުރާންސު ދެރުފިޔާބައި ގުރޫޕު ރިހިވެލި ވީރާނާވާން ދޫކޮށްލާފައޮތީ! އިންވެސްޓް ކުރެވޭ ފެންވަރުގެ ދިވެހި އެންމެ އިންވެސްޓަރެއްގެ ފަރަގު މިއޮތީ ދައްކާފަ! 55 ފުރާންސު “އިންވެސްޓަރުން” ކީކޭބާ މިހާރު ކިޔާނީ؟؟

The name is already taken The name is available. Register?

ވީގޮތްއެނގިއްޖެ

22 November 2021

ވިޔަފާރީގައި ކާމިޔާބުވުމަށް މިހާރު ބޭނުންވަނީ ކޮންމެވެސް ސިޔާސީ މީހަކާ ގުޅިފައިހުރުން. މަޖިލީހުގައި ތިބި ގިނަ މެންބަރުން ކަމަކީ ވިޔަފާރި ހިންގުން ނުވަތަ ވިޔަފާރިއަކަށް ކޮންމެވެސް ގޮތަކަށް އަތް ބޭނުން. މިހާރު އެނގިއްޖެ، ފްރާންސް މީހުން މި ބޭރުކުރީ ކިހިނެއްކަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454