ކުޅިވަރު / ބާސެލޯނާ

މެސީ އަށް ފަހު ގޯލްޑެން ބޯއީ އެވޯޑް ހޯދި ފުރަތަމަ ބާސާ ކުޅުންތެރިޔަކަށް ޕެޑްރީ

ޕެޑްރީ މި ސީޒަނުގައި ބާސެލޯނާއަށް ކުޅެނީ.--

ޔޫރަޕުގައި ކުޅޭ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ގޯލްޑެން ބޯއީ އެވޯޑް ބާސެލޯނާ އަދި ސްޕެއިނަށް ކުޅޭ 18 އަހަރުގެ މިޑްފީލްޑަރު ޕެޑްރީ އަށް ލިބިއްޖެ އެވެ.

މިއީ އިޓަލީގެ "ޓުޓޯސްޕޯޓް" އިން 2003 ވަނަ އަހަރު ދޭން ފެށި އެވޯޑް ބާސެލޯނާގެ ކުޅުންތެރިޔަކު ހާސިލް ކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން 2005 ވަނަ އަހަރު ގޯލްޑެން ބޯއީ އެވޯޑް ހާސިލް ކުރީ ލިއޮނެލް މެސީ އެވެ. އަދި ޕެޑްރީ އަކީ މި އެވޯޑް ހާސިލް ކުރި ސްޕެއިނުގެ ތިންވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން 2006 ވަނަ އަހަރު ސެސްކް ފެބްރިގާސް އާއި 2012 ވަނަ އަހަރު އިސްކޯ މި އެވޯޑް ހޯދި އެވެ.

މި އަހަރުގެ ގޯލްޑެން ބޯއީ އެވޯޑަށް، ޕެޑްރީއާ އެކު ބާސެލޯނާއަށް ކުޅޭ ގަވީ ވެސް ވާދަކުރި އެވެ. މީގެ އިތުރުން ބެޔާން މިއުނިކަށް ކުޅޭ ޖަމާލް މުސިއާލާ އާއި ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ ޖޫޑް ބެލިންހަމާއި ޖޯ ރޭނާގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑުގެ މޭސަން ގްރީންވުޑާއި އާސެނަލްގެ ބުޔާކޯ ސަކާ އާއި ޕީއެސްޖީއަށް ކުޅޭ ޕޯޗުގަލްގެ ނޫނޯ މެންޑޭޒް އަދި ރެއާލް މެޑްރިޑުގެ ރޮޑްރީގޯ އާއި، އާސެނަލް އިން ފްރާންސްގެ މާސޭއަށް ލޯނު އުސޫލުން ކުޅުނު ވިލިއަމް ސަލީބާ ވެސް މި އެވޯޑަށް ނޮމިނޭޓްވި އެވެ.

ޕެޑްރީ (26)، މިއަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި އިޓަލީއާ ދެކޮޅަށް ކުޅެނީ.--

ފްރާންސްގެ ރެނެސް އިން މިސީޒަނުގައި ރެއާލް މެޑްރިޑަށް ބަދަލުވި އެޑުއާޑޯ ކަމަވިންގާ އާއި އޭސީ މިލާނަށް ކުޅޭ، އެޓީމުގެ ކުރީގެ ކެޕްޓަން ޕައޮލޯ މަލްޑިނީގެ ދަރިފުޅު ޑެނިއެލް މަލްޑިނީ ވެސް މި އަހަރުގެ ގޯލްޑެން ބޯއި އެވޯޑަށް ޝޯޓްލިސްޓުކުރި 20 ކުޅުންތެރިންގެ ތެރޭގައި ހިމެނެ އެވެ. މިދިޔަ އަހަރު ގޯލްޑެން ބޯއީ އެވޯޑް ހޯދީ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ ނޯވޭގެ ތަރި އާލިން ބްރައުޓް ހާލަންޑެވެ.

މިދިޔަ ސީޒަނުގައި ބާސެލޯނާގެ ސީނިއާ ޓީމުގައި ހިމެނިގެން އޭނާ ވަނީ ޓީމަށް މުހިއްމު ކުޅުމެއް ކުޅެދީފަ އެވެ. ކޮޕަ ޑެލް ރޭ މުބާރާތް ބާސެލޯނާ މިދިޔަ ސީޒަނުގައި ކާމިޔާބު ކުރިއިރު ޕެޑްރީ ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

ބާސެލޯނާ މިދިޔަ ސީޒަނުގައި ކުޅުނު 54 މެޗުގެ ތެރެއިން ދެ މެޗު ފިޔަވައި ހުރިހާ މެޗެއްގައި ވެސް ކުޅެ، ޕެޑްރީ ވަނީ މިއަހަރުގެ ޖޫން މަހު އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތަށް ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ނެގި ޓީމުގައި ވެސް ހިމެނިފަ އެވެ.

އޭގެ ކުރިން ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި މިއަހަރު ގްރީސްއާ ދެކޮޅަށް ސްޕެއިން ކުޅުނު މެޗުގައި ސީނިއާ ގައުމީ ޓީމަށް ކުޅެން ފެށި ޕެޑްރީ ވަނީ މިއަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ސްޕެއިން ޓީމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ހުރިހާ މެޗެއްގައި ވެސް ފުރަތަމަ 11 ގައި ހިމެނިގެން ފުލްކޮށް ކުޅުނުއިރު، އޭނާ ބަދަލުކޮށްފައި ވަނީ އެންމެ މެޗެއްގަ އެވެ. އެއީ ކުއާޓާ ފައިނަލުގައި ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗުގެ 119 ވަނަ މިނިޓުގަ އެވެ.

ޔޫރޯ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ވެސް ހޮވުނު ޕެޑްރީ އަކީ މުބާރާތުގެ "ޔޫއެފާ ޓީމް އޮފް ދަ ޓޯނަމެންޓް" ގައި ހިމެނުނު އެންމެ ޒުވާން އަދި ސްޕެއިންގެ ހަމައެކަނި ކުޅުންތެރިޔާ އެވެ.

ޔޫރޯ އަށް ފަހު ޕެޑްރީ ވަނީ ސްޕެއިންގެ 23 އަހަރުން ދަށުގެ ޓީމާ އެކު ޖަޕާނުގައި އޮތް އޮލިމްޕިކްސް މުބާރާތުގައި ވެސް ކުޅެފަ އެވެ. އޮލިމްޕިކުގައި ވެސް ސްޕެއިން ކުޅުނު ހުރިހާ މެޗެއްގައި ވެސް ޕެޑްރީ ކުޅުނެވެ. އޮލިމްޕިކް ރަން މެޑައްޔެއް ސްޕެއިން އަށް ނުލިބުނީ ފައިނަލުގައި ބްރެޒިލް އަތުން ބަލިވުމުންނެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454